ޚަބަރު

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ނައިބު ރައީސް ރާއްޖެވަޑައިގެންފި


1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަނޑައަޅުއްވާފައެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ނައިބު ރައީސް ސަޢުދީއަށް ވަޑައިގަތީ ޖޫން 22 ވަނަ ދުވަހުއެވެ. ނައިބު ރައީސްއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދު އެނބުރި ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މިއަހަރު ޙައްޖަށް ވަޑައިގެންނެވި ވަފުދުގެ އެންމެ އިސްވެރިންގެ ޝަރަފުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ފަރާތްޕުޅުން ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާ، އެ ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާގޮތާއި ގުޅޭގޮތުން ނައިބު ރައީސް ވަނީ މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

މިއަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ. ރާއްޖޭން ދެން ޙައްޖަށް މީހުން ގެންދިޔަ ގްރޫޕްތަކަކީ، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީއަށް ދިޔަ ދިވެހި ޙައްޖުވެރިން މިމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށެވެ. އެގޮތުން ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައެވެ.