ޚަބަރު

ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފި


  • އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ 10 ދުވަހަށް

  • ސިންގަޕޫރަށް އަދީބު ވަޑައިގެންނެވީ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައި

  • އަދީބާއެކު ކަރެކްޝަންސްގެ އޮފިސަރުންގެވެސް ވަޑައިގެންނެވި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޢަބްދުލް ޣަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

އަދީބް ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ވިދާޅުވެފައެވެ. އަދީބް ބޭސްފަރުވާއަށް ފުރާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ރޭ ދަންވަރު އަދީބު ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، އޭނާ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް ކަރެކްޝަނުން ދެއްވާފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ. އަދީބުގެ އަރިހުގައި ކަރެކްޝަންސްގެ އޮފިސަރުންވެސް ވަނީ ވަޑައިގެންފައެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދެއްވާފައިމިވަނީ، ދާދިފަހުން އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާ ހޯއްދަވާފައިވަނިކޮށެވެ.

އަދީބުގެ ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީން ބުނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ނޫންކަމަށްވެސް އަދީބުގެ އާއިލާއިން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.