ވިޔަފާރި

މޯލްޑިވްގޭހުން ވިއްކާ 10 ކިލޯގެ ފުޅީގެ އަގު ހެޔޮކޮށްފި


އަންނަ މަހުން ފެށިގެން، މޯލްޑިވް ގޭސް އިން ވިއްކާ 10 ކިލޯގެ ގޭސްފުޅީގެ އަގުން 15 ރުފިޔާ ކުޑަ ކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

މިކަން ޢިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބުދުﷲ މައުމޫން ވިދާޅުވީ، އެކުންފުނިން މިހާރު ދިހަކިލޯގެ ގޭސްފުޅިއެއް ވިއްކަމުންގެންދަނީ 225 ރުފިޔާއަށް ކަމަށެވެ. އެޕްރިލް އެއްވަނަ ދުވަހުންފެށިގެން ގެންނަ ބަދަލާއިއެކު ދެން 10 ކިލޯގެ ފުޅިއެއް ވިއްކާނީ 210 ރުފިޔާއަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14575280462977.jpg|މޯލްޑިވް ގޭހުން ބޭއްވި ޕްރެސް ކޮންފަރެންސް - ފޮޓޯ: ޕީއެސްއެމް

އަގަށް ބަދަލު ގެނައުމުގައި ފުރަތަމަ އިސްކަންދެއްވާފައި ވަނީ ރައްޔިތުންނާއި ސީދާ ގުޅުން ހުރި ގޮތަކަށް، ރައްޔިތުންނަށް ފައިދާ ފެންނާނެ ދާއިރާއަކުން އަގުތަށް ހެޔޮކުރައްވަން ކަމަށް މައުމޫން ވިދާޅުވިއެވެ.

މި ބަދަލު މާލޭގެ އިތުރުން އަތޮޅު ތެރޭގައި އެކުންފުނީގެ ގޭސް ވިއްކާ ފަރާތްތަކުންވެސް އޭޕްރީލް މަހުން ފެށިގެން ގެންނާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. މިއީ މޯލްޑިވް ގޭހުން ވިއްކާ ގޭހުގެ އަގު ކުޑަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެކުންފުނިން ގޭހުގެ އަގަށް ބަދަލު ގެނައި ދެފަހަރުވެސް ގޭހުގެ އަގު ވަނީ ބޮޑުކޮށްފައެވެ.

އެގޮތުން 2008 ވަނައަހަރު 185 ރުފިޔާއަށް 10 ކިލޯގެ ގޭސްފުޅީގެ އަގު ބޮޑުކުރުމަށް ފަހު 2011 ވަނަ އަހަރު 225 ރުފިޔާއަށް ވަނީ ގޭހުގެ އަގު ބޮޑު ކޮށްފައެވެ.