ޚަބަރު

މިދިޔަ ކައުންސިލް އިންތިޚާބުގައި މާލެއަށް ރީ-ރަޖިސްޓަރކުރި މީހުން އަލުން ކުރާކަށް ނުޖެހޭނެ


  • ޕާޓީތަކާއި މުވައްސަސާތަކުން ވަނީ ރީ-ރަޖިސްޓްރޭޝަން ވީހާވެސް ލުއިވާނެ ގޮތަކަށް ކުރިއަށްގެންދިއުމަށް އެދިފައި

  • ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރި މީހުން ދެން ކުރާކަށްނުޖެހޭނެ

  • ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުން މިމަހު 16 ވަނަ ދުވަހު

  • އޮންލައިންކޮށް އަދި ފޯމުގެ ޒަރިއްޔާއިންވެސް ރީ-ރަޖިސްޓަރވާން ހުށަހެޅޭނެ

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް ވޯޓުލުމަށް ރީ-ރެޖިސްޓްރީކުރި މީހުން، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މާލޭގައި ވޯޓުލާނަމަ އަލުން ރީ-ރެޖިސްޓްރީވާން ނުޖެހޭގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމަވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ، އުފަން ރަށް ނޫން އެހެން ތާކަށް ވޯޓުލާ ކޮންމެ މީހަކު ރީ-ރެސްޖިޓަރވާން ޖެހޭގޮތަށެވެ.

"ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީން" ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕާޓީތަކާއި އެކިއެކި މުވައްސަސާތަކުން ވަނީ، ރީ-ރެޖިސްޓްރޭޝަންގެ ކަންކަން ވީހާވެސް ލުއިވާނެ ގޮތަކަށް ކުރިއަށްގެންގޮސްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފައެވެ.

އާއްމު ޢުސޫލު އޮންނަގޮތުން، ކޮންމެ އިންތިޚާބެއްގައިވެސް އެމީހަކު އުފަން ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ އެތަނަކަށް ރަޖިސްޓްރީވާންޖެހެއެވެ.

ޤައުމީ ކޮމިޓީގެ މެންބަރުންނާ ޕާޓީތަކުން ހުށައެޅި ލަފާގެ މައްޗަށް ބިނާކޮށް، އިލެކްޝަންސް ކޮމިޝަނުން މިވަނީ، "ލޯކަލް ކައުންސިލް އިންތިޚާބު 2020"ގައި މާލެއަށް ރީ-ރެޖިސްޓްރީކުރި މީހުންގެ ލިސްޓު އެގޮތުގައި ބޭއްވުމަށް ނިންމަވާފައެވެ.

މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައަކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، މިގޮތަށް ނިންމީ މާލެއަކީ ދިރިއުޅުމުގެ އެކި ބޭނުންތަކަށް ހިޖުރަކޮށް ގިނަބަޔަކު ދިރިއުޅެމުންދާ ތަނަކަށްވާތީކަމަށެވެ. މިގޮތަށް ނިންމީ އަލުން ރީ-ރެޖިސްޓަރ ކުރަންޖެހޭނަމަ ވޯޓުލުމުގެ ޙައްޤު ލިބިގަންނަ މީހުން މަދުވެދާނެކަމަށް ޕާޓީތަކުން ހުށައެޅި ޚިޔާލުތަކަށް ބެލުމަށްފަހުގައިކަމަށް ޙަބީބް ވިދާޅުވިއެވެ.

"ކޮމިޓީގެ ހުރިހާ ބައިވެރިންވެސް އެދުނީ ރީރެޖިސްޓްރޭޝަންގެ މަސައްކަތް ސުމަކުން ނުފަށަން. އެއީ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ގެއްލިދާނެކަމަށް ބަލާ. ކުރިން ނިންމި ނިންމުން ބަދަލުކޮށް، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި ނިންމީ "ލޯކަލް ކައުންސިލް 2020" އިންތިޚާބުގައި މާލެއަށް ރެޖިސްޓްރީވި މީހުން އަލުން ރެޖިސްޓްރީވާން ނުޖެހޭގޮތަށް" ޙަބީބް ވިދާޅުވިއެވެ.

ނަމަވެސް އަތޮޅުތަކުގައި، އުފަން ރަށް ނޫން އެހެން ރަށަކަށް އަދި ރިސޯޓްތަކަށް ވޯޓްލާ މީހުން އެތަންތަނަށް ރީ-ރެޖިސްޓްރީ ކުރަން ޖެހޭނެކަމަށް ޙަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކާ ރީ-ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަހަރު އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތުވެސް ހުޅުވާލުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. ޙަބީބް ވިދާޅުވީ މިގޮތަށް ނިންމީ، ގިނަބަޔަކަށް ފުރުޞަތުދީ ރަޖިސްޓްރޭޝަން ޕްރޮސެސް ވީހާވެސް ފަސޭހަކޮށްދިނުމަށްކަމަށެވެ.

"އަލަށް ފަށާ ކަމެއް ނޫން މީ. ރިޔާސީ އިންތިޚާބަށްފަހު މިދިޔަ ބައި އިލެކްޝަންތަކުގައި އޮންލައިންކޮށް ރެޖިސްޓަރ ކުރިން. ޕާޓީތަކުންވެސް ޝާކުވާއެއް ނާދެ. ވަރަށް ބޮޑަށް ޓެސްޓުކުރެވިފަ ވަނީ. ސައްޙަކަން ކަށަވަރުކުރުމަށް، އެމީހެއްގެ ލައިވް ފޮޓޮއެއް ނެގިގެން ރެޖިސްޓްރީވާންވެސް ހުށައެޅޭނީ." ޙަބީބު ވިދާޅުވިއެވެ.

އޮންލައިންކޮށް ހުޅުވާލިނަމަވެސް، ކަރުދާސް ފޯމުގައިވެސް ރީރަޖިސްޓްރީވާން ހުށައެޅޭނެއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، އޮންލައިންކޮށް ރީ-ރަޖިސްޓަރވާން ހުށައެޅޭނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އެއީ ފަހުވަގުތަށް އޮންލައިންކޮށް ފޯމު ހުށައަޅާއިރު މައްސަލައެއް ދިމާވެދާނެ ޙާލަތެއް މެދުވެރިވެދާނެތީކަމަށް ޙަބީބް ވިދާޅުވިއެވެ.

ނަމަވެސް ކަނޑައެޅިފައިވާގޮތަށް އޮގަސްޓް 5 ގެ ނިޔަލަށް ކަރުދާސް ފޯމުގައި ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށައެޅޭނެއެވެ. އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 282755 މީހުންނަށް ލިބިފައިވެއެވެ.