ޚަބަރު

ރިޔާސީ އިންތިޚާބަށް އޮފިޝަލުން ތަމްރީންކުރުމުގެ މަސައްކަތް އަންނަމަހު


  • ޓްރެއިނަރުން އުފެއްދުމުގެ ޕްރޮގުރާމް ކުރިއަށް ދާނީ މި މަހު 15 އިން 21އަށް

  • މި ޕްރޮގުރާމުގައި 85 ޓްރެއިނަރުން ތަމްރީނު ކުރާނެ

  • މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 5600 އޮފިޝަލުން ބައިވެރިވާނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޙަރަކާތްތެރިވާނެ އޮފިޝަލުންނަށް ތަމްރީނު ދިނުމުގެ ޕްރޮގުރާމުތައް، މިއަންނަމަހު ފަށްޓަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އޮފިޝަލުން ތަމްރީންކުރުމަށްޓަކާ ބޭނުންވާ ޓްރެއިނަރުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ފަށާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތަކީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ތަމްރީންކުރުމުގެ މަސައްކަތެވެ. މިކަމަށް ބޭނުންވާ ޓްރެއިނަރުން އެފުއްދުމުގެ މަސައްކަތް މިމަހުގެ 15 ވަނީ އިލެކްޝަނުން ވަނީ ފަށްޓަވާފައެވެ.

ރިޔާސީ އިންތިޚާބާއި ބެހޭ މައި މަރުކަޒު ދަރުބާރުގޭގައި މި މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ދަނީ ކުރިއަށެވެ. ޓްރެއިނަރުން ތަމްރީންކުރުމުގެ ޕްރޮގުރާމްތައް މިމަހުގެ 21 އާއި ހަމައަށް ކުރިއަށްދާނެއެވެ.

މި ޕްރޮގުރާމް އިލެކްޝަނުން ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ، ކޮންމެ ދުވަހެއްގެވެސް ހެނދުނު 8 އިން އިރުއޮއްސި 6 އަކާއި ހަމައަށެވެ. މި ޕްރޮގުރާމްގައި އޮފިޝަލުން ތަމްރީނުކުރާއިރު، ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަންތަކާއި، ޢަމަލީގޮތުން ކުރަންޖެހޭ ކަންކަމާއި ވޯޓުލުމުގެ މަރުޙަލާގައި، އޮފިޝަލުންނަށް ދޭންޖެހޭ އިރުޝާދުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވިގެންދާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ޕްރޮގުރާމުގައި ޖުމްލަ 85 ޓްރެއިނަރުން ތަމްރީނު ކުރެވިގެންދާނެ ކަމަށެވެ. ހަމައެހެންމެ، މި ޓްރެއިނަރުންގެ ތެރޭގައި އެޗްއާރުސީއެމްގެ 4 ބޭފުޅަކުވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް އިލެކްޝަނުން މަޢުލޫމާތު ދެއްވިއެވެ.

އިލެކްޝަނުން ވިދާޅުވީ މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ، ޓްރެއިނަރުންގެ ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރުތައް ޓެސްޓުކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކުރިއަށް ދާނީ، ވޯޓުލާ މަރުކަޒުގައި ވޯޓިންގ މަރުހަލާގައި ފެށިގެން ނިމެންދެން އެ ބޭފުޅުން މަރުކަޒު ތައްޔާރުކުރުންފަދަ ކަންކަމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާނެކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

"ޓްރެއިނަރުން ވީމަ ކޮންޓެންޓްގައި ހުންނާނެ އޮފިޝަލުން ޢަމަލުކުރައްވަންޖެހޭ މަސައްކަތްތައް ކުރާނެ ގޮތް، ބޭނުންކުރާނެ އެއްޗިހި، މަރުޙަލާތައް، ހާޒިރުވާންވީ ގަޑި އާއި، ދެން ޑިސްޓްރިބިޔުޝަންގެ ކަންކަން ހަމަޖެހިފައިވާ ގޮތާއި، އޮފިޝަލުންގެ ސުލޫކީ މިންގަނޑުތަކާއި، މަންދޫބުންނަކީ ކޮބައިކަމާއި، އެ ބޭފުޅުންގެ ސުލޫކީ މިންގަނޑުތަކާއި، ކިޔުގައި ނުޖެހި އެ ދުވަހު ވޯޓު ލެވޭނެ ފަރާތްތަކާއި، އެ ބޭފުޅުން ފާހަގަކުރާނެ ގޮތްތަކާއި، މިގޮތަށް އިންތިޚާބު ފެށިގެން އެ ދުވަހު ހެނދުނުން ހަވީރު ވަންދެން ކުރަންޖެހޭ ކަންތައްތައް ހިމަނައިގެން އަޅުގަނޑުމެން ކޮންޓެންޓް ކުރިއަށް މި ގެންދަނީ." އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލަކު ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 5،600 އޮފިޝަލުން ހަރަކާތްތެރިވާނެއެވެ. އަދި ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމުގެ މަސައްކަތް، އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަދިވެސް ކުރައްވަމުންނެވެ. މީގެ އިތުރަށް، މި މަހުގެ 23 ވަނަ ދުވަހު، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ކޮމިޝަނުން ރަސްމީކޮށް ހުޅުވާލައްވާނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެގޮތުން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ.