 
					
									
			ޑެކްލަން ރައިސް އާސެނަލަށް ބަދަލުވުމުން އެތަން ފޫބައްދަން ވެސްޓް ހޭމް ޔުނައިޓެޑުން މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 
ރިޕޯޓުތައް ބުނާ ގޮތުން ވެސްޓް ހޭމުން މެގުއާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ކުލަބުން ވަނީ މެގުއާގެ އެޖެންޓާ މިހާރު ބައްދަލުކޮށްފައެވެ. އަދި ޔުނައިޓެޑާ ބައްދަލުކޮށް މެގުއާގެ ސޮއި ހޯދުމުގެ މަސައްކަތް ވެސްޓް ހޭމުން ވަރަށް އަވަހަށް ފަށާނެއެވެ. 
އެކަމަކު މެގުއާ ބޭނުންވަނީ އަންނަ ސީޒަނުގައިވެސް ޔުނައިޓެޑުގައި މަޑުކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން މެގުއާއަށް ފުރުސަތު ނުލިބޭތީ މެގުއާ ވަނީ ހޫނު މޫސުމުގެ ބަންދުގައި އަމިއްލައަށް ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ. 
މެންޗެސްޓާ ޔުނައިޓެޑުން ވެސް ބޭނުންވަނީ މި ޓްރާންސްފާ މާކެޓުގައި މެގުއާ އެހެން ކުލަބަކަށް ވިއްކާލާށެވެ. އެއީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގުގެ ޕްލޭނުގައި މެގުއާ ނުހިމެނޭތީއެވެ. 
މެގުއާ ހޯދުމުގެ މަސައްކަތް ވެސްޓް ހޭމުން ފަށާފައިވާއިރު، އިންގްލަންޑްގެ ކޯޗު ގެރެތު ސައުތު ގޭޓް ވަނީ މެގުއާ މި ޓްރާންސްފާ މާކެޓުގައި އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. ސައުތުގޭޓް ބުނީ މެގުއާއަކީ ބެންޗުގައި އިންނަ ފެންވަރުގެ ކުޅުންތެރިއެއް ނޫން ކަމަށެވެ.