ޚަބަރު

ޝަރުޢީ މަރުޙަލާތައް ހިނގާގޮތް ކިޔައިދީ، ކޯޓުތަކަށް ޢާއްމުން ފަރިތަކޮށްދޭންޖެހޭ: އުއްތަމަ ފަނޑިޔާރު


  • "ކޯޓަށް ފަރިތަ" ނަމުގައި މިއަދު ވަނީ ކެމްޕެއިނެއް ފަށާފައި

  • މި ކެމްޕެއިނަކީ ޝަރުޢީ ދާއިރާއަށް އާއްމުން ހޭލުންތެރިކުރުމަށް ގެންދާ ކެމްޕެއިނެއް

  • މި ކެމްޕެއިންގެ ތެރެއިން އެކި މަންސަތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ

ޝަރުޢީ މަރުޙަލާތައް ހިނގާގޮތް ކިޔައިދީ، ކަންކަމަށް އެންމެ ފަސޭހައިން ޙައްލު ހޯދޭނެ ގޮތްތައް ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު މުޢުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ކޯޓުތަކާ ގުޅިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފެށި "ކޯޓަށް ފަރިތަ" ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ކޯޓަށް ފަރިތަ" ކެމްޕެއިނަކީ، ޝަރުޢީ ކޯޓުތަކުން އާއްމުންނަށް ދެއްވާ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ހޯދުމުގައި ޢަމަލުކުރާނެ ގޮތްތަކަށް މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ފެށްޓެވި ކެމްޕެއިނެކެވެ. މި ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަޙުމަދު މުޢުތަސިމް އަދުނާނެވެ.

ކެމްޕެއިން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުނާން ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރުވެސް ރާއްޖޭގައި ޝަރުޢީ ދާއިރާގެ މަސައްކަތްތައް ގެންގޮސްފައިވަނީ ވަރަށް ތަރުތީބުންކަން ފެންނަން އެބައޮތްކަމަަށެވެ. އަދި މިހާރުވެސް އެ ޚިދުމަތް ރައްޔިތުންނަށް ދެނީ، އިޚުލާޞްތެރިކަމާއެކު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށްކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ "ކޯޓަށް ފަރިތަ" ކެމްޕެއިނަކީ ޝަރުޢީ ދާއިރާ ހިނގާ ގޮތް ބުނެދީ، އާއްމުންގެ އިތުބާރު މި ދާއިރާއަށް ބޮޑުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

"ޚިދުމަތެއް ހޯދަން އަންނަ މީހާއަށް އެ ޚިދުމަތަކީ ކޮބައިކަން އެނގެންޖެހޭ. އެކަން ކުރުމަށް، އެންމެ ލުއިފަސޭހަކޮށް އެ ޚިދުމަތެއް ހޯދޭނީ ކިހިނެތްކަން ބުނެދެންޖެހޭ. ވެވޭ އެންމެ ބޮޑަކަށް އެހީތެރިކަން ދޭންޖެހޭ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް ޖުޑީޝަން އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވިދާޅުވީ، "ކޯޓަށް ފަރިތަ" މުޖުތަމަޢެއް ބިނާކުރުމަކީ، ޝަރުޢީ ދާއިރާގެ ވަރަށް މުހިންމު ޢަމާޒެއްކަމަށެވެ. އަދި މި ކެމްޕެއިންގެ ތެރެއިން، ލިޔުމާއި އެކިއެކި ޕްރޮގްރާމްތަކެއް ޒަރިއްޔާއިން އާއްމުންނާއި ހަމައަށް މަޢޫލޫމާތު ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ،

"މި ދާއިރާއަށް އާއްމުން ހޭލުންތެރިވާ މިންވަރުން، ޝަރުޢީ ކަންކަމާއި ގުޅިގެން އަންނަ ޝަކުވާތައް މަދުކުރެވޭނެ. މިއީ މިދާއިރާއަށް އާއްމުންގެ އިތުބާރުވެސް ބޮޑުކުރެވޭނެ ފުރުޞަތެއް. ކެމްޕެއިންގެ އެންމެ ބޮޑު ބޭނުމަކީ، ކޯޓަަކަށް ޚިދުމަތަކަށް ދާއިރު އެކަން ކުރިއަށްދާނެ ގޮތް އާއްމު މީހާއަށް އިނގިފައި އޮތުން." ރިޒްނާ ވިދާޅުވިއެވެ.

"ކޯޓަށް ފަރިތަ" ކެމްޕެއިނަކީ ޔޫއެސް އެއިޑާއި އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކުރިއަށްގެންދަވާ މަސައްކަތެކެވެ. މި ކެމްޕެއިންގެ ޙަރަކާތްތައް އެކި މަންސަތަކުގައި ކުރިއަށްގެންދަވާނެކަމަށް ޖުޑީޝަރީން މައުލޫމާތުދެއްވައެވެ.