އުތުރު ކޮރެޔާއިން ދާދިފަހުން ދުރުރާސްތާ މިސައިލެއްގެ އަޖުމަބެލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެއީ ބޮޑު ނުރައްކަލެއްގެ ގޮތުގައި އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާއިން ސިފަކޮށްފިއެވެ. އުތުރު ކޮރެޔާއިން ޓެސްޓުކޮށްފައި ވަނީ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމެ)ކެވެ. އެއީ، އެ ޤައުމުން މިހާތަނަށް އަޖުމަބަލާފައިވާ އައި.ސީ.ބީ.އެމްތަކުގެ ތެރެއިން އެންމެ ދުރު ރާސްތާއަކަށް ދަތުރުކޮށްފައިވާ މިސައިލެވެ.
މި ކަން ކުށްވެރިކޮށް އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޕްޔޮންގްޔެންގާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން މަސައްކަތް ކުރާނެ ކަމުގައެވެ. މި ގޮތުން، އުތުރު ކޮރެޔާގެ ރައްޔިތުން ބޭރު ޤައުމުތަކުގެ ވަޒީފާ އަދާކޮށްގެން ޤައުމަށް ފައިސާ ފޮނުވަން ހުރަސް އަޅާނެ ކަމަށާއި، އެ ޤައުމުން ހަތިޔާރު އުފައްދަން ފައިސާ ހޯދާ މަގުތައް ބަންދު ކުރާނެ ކަމުގައެވެ. އަދި، ސައިބަރ ހަރަކާތްތައް ހުއްޓުވަން ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ.
މި ކަމާ ގުޅޭ ގޮތުން އެމެރިކާއިން ބުނީ، ޖަޕާނާއި ދެކުނު ކޮރެޔާގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން އެހީތެރިވެދިނުމުގައި އެ ޤައުމުން ދެމި އޮންނާނެ ކަމުގައެވެ. އަދި، އެ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެއްޖެ ހާލަތެއްގައި، އެ ކަން ދިފާޢުކުރަން އެމެރިކާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރާއި ވަސީލަތްތައް ބޭނުންކުރަން ފަސް ނުޖެހޭނެ ކަމުގައެވެ.
އުތުރު ކޮރެޔާގެ މިސައިލް ޓެސްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ޖަޕާނާއި ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރުންނާ ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުން އޮތީ އިންޑޮނީޝިޔާގައި ކުރިއަށްދިޔަ ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ޖަމުޢިއްޔާ - އެސޯސިއޭޝަން އޮފް ސައުތްއީސްޓް އޭޝިޔަން ނޭޝަންސް (އާސިޔާން)ގެ ބައްދަލުވުމުގެ ހަވާސާގައެވެ.
އުތުރު ކޮރެޔާއިން އައި.ސީ.ބީ.އެމެއްގެ އަޖުމަ ބަލާފައި މި ވަނީ އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، އެމެރިކާގެ އަސްކަރީ މަނަވަރުތައް ކޮރެޔާ ސަރަޙައްދަށް ފޮނުވަން ނިންމުމާ ގުޅިގެން، ނިއުކްލިޔަރ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިތުރުވެފައިވާ ކަމަށް އުތުރު ކޮރެޔާއިން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެ ޤައުމުން އެންމެ ފަހުން މިސައިލް ޓެސްޓެއް ހަދާފައި ވަނީ މީގެ ތިން މަސް ކުރިންނެވެ.
މިސައިލް ޓެސްޓުތައް ދިފާޢު ކުރައްވާ އ.ދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އުތުރު ކޮރެޔާއިން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކިމް ސޮންގް ވިދާޅުވީ މިސައިލް ޓެސްޓުތައް ހެދުމުގެ ބޭނުމަކީ އެ ޤައުމަށް ހަމަލައެއް ދިނުން ހުއްޓުވުން ކަމުގައެވެ. އަދި، އެ ޤައުމާ ދުޝްމަނު ބައެއް ޤައުމުތަކުގެ އަމަލުތަކުގެ ސަބަބުން އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެފައިވާ ކަމުގައެވެ.
ނަމަވެސް، މިސައިލް ޓެސްޓުތަކަކީ އ.ދގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެޔާއާ ދެކޮޅަށް ފާސްކޮށްފައިވާ ޤަރާރުތަކާ ޚިލާފަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާއިން ސިފަ ކުރެއެވެ. އަދި، އެއީ ސަރަޙައްދީ ސަލާމަތާއި ސުލްޙައަށް އޮތް ހުރަހެއްގެ ގޮތުގައި ވެސް އެ ޤައުމުތަކުން ދެކެއެވެ. މިސައިލް ޓެސްޓުތަކާ އެކު އެ ސަރަޙައްދުގެ ޢާންމު ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުފަތުރަށް ނުރައްކާވާ ކަމަށް ވެސް އެ ޤައުމުތަކުން ބުނެއެވެ.
އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހަދާފައި މި ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް އެ ޤައުމުން ނުރައްކާތެރި އިންޒާރެއް ދީފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކުރެވެއެވެ. އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައް އުތުރު ކޮރެޔާގެ ވައިގެ ސަރަޙައްދުގެ ތެރެއަށް ވަންނަމުންދާ ކަމަށް ތުހުމަތުކޮށް، އެ ފަދަ މަތިންދާބޯޓުތަކަށް ހަމަލަދީ ވައްޓައިލާނެ ކަމުގެ އިންޒާރު އެ ޤައުމުން ވަނީ ދީފައެވެ.
އުތުރު ކޮރެޔާއިން މީގެ ކުރިން އަޖުމަ ބަލާފައިވާ ދުރުރާސްތާ މިސައިލްތަކާ އަޅައިބަލާއިރު، މި ފަހުން ޓެސްޓު ކުރި މިސައިލަކީ އެންމެ ދުރުރާސްތާއަކަށް ދަތުރުކޮށްފައިވާ މިސައިލް ކަމުގައި ޖަޕާނުން ބުންޏެވެ. ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޯކަޒު މަތުސުނޯ ވިދާޅުވީ އުތުރު ކޮރެޔާގެ މިސައިލް 74 މިނެޓަށް ވައިގެ ތެރޭގައި ދަތުރުކޮށްފައިވާ ކަމަށާއި، 6,000 ކިލޯމީޓަރު މަތިން 1,000 ކިލޯމީޓަރު ދުރަށް އެ މިސައިލް ދަތުރުކޮށްފައިވާ ކަމުގައެވެ.
މި އަހަރުގެ އޭޕްރީލް މަހު އުތުރު ކޮރެޔާއިން ވަނީ ހަކަތައިގެ ގޮތުގައި "ސޮލިޑް-ފިޔުލް" ބޭނުންކުރާ އައި.ސީބީ.އެމެއް ވެސް ޓެސްޓުކޮށްފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އުތުރު ކޮރެޔާއިން އުފައްދާފައިވާ އައި.ސީ.ބީ.އެމްތައް ބޭނުންކޮށްގެން އެމެރިކާއަށް ހަމަލައެއް ދިނުމުގެ ގާބިލުކަން އެ ޤައުމުން ވަނީ ހޯދާފައެވެ. އަދި، އެ މިސައިލްތައް ފަރުމާކޮށްފައި ވަނީ ނިއުކްލިޔަރ ބޮން އުފުލޭ ގޮތަށް ކަމުގައި ވެސް އެ ފަރާތްތަކުން ބުނެއެވެ.