ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިންގްލަންޑުގެ ޑިފެންޑަރު ހެރީ މެގުއާ އަތުން މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަތުލައިފިއެވެ.
މީޑިއާ ރިޕޯޯޓުތައް ބުނާގޮތުން މެގުއާ އަތުން ކެޕްޓަން ބޭންޑު ނެގުމަށް ނިންމީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގެވެ. ސަބަބަކީ މެގުއާގެ ކުޅުމާމެދު ހިތްހަމަނުޖެހުމެވެ. މިދިޔަ ސީޒަނުގައި އޭނާއަށް ލިބުނު މެޗުތަކުގެ އަދަދުވެސް މަދެވެ. ޖުމްލަ 16 މެޗުގައި އޭނާއަށް ފުރުސަތު ދިންއިރު ފުރަތަމަ އެގާރައިގައި އޭނާ ހިމެނީ އަށް މެޗުގައެވެ.
މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މެގުއާ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރުފާޅުކޮށްފައެވެ. މެގުއާ ބުނީ ކެޕްޓަން ބޭންޑް ނެގުމުން މާޔޫސްވާ ކަމަށާއި ކުލަބަށް އެންމެ މަތީ ދަރަޖައިގައި ޚިދުމަތްކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޓެން ހާގްއާ ކުރި މަޝްވަރާތަކުގައި، ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އޭނާ އަތުން ނަގަން ނިންމިކަން ހާމަކޮށްފައިވާ ކަމަށެވެ.
މެގުއާ ބުނީ ކްލަބް ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ޝަރަފަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރުން ކަމަށާއި ކްލަބްގެ ކެޕްޓަނަކަށް ހަމަޖެއްސި އޮލެ ގުނާ ސޯލްޝެއާއަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުގެ ކެޕްޓަންކަން ދިނުން ގާތީ އެ ކުލަބަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްއަށެވެ. އެންމެ ފަހުން ނިމިދިޔަ ސީޒަނުގައި ވެސް ކުލަބުގެ ކެޕްޓަން ބޭންޑު އަޅައިގެން ބްރޫނޯ ގިނަ މެޗުތަކެއްގައި ކުޅުނެވެ.