ކުޅިވަރު

ވިމްބަލްޑަން ޓެނިސް މުބާރާތް: ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން އަލްކަރާޒަށް


ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ބަލިކޮށް ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އުމުރުން 20 އަހަރުގެ ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނަށް އުފަން އަލްކަރާޒް ހޯދީ ފައިނަލުގައި ޖޮކޮވިޗް އާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓް 6-1 އިން ޖޮކޮވިޗް ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓް 7-6 އަދި 6-1 އިން ގެންދިޔައީ އަލްކަރާޒް އެވެ. ހަތަރުވަނަ ސެޓު 6-3 އިން ޖޮކޮވިޗް ގެންގޮސް ސެޓުތަކުގެ އަދަދު ހަމަހަމަވުމުން ކުޅުނު ފަސްވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 6-4 އިން ކާމިޔާބުކޮށް އަލްކަރާޒް ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި މުބާރާތް ޖޮކޮވިޗް ކާމިިޔާބުކޮށްފިނަމަ ރޮޖާ ފެޑެރާގެ ވިމްބަލްޑަން ރެކޯޑާ ހަމަވާނެއެވެ. ފެޑެރާ 8 ފަހަރު ވިމްބަލްޑަން ކާމިޔާބުކުރި އިރު ޖޮކޮވިޗް ވަނީ ހަތް ފަހަރު ކާމިޔާބުކޮށްފައެވެ. މިއީ އަލްކަރާޒް ހޯދި ތާރީހީ ދެވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.

މެޗަށްފަހު ވާހަކަދައްކަމުން އަލްކަރާޒް ބުނީ މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި ޖޮކޮވިޗް އާއި ދެކޮޅަށް ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ަކމަށާއި އަދި މިހާ ޒުވާން އުމުރެއްގައި މި ފެންވަރުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އަމިއްލަ ނަފްސާއި މެދު ފަހުރުވެރިވާ ފަދަ ކަމެއް ކަމަށެވެ.

އަލްކަރާޒް ވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.