ޚަބަރު

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އާދީއްތަ ދުވަހު ހުޅުވާލަނީ


  • މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން 3 އިންތިޚާބު ބޭއްވިއިރު، 4 ރައީސަކު ވެރިކަން ކުރައްވާފައިވޭ

  • ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އާދީތަ ދުވަހު ހުޅުވާލާނެ

  • ރައީސް ޔާމީނަށް އިންސާފު ލިބެންދެން އިންތިޚާބު ފަސް ކުރުމަށް އިދިކޮޅު ވަނީ ގޮވާލާފަ

  • ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭނީ އެ ކެންޑިޑޭޓެއްގެ ނަމުގައި އެކައުންޓެއް ހުޅުވައިގެން

ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ އަދީއްތަ ދުވަހު ފުރުޞަތު ހުޅުވާލައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޤާނޫނަށް ގެނެވުނު އިސްލާޙާއއެކު އިންތިޚާބުގައި ކުރިމަތިލުމަށް 14 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.

ޤާނޫނު އަސާސީގައި ކޮންމެ 5 އަހަރަކުން އެއްފަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރަންޖެހޭކަމަށް ވަނީ ބަޔާން ކުރައްވާފައެވެ. ރައްޔިތުންގެ ސީދާ ވޯޓަކުން ޤައުމުގެ ވެރިއަކު ކަނޑައެޅުމަށް މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ވަނީ 3 ރިޔާސީ އިންތިޚާބެއް ބާއްވާފައެވެ. 2008، 2013 އަދި 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުތައް ވެގެން ގޮސްފައިވަނީ ވާދަވެރި، އިންތިޚާބު ތަކަށެވެ.

ރާއްޖޭގައި މިހާތަނަށް 3 ރިޔާސީ އިންތިޚާބެއް ބޭއްވުނު ނަމަވެސް މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން 4 ރައީސަކު ވަނީ ރާއްޖޭގެ ރައީސްކަން ކުރައްވާފައެވެ. އެއީ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަނާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އާދީއްތަ ދުވަހު ހުޅުވާލަނީ:

މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގައި ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވާފައެވެ.

އިންތިޚާބުގައި ވާދަކުރުމަށް މިމަހުގެ 23 ވާ އާދީއްތަ ދުވަހު ހުޅުވާލާއިރު ޕާޓީތަކުންނާއި، ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައްވެސް ދަނީ ފެންނަމުންނެވެ. މިހާތަނަށް 4 ސިޔާސީ ޕާޓީއަކުން އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް 3 ކެނޑިޑޭޓަކަށް ވަނީ ރިޔާސީ ޓިކެޓްވެސް ހަވާލުކުރައްވާފައެވެ.

ޕާޓީތަކުން ޓިކެޓް ހަވާލު ކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެނޑިޑޭޓް ގެންދަވަނީ އަތޮޅު ތެރޭގައި ކެމްޕޭން ކުރިއަށް ގެންދަމުންނެވެ. ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީންވެސް ދަނީ ކެމްޕޭން ހަރަކާތްތައް އަތޮޅު ތެރޭގައި ކުރިއަށް ގެންދަމުންނެވެ. އިންތިޚާބުގައި ކުރިމަތިލެވޭނީ އެއްލައްކަ ރުފިޔާގެ ފީއެއް ދައްކައިގެންނެވެ. އެފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

އިދިކޮޅުން ގޮވާލީ އިންތިޚާބު ފަސްކުރަން:

ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރިޔާސީ ޓިކެޓް ދެއްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ބޭއްވުން ފަސް ކުރުމަށް އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.


ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވަން އޮތީ އެމަނިކުފާނުގެ މައްޗަށް އިއްވަވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އަންނަ މަހުގެ 07 ވަނަ ދުވަހުގެ ކުރިން ހައިކޯޓުން ބާތިލް ކޮށްގެންނެވެ.

ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު މިހާރު ޗުއްޓީގައި ހުންނެވުމުން އެ މައްސަލަ އެންމެ އަވަހަށް ވެސް ދެން ތާވަލް ކުރެވެން އޮތީ މިމަހުގެ ފަހުކޮޅުގައެވެ.

ޚަރަދު ކުރެވޭނީ ކެނޑިޑޭޓެއްގެ ނަމުގައި އެކައުންޓެއް ހުޅުވައިގެން:

ރިޔާސީ އިންތިޚާބު 2023 ގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޚަރަދު ކުރެވޭނީ އެ ކެނޑިޑޭޓެއްގެ ނަމުގައި އެކައުންޓެއް ހުޅުވައިގެން ކަަމަށް އިލެކްޝަންސް ކޮމިޝަން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކޮންމެ ކެނޑިޑޭޓެއްގެ އިންތިޚާބާއި ގުޅޭ އެންމެހާ ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްސަ ކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެނޑިޑޭޓުގެ ނަމުގައި، ހުޅުވަންވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކޮންމެ ކެނޑިޑޭޓަކުވެސް، އެ އިންތިޚާބާއި ގުޅިގެން ކުރާ ހުރިހާ ޚަރަދެއް ކުރަންވާނީ، އަލަށް މި ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް ކަަމަށްވެސް ހަބީބް ވިދާޅުވިއެވެ. އިންތިޚާބުތަކުގައި ވާދަ ކުރާ ކެނޑިޑޭޓުން އިންތިޚާބަށް ޚާއްސަ ބޭންކް އެކައުންޓް ހުޅުވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ބޭންކްތަކުން ބަލާނެ ކަންކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކަށް މަޢުލޫމާތު ދިނުމަށް އެމް.އެމް.އޭ އާއި އީ.ސީ.އެމް ގުޅިގެން އިލެކްޝަނުން ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވާފައެވެ. ޤާނޫނުގައި ބުނާގޮތުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ޝަރުތުތައް ހަމަވާނަމަ އެކެނޑިޑޭޓަކަށް އިލެކްޝަނުން އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ދެއްވާނެއެވެ. ކޮމިޝަނުން މަސައްކަތް ކުރައްވަނީ މި އިންތިޚާބު ވީހާވެސް ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތަކަށް ބޭއްވުމަށެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު 9 ސެޕްޓެމްބަރާ ހަމައަށް 280،000 އަށް އަރާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދަށް ބަލާއިރު 18 އަހަރު ފުރިގެން އިތުރުވި މީހުންނާއި އަދި ނިޔާވުމުގެ ސަބަބުން އުނިކުރި މީހުންގެ ތެރެއިން 2018 އާއި 2023 ގެ ފަރަގަކީ ގާތް ގަނޑަަކަށް 20،000 މީހުން ކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.