ޚަބަރު

ގޯތިދިނުމަށް ވެވަޑައިގެންނެވި ވަޢުދުފުޅަށްވުރެ މާފުރިހަމައަށް ރައީސް އެކަން ކޮށްދެއްވަމުންގެންދަވާ: މެންބަރުން


  • ގޯތި ލިބޭ މީހުންނަށް އަންނަ މަހު ގޯތިތައް ހަވާލުކުރާނެ

  • މިބުރުގައި 6200 ގޯތި ދޫކުރާނެ

  • ގޯތި ދޫކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި، ގުޅިފަޅު އަދި ގިރާވަރު ފަޅުން

މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުފުޅަށްވުރެ މާ ފުރިހަމައަށް އެކަންކޮށްދެއްވަމުން ގެންދަވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ބައެއް ދާއިރާތަކުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މާލޭ ރައްޔިތުންނަށް ގޯތި ދެއްވުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް، ގޯތި ލިބޭނެ މީހުންގެ ވަގުތީ ލިސްޓު މިހާރު ވަނީ ޢާންމުކުރައްވާފައެވެ.

މާލޭ ރައްޔިތުންނަށް ތިން ސަރަހައްދަކުން ގޯތި ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނާއި، ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ. އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. ގުޅިފަޅު ހިއްކުން ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މާލޭގެ ރައްޔިތުންނަށް ދިނުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި 5000 ގޯތީގެ ބަދަލުގައި އެ ޢަދަދު 6200 ގޯއްޗަށް އިތުރުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަޤީންކަމަކީ އަންނަ މަހު މާލޭގެ ރައްޔިތުންނަށް ގޯތި ހަވާލުކުރައްވާނެކަމަށެވެ. އަދި ގޯއްޗަށް ޝަރުތު ހަމަވާ ހުރިހާ އެންމެނަށް ގޯތި ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ބައެއް ދާއިރާތަކުގެ މެންބަރުންވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވާނެކަމަށް ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅަށްވުރެ މާ ފުރިހަމައަށް އެކަންކޮށްދެއްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ވިދާޅުވީ، މާލޭގައި އާއިލާތައް ރޫޅޭން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަމަށެވެ. އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާ ހަމައެކަނި ވެރިޔަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް ޝަހީމް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ލިބުމުން، މާލޭގެ ރައްޔިތުންނަށް މިހާރު ދިމާވަމުން އަންނަ ނަފްސާނީ ބަލިތަކާއި ސިއްޙީ މައްސަލަތަކަށްވެސް ޙައްލެއް ލިބޭނެކަން ޝަހީމް ފާހަގަކުރެއްވިއެވެ.


"އަޅުގަނޑު ދަންނަވާނީ މާލޭގެ ރައްޔިތުންތިބީ އުފަލުން ފޮޅިފައޭ. މާލޭގެ ރައްޔިތުންނަށް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަކު މިވަރުގެ އޯގާތެރި ހެޔޮ، މާލޭގެ ރައްޔިތުންގެ ހާލު މިހާގާތުން ބައްލަވައި، މާލޭގެ ރައްޔިތުންނަށް މިވަރުގެ ބޮޑުކަމެއް ކޮށްދެއްވި އެއްވެސް ރައީސަކު ދިމާނުވޭ." މެންބަރު ޝަހީމް ވިދާޅުވިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ވިދާޅުވީ، ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުއަކީ މުޅި ރާއްޖެ ބަދަލުކޮށްލާނެ މަޝްރޫޢުއެއްކަމަށެވެ. އެއީ ވިޔަފާރިއާއި އިޤްތިޞާދީ ހަބަށް އެތަން ބަދަލުވެގެންދާނެތީކަމަށް ފަލާހް ވިދާޅުވިއެވެ. ފަލާހުވެސް ވަނީ މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކާއެކު މާލޭ ރައްޔިތުން އެތައް ޒަމާނެއް ވަންދެން އުފުލަމުން އައި ތަކްލީފްތަކަށް ބޮޑު ލުޔެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ.


"އަޅުގަނޑަށް މިއީ ވަރަށް ޖަޒުބާތީ ދުވަހެއް. އަޅުގަނޑުމެން މާލޭ ރައްޔިތުންގެ އަސްލު ހާލަތު އަޅުގަނޑުމެންގެ ގޭގެއަށް ދޮރުންދޮރަށް ހިނގީމަ ވަނީ ފެނިފަ. ރައީސް ވިދާޅުވިހެން ވަރަށް ނިކަމެތި ހާލުގައި މާލޭ ރައްޔިތުން އެބަ ދިރިއުޅޭ. ބައެއްފަހަރު ވިއްސާރަވެއްޖެނަމަ ގޭތެރޭ ފެންބޮޑުވެ ފަރުނީޗަރު އަބަދު ބަދަލުކުރަންޖެހޭ ގޭގޭވެސް އެބަހުރި. އެބޭފުޅުންނަށްވެސް ބޮޑު ހައްލެއް ލިބޭނެ." މެންބަރު ފަލާޙް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް ވެވަޑައިގެންނެވި ވަޢުދެއްނަމަ ފުއްދަވާތަން ފެނިވަޑައިގަންނަވާކަމަށެވެ. މިއީ މާލޭ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއްކަމަށްވެސް މީކާޢީލް ވިދާޅުވިއެވެ.


"މާލޭގައި ގޯތި ހައްގުވާ ފަރާތެއްނަމަ އެފަރާތެއް ގޯއްޗަށް ޝަރުތުހަމަވެ ލިސްޓުގައި އޭނާގެ ނަން އެބައޮތް. ޖޮއިންޓްކޮށް ލީމަ ލިބޭ ބޭފުޅުންނަށްވެސް މިއޮތީ ގޯތި ލިބޭނެ މަގު ތަނަވަސްވެފަ." މީކާޢީލް ވިދާޅުވިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ވިދާޅުވީ، މާލޭގެ ރައްޔިތުންވެސް މާލޭގައި ދިރިއުޅެނީ ކުއްޔަށް ތަންތަން ހިފައިގެންކަމަށެވެ. އަދި ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވަމުން ޚައިތަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ މާލޭގެ ކުލީގެ އަގަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމެއްކަމަށެވެ.

"މާލޭގެ ރެންޓު ވަރަށް ބޮޑަށް ކުޑަވެގެންދާނެ. އެއީ މިހާތަނަށް ހިންގާފައިވާ ކުދިކުދި ޕްރޮޖެކްޓުތަކުންވެސް އެކަން އެބަފެނޭ. އެހެންވީމަ ގޯތި ދޫކުރީމަ ރެންޓު ވަރަށް ބޮޑަށް ކުޑަވެގެންދާނެ. އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު ޙައްލެއް އަންނާނެ." ޚައިތަމް ވިދާޅުވިއެވެ.


މެންބަރުން ވަނީ މިއީ ސަރުކާރަކުން މާލޭގެ ރައްޔިތުންނަށް އެއްފަހަރާއި މިހާތަނަށް ގެނެސްދެއްވި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަންވެސް ފާހަގަކުރައްވާފައެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދަ ބިންވެރިޔާ ސްކީމްގްގެ ދަށުން ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު 10314 މީހަކަށް ގޯތި ލިބޭކަމަށްވެސް ހައުސިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.