ޚަބަރު

މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި


  • މިދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރާއި ފޮރިން މިނިސްޓަރ ބައްދަލުކުރެއްވި

  • ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ބޭއްވުނު

  • އިޖްތިމާޢީ އިޤްތިޞާދީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް 9 އެއްބަސްވުމެއްގައި ސޮއިކުރެވުނު

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް. ޖައިޝަންކަރުއާ ބައްދަލުކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމާގުޅޭ އެންމެހައި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން، ދެޤައުމުގެ މެދުގައިވާ ތާރީޚީ ގުޅުމުގެ މައްޗަށް މިބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމަށް ވެސް މުހިންމު، ޙައްސާސް މައްސަލަތަކުގައި އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުންދީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް އެފަދަ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަނީ ދެޤައުމުންވެސް ދީފައެވެ.

ތަރައްޤީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އިންސާނީ ވަޞީލަތްތައް ކުރިއެރުވުމާއި، ބައިނަލްއަޤުވާމީ ކަންކަމުގައާއި، ދެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމުގައި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ދެވަޒީރުންގެ ޚިޔާލުތައް ވަނީ މިބައްދަލުވުމުގައި ފާޅުކުރައްވާފައެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ އައު ދާއިރާތަކާއި ގޮތްތައް ދިރާސާކޮށް ދެނެގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި 9 އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމްކުރި އެއްބަސްވުންތަކުގެ ތެރޭގައި ށ. ކަނޑިތީމުގައި ވޯލީ ކޯޓެއް ތަރައްގީކުރުމާއި، ށ. ފޯކައިދޫ އިޖުތިމާޢީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، ރ. އުނގޫފާރުގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ޔުނިޓެއް ހެދުމާއި، މ. ދިއްގަރުގައި ގޭދޮށު މަސް ޕްލާންޓް ތަރައްޤީކުރުން ހިމެނެއެވެ. އަދި ތ. ވިލުފުށީ ސްކޫލް ޑިޖިޓަލައިޒްކުރުމާއި، ފ. ނިލަންދޫ ހޮސްޕިޓަލް ތަރައްގީކުރުމާއި، ސަރުކާރު ސްކޫލްތަކުގެ ކޮމްޕިއުޓަރު ލެބްތައް އަޕްގްރޭޑް ކުރުމާއި، އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރިކުރުމާއި، ގއ. ކޮނޑޭގެ މަގުބައްތި ޖެހުމުގެ މަޝްރޫޢު ހިމެނެއެވެ.

ހަމައެހެންމެ މިނިސްޓަރ ޝާހިދު ވަނީ އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒުން ބޭއްވި 43 ވަނަ ސަޕްރޫ ހައުސް ލެކްޗަރގައި ތަޤުރީރުކުރައްވާފައެވެ. "ދަ ޕަވަރ އޮފް ސްމޯލް – ދަ މޯލްޑިވްސް ސްޓޯރީ"ގެ ޞުރުހީގެ ދަށުން ދެއްވި ތަޤުރީރުގައި މިނިސްޓަރ ޝާހިދު ވަނީ ކުޑަ ޤައުމެއްގެ ގޮތުގައި އޮވެ ބައިނަލްއަޤުވާމީ ޑިޕްލޮމަސީގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށް ދިވެހިރާއްޖެއިން ބޭނުންކޮށްފައިވާ އިސްތިރާތީޖިއްޔާތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ ޝަރަފުގައި އިންޑިއާގައި ހުންނަ ހައި ކޮމިޝަނުން ބޭއްވި ޙަފުލާގައި ބައިވެރިވެވަޑައިގަންނަވައި މިނިސްޓަރ ޝާހިދު ވަނީ ނިއު ދިއްލީގައި ތިއްބަވާ އެކި ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރ ޝާހިދު ވަނީ ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތް ކުރައްވައި އެމިޝަނުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި އެހެނިހެން މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ އެކި މީޑިއާތަކާ ބައްދަލުކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމާއި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރާއި އެތަޞައްވުރުގައި އިންޑިއާގެ މުހިއްމު ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.