ވިޔަފާރި

ފަތުރުވެރިކަމުގެ ކާމިޔާބީ: 3 އަހަރު ކުރިން ރައީސް ނިންމެވި ނިންމެވުމުގެ ހެޔޮ ނަތީޖާ


  • ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިތާ މިއަދަށް 3 އަހަރު

  • ފަތުރުވެރިން އަންނަ ޢަދަދުތައް ބޮޑުތަނުން އިތުރުވެއްޖެ

  • މިހާރު އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 ފަތުރުވެރިން އާދޭ

  • 37 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުން

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗުމަހުގެ 27 ވަނަ ދުވަހުއެވެ. 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާފައިވަނީ އެއަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރުގެ ތާރީޚުގައިވެސް މިއީ ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދު ކުރަންޖެހުނު ފުރަތަމަ ފަހަރެވެ. މިއަދު މިވަނީ ބޯޑަރު އަލުން ހުޅުވާލިތާ 3 އަހަރު ވެފައެވެ.

2020 ވަނަ އަހަރުގެ ތެރޭގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް19 ގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް ދުނިޔޭގެ ހުރިހާ ޤައުމެއްގެ ބޯޑަރުތައް ބަންދުކުރަން ޖެހުނެވެ. ރާއްޖެވެސް ހިމެނެނީ މި ލިސްޓުގައެވެ. ނަމަވެސް އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަށް މިއީ އުނދަގޫ އަދި ބޮޑު ނިންމުމަކަށް ވެގެންދިޔައެވެ.

ސަބަބަކީ ރާއްޖޭގެ އިޤްތިސާދު މުޅިންހެން ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށްވާތީއެވެ. ފަތުރުވެރިކަން ހުއްޓުމަކަށް އައުން ވެގެންދާނީ ރާއްޖެއަށް އާމްދަނީ ލިބޭ މައި ދޮރު ބަންދުވުން ކަމަށްވާތީއެވެ. ނަމަވެސް އެ އުނދަގޫ ދަނޑިވަޅުގައިވެސް މި ސަރުކާރުން އެ އުނދަގޫ ނިންމެވުން ނިންމެވިއެވެ.

ދިވެހިރާއްޖޭގެ ބޯޑަރ އަލުން ފަތުރުވެރިންނަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ނިންމެވި ނިންމެވުން ވެގެން ދިޔައީ އިޤްތިޞާދަށް ދިމާވި ބޮޑު ގޮންޖެހުމުން އަރާގަތުމަށް ނިންމެވި ހަރުދަނާ ނިންމެވުމަކަށްކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމްވެސް ވަނީ ވިދާޅުވެފައެވެ.

ބޯޑަރު އަލުން ހުޅުވާލުންވެސް ވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނެންގެވި އުނދަގޫ އަދި މުހިންމު ނިންމުމަކަށެވެ. ބައެއް ފަރާތްތަކުން މިއީ ރަނގަޅު ނިންމުމެއް ނޫންކަމަށްވެސް ދިޔައީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވިސްނެވީ ޤައުމުގެ ކުރިއެރުމާއި އަދި ރައްޔިތުންގެ ލާބައާއި މަންފާއަށެވެ.

2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު 110 ދުވަހަށްފަހު އަލުން ހުޅުވާލިއެވެ. އޭރު ރާއްޖެއަށް މާގިނަ އެއަރލައިންތަކަކުން ދަތުރެއް ނުކުރެއެވެ. އަދި މާގިނަ ފަތުރުވެރިންނެއްވެސް ނާދެއެވެ. ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 117 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. އޮގަސްޓުމަހު ރާއްޖެއަށް 7628 ފަތުރުވެރިން އައިސްފައިވާއިރު، ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ. މިއީ ރާއްޖެފަދަ މުޅި ދުނިޔޭގައިވެސް މަޤްބޫލު ފަތުރުވެރިންގެ މަންޒިލަކަށް މަދު އަދަދެކެވެ.

އެހެންނަމަވެސް ބޯޑަރު ހުޅުވާލުމާއެކު މަޑުމަޑުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި އަންނަނީ ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން މިއަދު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 5000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 37 އެއަރލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ކުރަމުންނެވެ.

ފާއިތުވި 5 އަހަރުގެ ތެރޭގައި އަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މިއަހަރުއެވެ. 2019 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އަހަރެވެ. ނަމަވެސް 2019 ވަނަ އަހަރަށްވުރެ މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 979،884 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %13.5 ކުރިއެރުމެކެވެ. ހުސްވި 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 862،975 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 539،425 ފަތުރުވެރިންނެވެ.

ކޯވިޑް19 ގައި މުޅި ދުނިޔޭގެ ފަތުރުވެރިކަމަށްވެސް ދަތި އުނދަގޫ ދަނޑިވަޅެއްގައި ރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ލަޤަބް "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" ގެ އެވޯޑްވެސް ވިދިވިދިގެން 3 އަހަރު ހޯދާފައެވެ. މި ކާމިޔާބީ ރާއްޖެއަށް ލިބުމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި ފަތުރުކަމުގެ މުޅި އިންޑަސްޓްރީ ގުޅިގެން މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ.

އެމް.އެމް.ޕީ.އާރު.ސީން ވަނީ ކޯވިޑްގައި ދަތުރުފަތުރު ހުއްޓިފައި އޮތް ދަނޑިވަޅުގައިވެސް މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ހުއްޓާ ނުލައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ދަނޑިވަޅުގައި ކެންޕެއިންތައް ކުރިއަށްގެންދެވެން އޮތް ގޮތަކަށް އޮންލައިން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ވަނީ ފަތުރުވެރިންގެ ހިތުން ރާއްޖެ ފޮހެވިގެން ނުގޮސް ކޯވިޑްގެ ހާލަތު ރަނގަޅުވުމުން އެމީހުން އެންމެ ފުރަތަމަ އަންނަން ބޭނުންވާނެ މަންޒިލަކީ ރާއްޖެއަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިއަދު ފެންނަމުން މިދަނީ އެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެވެ. ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ބާރަށް ކުރިއަރައިގެން އަންނައިރު މުޅި ދުނިޔޭގައިވެސް ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ މީހުން ގިނައެވެ. އަދި ބޮޑެތި ޤައުމުތަކުން ފަތުރުވެރިކަމުގައި މިސާލު ނަގާ ޤައުމަކަށް މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ ވެއްޖެއެވެ. ކޯވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތަކީ މިއަދު މުޅި ދުނިޔެވެސް ކާމިޔާބު ވާހަކައެއްގެ ގޮތުގައި ބަލައިގަނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ބޮޑެތި ކުރިއެރުންތަކާއެކު މެދު ރާސްތާގައި ރާއްޖޭގެ އިޤްތިޞާދު 6 އިންސައްތައިން ކުރިއަރާނެކަމަށް ވޯލްޑް ބެންކުންވެސް ވަނީ މިއަހަރު ލަފާކޮށްފައެވެ. ދެކުނު އޭޝިޔާ ސަރަހައްދުގެ އިޤްތިޞާދީ ޙާލަތު ދިރާސާކޮށް ވޯލްޑް ބެންކުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު މަޑުޖެހުނުނަމަވެސް، ކޯވިޑްގެ ކުރިން އޮތް ހިސާބަށް އިޤްތިޞާދު އަލުން އިއާދަވެފައިވާކަމަށެވެ.