ދުނިޔޭގެ ވިޔަފާރި

ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް 2 ބިލިއަން ޑޮލަރުގެ އެހީއެއް


  • މިއީ އޭޕްރީލްމަހު ދޭން ނިންމި އެހީއެއް

  • އައިއެމްއެފްއިންވެސް ޕާކިސްތާނަށް އެހީވާނެ

  • ޤައުމު އިޤްތިޞާދު އޮތީ ވަރަށް ބޮޑު ހީނަރުކަމެއްގައި

އިޤްތިޞާދީ ދުވެލި މަޑުޖެހި، މާލީ ދަތިތަކެެއްގައި އޮތް ޕާކިސާތަނަށް، ސައުދީ އަރަބިއްޔާއިން 2 ބިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް 2 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާއިރު، އެ ޤައުމަށް އެހީ ދިނުމާއި ގުޅޭގޮތުން އައިއެމްއެފްއިންވެސް ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން ސައުދީން ފޯރުކޮށްދިން އެހީއަށް އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތަށް އެހެން ޤައުމުތަކުން އިތުބާރުކުރާކަން ހާމަވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދަރަނި ނުދެއްކުމުގެ ބިރުން ސަލާމަތްވުމަށް ޕާކިސްތާނުން ދަނީ އައިއެމްއެފްއާއެކު 3 ބިލިއަން ޑޮލަރުގެ އެހީޢެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. އަދި ވަރަށް އަވަހަށް އެކަމުގައިވެސް ގޮތްތަކެއް ނިންމާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.

ސައުދީން އަރަބިއްޔާއިން ވަނީ ޕާކިސްތާނަށް އެހީދޭނެކަން މިދިޔަ އޭޕްރީލްމަހު ހާމަކޮށްފައެވެ. ނަމަވެސް އެހީ ފޯރުކޮށްދިނުން މަޑުޖައްސާލާފައި އޮތީ އައިއެމްއެފްއާއެކު ޕާކިސްތާނުން ކުރިއަށްގެންދާ މަޝްވަރާތަކަށް ވާގޮތެއް ބެލުމަށެވެ.

އައިއެމްއެފްއިން ޕާކިސްތާނަށް ހަމަޖައްސައިދޭ ބެއިލްއައުޓް ޕްރޮގްރާމްގެ ސަބަބުން އިތުރު މާލީ އިދާރާތަކުން އެހީ ހޯދުމަށް އައިއެމްއެފްއަށް މަގުފަހިވެގެންދާނެއެވެ.

ޕާކިސްތާނަށް އިޤްތިޞާދީ ދަތިތައް ކުރިމަތިވާން ފެށީ ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ހުއްޓުމަށްފަހު އަލުން އިއާދަވާން ކުރި މަސައްކަތްތަކުގެ ތެރެއިން ކުރިމަތިވި އެހެން މައްސަލަތަކުގެ ސަބަބުންނެވެ. އެގޮތުން އެ ޤައުމުގައި ފެންބޮޑުވެގެން ކުރިމަތިވި ކާރިސާއާއި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިތަކަކީވެސް އެ ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހިގެންދިޔަ ސަބަބުތަކެކެވެ.