ޚަބަރު

އެމްޑީޕީއަށް މެޖޯރިޓީ ލިބޭގޮތަށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން ފާސްކޮށްފި


  • ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފެށީ، މަޖިލީހުގައި މެންބަރުން ތަމްސީލްކުރާ ޕާޓީތަކަށް އައި ބަދަލުގެ ސަބަބުން

  • ސަލާމަތީ ޚިދުމަތުގެ ކޮމިޓީއާއެކު ދާއިމީ 17 ކޮމިޓީ އޮވޭ

  • އެންމެ ގިނަ ސްލޮޓް ލިބެނީ އެމްޑީޕީއަށް، އެއަށްފަހު ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންނަށް

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލްކުރައްވާގޮތަށް އައި ބަދަލާއި ގުޅިގެން، ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް، މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ހުށައެޅިގޮތަށް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ނިންމެވީ، އެމްޑީޕީގެ ބައެއް މެންބަރުން އެޕާޓީން ވަކިވެވަޑައިގަތުމާއި، ވަކިޕާޓިއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ބައެއް މެންބަރުން އެމްޑީޕީއާއި ގުޅިވަޑައިގަތުމުން، ކޮމިޓީތަކުގައި ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ބަދަލު އަންނާނެތީއެވެ.

މިއާއެކު ކޮމިޓީތައް އެކުލަވާލާނެ ވަކިގޮތަކަށް އެއްބަސްވުނެވި ކޮމިޓީތައް އެކުލަވާލުން ދިގުލައިގެންދިޔައެވެ. އަދި ކޮމިޓީތައް އެކުލަވާލުމަށްޓަކައި ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ހުށައެޅުއްވިއެވެ.

އެމަސައްކަތްކުރުމަށް ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަނީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ ރިޕޯޓަށް ހުށައެޅި އިޞްލާހުތަކަށް ވޯޓަށް އަހާފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، އަލަށް އުފެއްދުމަށް މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ މެންބަރުން އެކުވެގެން 10 އިސްލާހެއް ކޮމިޓީ ރިޕޯޓަށް ހުށައެޅުއްވިއެވެ. އެ އިޞްލާހުތަކަކީ ކޮމިޓިތަކުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭގޮތަށް ހުށައެޅުއްވި އިޞްލާހުތަކެކެވެ. ނަމަވެސް އެ އެއްވެސް އިޞްލާހެއް ފާހެއް ނުވިއެވެ.


އެމްޑީޕީން އިޞްލާހު ހުށައެޅުއްވީ އެޕާޓީއަށް ދާއިމީ ކޮމިޓީތަކުގައި އެޕާޓީއަށް މެޖޯރިޓީ ލިބޭގޮތަށެވެ. އެމްޑީޕީން ހުށައެޅިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 35 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.

އެގޮތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްކާއި ބެހޭ ކޮމިޓީއާއި، އެހެނިހެން ދާއިމީ 16 ކޮމިޓީގައި ޖުމްލަ 183 ސްލޮޓު ހިމެނެއެވެ. އޭގެތެރެއިން އެމްޑީޕީގެ މެންބަރުންނަށް 113 ސްލޮޓް ލިބެއެވެ. މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 54 މެންބަރުން ތިއްބަވައެވެ. ދެން އެންމެ ގިނަ ސްލޮޓް ލިބެނީ ވަކި ޕާޓިއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރުންނަށެވެ. އެގޮތުން ވަކިޕާޓިއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 18 މެންބަރުންނަށް 35 ސްލޮޓް ލިބެއެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ޕީޕީއެމްގެ 5 މެންބަރުންނަށް 11 ސްލޮޓް، ޕީއެންސީއާއި އެމްއެންޕީގެ ތެރެއިން ކޮންމެ ޕާޓިއެއްގައި 3 މެންބަރުން ތިއްބަވާއިރު، ކޮނމެ ޕާޓިއަކަށް 5 ސްލޮޓް ލިބެއެވެ. އަދި ޖުމްހޫރީ ޕާޓީއާއި، އެމްޑީއޭގެ ތެރެއިން ކޮންމެ ޕާޓީއެއްގައި 2 މެންބަރުން ތިއްބަވާއިރު، ކޮންމެ ޕާޓިއަކަށް ފަސް ސްލޮޓް ލިބެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ ކޮމިޓީއަކަށް އައްޔަންކުރައްވަން ބޭނުންފުޅޫވާން މެންބަރުންގެ ނަންތައް މިރޭ 21:00ގެ ކުރިން ފޮނުއްވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ވަކިޕާޓިއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ޕާޓީތަކަށް އައްޔަންކުރައްވާނީ އެމެންބަރުންނާއި މަޝްވަރާކުރައްވާ ޚިޔާލު ހޮއްދެވުމަށްފަހު މަޖިލީހުގެ ރައީސްކަމަށް އަފީފް ވިދާލުވިއެވެ.