ކުޅިވަރު

ހަނި ތަފާތަކުން ވެލެންސިއާ ބަލިކޮށް ޔޫވީއަށް ފުރަތަމަ މޮޅު


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ހަނި ތަފާތަކުން ކުލަބު ވެލެންސިއާ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ޔޫވީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ޔޫވީން ހޯދި މި މޮޅަކީ މި ސީޒަނުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މީގެކުރިން މި ދެ ޓީމުވެސް ލީގުގައި ކުޅުނު ތިން މެޗުން ވަނީ ބަލިވެފައެވެ.

ރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނު ތަނެވެ. ނަމަވެސް ޔޫވީން ވަނީ މި މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ވެލެންސިއާއަށް ބާރުބޮޑުކޮށްފައެވެ.

މެޗުގައި ޔޫވީގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މިއީ އަރީން ނަގައިދިން ހުރަހެއް މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ޔުނައިޓެޑް ވިކްޓަރީގެ ފޯވާޑް ޝަނާން ރަޝާދު ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި ދެވަނަ ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޝަނާން އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކުލަބު ވެލެންސިއާ އިން އެ ޓީމުގެ ހަމަލާތައް ވަރުގަދަކުރި އެވެ. ނަމަވެސް ފޯވާޑް ލައިނުގައި ބޯޅަތަކެއް ބޭނުން ނުކުރެވުނެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ލީޑު ފުޅާކުރަން ޔުނައިޓެޑް ވިކްޓަރީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ބައްސާމް ގެ ހުރަހުން ހުސައިން މައިޝާން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މި މޮޅާއެކު ލީގުގައި ލިބުނު ފުރަތަމަ ތިން ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ ވަނީ ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ. ތާވަލުގެ ހަތް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވިކްޓަރީ އަށް ކުރި ލިބެނީ ބައިކޮޅަށް ވަދެފައިވާ ގޯލުގެ އަދަދު މަދުވުމުންނެވެ. ފުލުގައި ވެލެންސިއާ އޮތީ ކުޅުނު ހަތަރު މެޗުން އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

މެޗުގެ ފަހު ވިއްސަކަށް މިނެޓު ކުރިއަށް ޖެހިލައިގެން ވެލެންސިއާ އިން ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް ގޯލެއް ޖަހާނެ މާ ހުސް ފުރުސަތެއް އެ ޓީމަށް ނުލިބެ އެވެ.

ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރެވެ. އެ މެޗުގައިބައްދަލުކުރާނީ ކުލަބު އީގަލްސް އާއި ޔޫވީއެވެ. އަދި އެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.