ޚަބަރު

ރިޔާސީ އިންތިޚާބަށް ކުރިމަތިލާން މިމަހުގެ 23 ގައި ހުޅުވާލާއިރު ކެމްޕޭންގެ ފޯރި ގަދަ


  • އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުޞަތު ލިބޭނީ މިމަހު 23 ން އަންނަ މަހުގެ 7 އަށް

  • 4 ސިޔާސީ ޕާޓީއަކުން އިންތިޚާބުގައި ވާދަކުރާނެކަމަށް އިޢުލާންކޮށް ކެމްޕޭން ދަނީ ކުރަމުން

  • މިނިވަން ކެނޑިޑޭޓުންގެ ކެމްޕޭން ޙަރަކާތްތަކެއް އަދި ނުފެނޭ

  • ކެނޑިޑޭޓުންގެ މެދުގައި ޤުރުއަތުލުން އޮގަސްޓް 9 ގައި

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވަވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހު ހުޅުއްވައިލައްވާނެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް 8 ދުވަހަށް ވެފައިވާއިރު، މިހާތަނަށް 4 ސިޔާސީ ޕާޓީއަކުން ވަނީ މި އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިޢުލާންކުރައްވާފައެވެ.

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވަވާ އިންތިޚާބަށް އޮތީ މަދު ދުވަސްކޮޅެކެވެ. އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާންކުރެއްވި ޕާޓީތަކާއި، ބައެއް ކެނޑިޑޭޓުން ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަވަމުންނެވެ.

އިންތިޚާބުގައި މިހާތަނަށް 4 ސިޔާސީ ޕާޓީއަކުން ވަނީ ކެނޑިޑޭޓުން ނެރުމަށް ނިންމައި ރިޔާސީ ޓިކެޓް އަރުވައިފައެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުމްހޫރީ ޕާޓީން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން މުޙައްމަދު ނާޒިމް އަދި އިދިކޮޅު ޕީޕީއެމްއިން އެޕާޓީގެ ރައީސް ޢަބްދުﷲ ޔާމީނެވެ.

މިބޭފުޅުންގެ ތެރެއިން ރައީސް ޔާމީން ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ކުރިމަތިލެއްވުމާމެދު ސާފު ޖަވާބެއް ލިބިގެންދާނީ ކޯޓުން ނިންމާ ނިންމެވުމެއްގެ މައްޗަށެވެ. ނަމަވެސް އެމަނިކުފާނުގެ ޕާޓީން ދަނީ ކެމްޕެއިންގެ ޙަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ހިންގަމުންނެވެ.

އިންތިޚާބުގައި ކުރިމަތިލާން މުއްދަތު ކުޑަތަންވާއިރު، ވެރިކަންކުރާ މައި ޕާޓީ އެމް.ޑީ.ޕީން ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙާއެކު އަތޮޅުތަކުގެ ކެމްޕެއިން ލޯންޗުކޮށް ކެމްޕެއިން ދަތުރުތައް ފަށާފައެވެ.

އެމް.އެން.ޕީގެ ކެންޑިޑޭޓް ނާޒިމްވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ޙަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް ދަތުރުފުޅުތަކުގައި އަދި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް އެޕާޓީގެ ޓީމުގެތައްވެސް ގެންދަނީ އަތޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

މިޕާޓީތަކުގެ އިތުރުން އެންމެފަހުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރި ދަ ޑިމޮކްރެޓްސް އިންވެސް ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަމަށް އިޢުލާންކޮށްފައެވެ. ނަމަވެސް އެ ޕާޓީން ނެރޭނެ ވަކި ކެންޑިޑޭޓެއް އަދި ނިންމަވާފައެއް ނުވެއެވެ.

މި އިންތިޚާބުގައި މިނިވަންކޮށް ވާދަކުރައްވާނެކަމަށްވެސް ބައެއް ބޭފުޅުން ވަނީ އިޢުލާންކުރައްވާފައެވެ. ނަމަވެސް މިހާތަނަށް އަދި އެބޭފުޅުންގެ ކެމްޕެއިން ހަރަކާތްތަކެއް މާބޮޑަކަށް ނުފެނެއެވެ.

ބޮޑަށް ބެެލެވޭ ގޮތުގައި އެ ބޭފުޅުންގެ ކެމްޕޭންގެ ކަންކަން ފެށި ޙަރަކާތްތައް ފެނިގެންދާނީ ރަސްމީކޮށް ކެންޑިޑެންސީ ލިބުމުން ކަމަށް ބެލެވެއެވެ. އަދި މި އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ ކެމްޕެއިންތައް ވެސް ފޯރިގަދަވެގެންދާނީ މިހިސާބުން ކަމަށް ބެލެވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 23 ން އޮގަސްޓް 7 ގެ ނިޔަލަށް ކުރިމަތިލާން ހުޅުވާލާނެއެވެ. ކުރިން ޤާނޫނުގައި އޮތް ގޮތުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ފުރުޞަތު ލިބެނީ ޖުލައިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙް ފާސްވެފައިވާއިރު، މި މުއްދަތު 14 ދުވަހަށް އިތުރު ކުރެވިގެން ގޮސްފައި ވެއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް 30 ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަ ދުވަހުއެވެ.

އިންތިޚާބަށް ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނަކަށް ރަޖިސްޓްރީވުމަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެއެވެ. ރީ-ރަޖިސްޓްރީއަށް ދެ ހަފްތާގެ މުއްދަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިފަހަރުގެ އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިރު، 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން ރީ-ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރ 30 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.