ޚަބަރު

ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފި


  • ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހު

  • ރައީސް ނަޝީދާއިއެކު ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުވެސް ސޮއިކުރެއްވި

  • މިދެބޭފުޅުން ސޮއިކުރެއްވުމުން މަޖިލީހުގައި އެޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 15 އަށް އަރާފަ

  • މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މިހާރު ދަ ޑިމޮކްރެޓްސް

އެމް.ޑީ.ޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފިއެވެ.

އެމް.ޑީ.ޕީން ރައީސް ނަޝީދު އިސްތިއުފާދެއްވީ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ އަރިސް ބޭފުޅުން އިސްކޮށް ތިއްބަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ ރޭ އެކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައެވެ.

މިޖަލްސާގައި ރައީސް ނަޝީދާއިއެކު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުވެސް ވަނީ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެވެ. މިއާއެކު ރައްޔިތުންގެ މަޖިލީހުގައި ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށް، އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަސްމީކޮށް ހިމަނުއްވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިޕާޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، މިވަގުތު ހަރަކާތްތެރި ވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަޠީފެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޚާއްސަ ޖަލްސާ ބާއްވާފައިވަނީ މި ހިނގާ ޖުލައިމަހުގެ 5 ވަނަ ދުވަހުއެވެ. މި ޖަލްސާގައި ޕާޓީ، ރަސްމީކޮށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނުމަށްޓަކައި، ކުރަންޖެހޭ ޚާއްސަ ބައެއް ކަންކަމާއި، ތައްޔާރު ކުރަންޖެހޭ ބައެއް ލިޔެކިޔުންތައް ވަނީ ތައްޔާރުކޮށް ހަމަޖައްސަވާފައެވެ.