ކުޅިވަރު

ބޮޑު ތަފާތަކުން ސަސް ބަލިކޮށް އީގަލްސް ދެވަނައަށް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ފަސޭހަކަމާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކުލަބު އީގަލްސް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 7-2 ގެ ނަތީޖާއަކުންނެވެ. މިއީ ދިގު ބްރޭކަށްފަހު ކުޅުން ފެށި އީގަލްސްގެ ކޯޗުކަމާ މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވިފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗު ފަށައިގެން އީގަލްސް ދިޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސަސްއަށް ބާރުބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ހަ ވަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

ފުރަތަމަ ހާފުގައި ސަސްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ފައިދާ ނަގާ މެޗުގެ ފުރަަތަމަ 38 މިނިޓް ތެރޭ އީގަލްސް އިން ފަސް ގޯލުގެ ލީޑެއް ނެގިއެވެ. އެގޮތުން މި ލަނޑުތައް ޖެހީ ބްރެޒިލްގެ ފޯވާޑް ކާލޯސް އާއި އަހުމަދު ރިޒްވާން (ރިޒޭ) އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަދި ޒައިން ޒަފަރެވެ.

ސަސް އިން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގެ ފަހުކޮޅު ދެ ލަނޑު ޖެހިއެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އަލީ ނަސޫހު ރަޝީދު (ޕިލާ) އާއި އަހުމަދު ހުސާމް (ހުސާންކޮ) އެވެ. މެޗުގެ ދެވަނަ ހާފުގައި އީގަލްސްގެ ފަސްވަނަ ލަނޑާއި ހަވަނަ އަދި ހަތްވަނަ ލަނޑު ޖެހީ ރިޒޭ އާއި އީވާން ކާލޯސް އާއި އިބްރާހިމް އަތީގު ހަސަނެވެ.

މި މޮޅާއެކު އީގަލްސް ތާވަލުގެ ދެ ވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު އެވެ. އެއްވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ހަަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.