ސޫދާންގެ އަސްކަރިއްޔާއާއި އިދިކޮޅު ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)ގެ ފައުޖުތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގަތުލުއާންމެއް ހިންގައި މަރައިލާފައިވާ 86 މީހަކު ވަޅުލާފައިވާ ވަޅުގަނޑެއް ފެނިފައިވާ ކަން އ.ދއިން ހާމަކޮށްފިއެވެ. އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާ – އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޯ ހިޔުމަން ރައިޓްސް (އޯ.އެޗް.ސީ.އެޗް.އާރު)ން ބުނީ ގަތުލުއާންމެއްގައި މަރައިލާފައިވާ ގިނަ ޢަދަދެއްގެ މީހުންގެ ހަށިތައް ފެނިފައި ވަނީ ހުޅަނގު ދާރްފޫރު ސަރަޙައްދުން ކަމުގައެވެ.
މަރައިލާފައިވާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ދާރްފޫރުގައި ދިރިއުޅޭ މަސަލީތު ދަރިކޮޅުގެ މީހުން ކަމަށް އެ އިދާރާއިން ބުނެއެވެ. އޭޕްރިލް 15 ވަނަ ދުވަހު ސޫދާންގެ ދާޚިލީ ހަމަނުޖެހުންތައް ފެށުނު ފަހުން އެ ޤައުމުގައި ދިރިއުޅޭ އެކި ނަސްލުތަކާއި ދަރިކޮޅުތަކުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ މި ފަދަ ޖަރީމާތައް އިތުރުވެފައިވާ ކަން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ދާރްފޫރުގައި ގަތުލުއާންމެއް ހިންގާފައި ވަނީ އާރް.އެސް.އެފުގެ ފައުޖުތަކުން ކަން ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމުގައި އޯ.އެޗް.ސީ.އެޗް.އާރުން ބުނެއެވެ. ހުޅަނގު ދާރްފޫރުގެ އަލް-ޖުނައިނާގައި ދިރިއުޅޭ މަސަލީތު ދަރިކޮޅުގެ ޢާންމު ރައްޔިތުންނަށް އާރް.އެސް.އެފްގެ ފައުޖުތަކުން ހަމަލަ ދެމުންދާ ކަމުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ވެސް ދަނީ ބުނަމުންނެވެ. ބައެއް މީހުންނަށް ހަތިޔާރު ބޭނުންކޮށްގެން ހަމަލަދެމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާތަކުން ބުނެއެވެ.
ހުޅަނގު ދާރްފޫރުގައި ގިނަ ޢަދަދެއްގެ ބަޔެއްގެ ހަށިތައް އަޅާފައިވާ ވަޅުގަނޑެއް ފެނިފައި ވަނީ ޖުލައި 20 ވަނަ ދުވަހު ކަމުގައި އޯ.އެޗް.ސީ.އެޗް.އާރްގެ އިސްވެރިޔާ ފޮލްކާ ތުރްކު ވިދާޅުވިއެވެ. އަދި، މަރައިލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއަށް ބައެއް މީހުން މަރުވެފައި ވަނީ ވަޅުގަނޑަށް އެއްލައިލި ފަހުން ކަމުގައި ވެސް އޯ.އެޗް.ސީ.އެޗް.އާރުން ބުނެއެވެ.
"ޢާންމު ރައްޔިތުން، އަންހެނުންނާއި ކުޑަކުދިން މެރުމުގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މަރައިލާފައިވާ މީހުންގެ ހަށިތަކަށް ވެސް އެއްވެސް އިޙުތިރާމެއް ބަހައްޓާފައެއް ނެތް. މަރުވެފައިވާ މީހުންގެ ޢާއިލާތަކަށް ވެސް ހަތިޔާރު އެޅި ފައުޖުތަކުން ދަނީ ހަމަލަދެމުން،" މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން ތުރްކު ވިދާޅުވިއެވެ. މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް ވެސް އޭނާ ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވައިލައްވާފައެވެ.
މީގެ ކުރިން ވެސް ދާރްފޫރުގައި ބިރުވެރި ގަތުލްއާންމެއް ހިންގާފައިވެއެވެ. 2003 އަހަރުން ފެށިގެން "ޖަންޖަވީދު" ހަނގުރާމަވެރިން ހިންގާފައިވާ ގަތުލްއާންމުގައި ޢާންމުންގެ 300,000 އަށްވުރެ ގިނަ މީހުން ވަނީ މަރައިލާފައެވެ. ފަހުން އާރް.އެސް.އެފް އުފައްދާފައި ވަނީ ޖަންޖަވީދު ގުރޫޕުގެ ހަނގުރާމަވެރިންގެ ބައިވެރިވުމާ އެކުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.
ހުޅަނގު ދާރްފޫރުގައި އަނެއްކާ ވެސް ގަތުލުއާންމެއް ހިންގާފައި މި ވަނީ އަސްކަރިއްޔާއާއި އާރް.އެސް.އެފްގެ ފައުޖުތައް ސުލްޙަކުރުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސޫދާންގެ އަވައްޓެރި ޤައުމުތައް ބައިވެރިކޮށްގެން ސުލްޙައިގެ މަޝްވަރާތަކެއް ބޭއްވުމަށް މިޞްރުން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީއާއި އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދު ދާދިފަހުން ވަނީ ބައްދަލުކުރައްވާފައެވެ.