ޚަބަރު

އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުން ތަމްރީންކުރަން ފަށައިފި


  • ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ

  • ރިޔާސީ އިންތިޚާބަށް 5،600 އޮފިޝަލުން ހަރަކާތްތެރިވާނެ

  • އޮފިޝަލުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް އަންނަމަހުގެ 15 އާއި ހަމައަށް ފޯމު ހުށަހެޅޭނެ

ރިޔާސީ އިންތިޚާބު ގައި ހަރަކަތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށްޓަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ މައި އިދާރާ ދަރުބާރުގޭގައި ކުރިއަށް ގެންދާ މި ޕްރޮގްރާމު ފަށްޓަވައިދެއްވީ އެކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގެވެ. ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި 5،600 އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.

ރިޔާސީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން އަދިވެސް ގެންދަވަނީ ކުރައްވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގައި، އިންތިޚާބުގައި އޮފިޝަލުން އަދާކުރާ ދައުރާއި، އިންތިޚާބާއި ގުޅުންހުރި މުހިންމު މައުލޫމާތުތައް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހަށް ނިޔަލަށް ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް އިންތިޚާބާއި ގުޅޭ މައުލޫމާތުތަާއި ޓްރެއިނިން ދިނުމަކީ އިލެކްޝަންސް ކޮމިޝަނުން އެންމެ އިސްކަންދެއްވާ އެއް މަސައްކަތެވެ.

އޮފިޝަލުންނަށް ވުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ މަހުގެ 15އާއި ހަމައައް އިތުރުވެސް ކުރައްވާފައެވެ.