ޚަބަރު

މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ، މެމްބަރުންނަށް ކުރު ނޯޓިސްއެއް


  • - ދައުރުން ބޭރު ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށް، މެމްބަރުންނަށް އެންގީ މިއަދު ހަވީރު

  • - ކުރު ނޯޓިސް އެއްގައި ޖަލްސާ ބާއްވާތީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކަންބޮޑުވުން އެބައޮތް

  • - ދައުރުން ބޭރު ޖަލްސާތަކެއް ބޭއްވުމަށް އެމްޑީޕީން ހުށަހެޅީ މުހިންމު މަސައްކަތްކެއް ނިންމުމަށް

  • - މަޖިލީހުގެ ގަވާއިދު ބުނަނީ ދައުރުން ބޭރު ޖަލްސާއަށް އެދޭތާ 14 ދުވަސް ތެރޭ ބާއްވަންޖެހޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ދައުރުން ބޭރުން ބޭއްވެވުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން އެދިފައި އޮތުމުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވެވުމަށް އެޖެންޑާ ކުރައްވައިފިއެވެ.

މާދަމާ ހެނދުނު 9:00 ޖަހާއިރު ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް ނިންމުމުގެ މައްސަލައެވެ. މިމައްސަލައަކީ މަލިސް ޗުއްޓީއަށް ދިއުމުގެ ކުރިންވެސް ބޭއްވި ޖަލްސާއަށްވެސް ހުށަހެޅި، ބަހުސް ކުރެވި، ނަމަވެސް ގޮތެއް ނުނިމި އޮތް މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށައަޅުއްވައިފިނަމަ، އެ ހުށައެޅުން ހުށައަޅުއްވާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް މަޖިލީހުގެ ރައީސް ބާއްވަން ވާނެކަމަށެވެ. އަދި އެ 14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައިވެއެވެ.

އެމްޑީޕީން އެދުނު 14 ދުވަސް ހަމަވާނީ މިހަފްތާގެ ބުރާސްފަތި ދުވަހަށެވެ. މާދަމާ މަޖިލީހުގެ ޖަލްސާ ބައްވާކަމުގެ މައުލޫމާތު މެމްބަރުންނަށް ލިބުނީ މިއަދު ހަވީރުއެވެ. މަޖިލިސް ޗުއްޓީގައި އޮވެ، އީދު ބަންދާއި ސްކޫލުވެސް ބަންދު ދުވަސް ވަރަކަށް ވުމުން ގިނަ މެމްބަރުން ތިއްބެވީ މާލެއިން ބޭރުގައެވެ.

އެމްޑީޕީގެ ޕީޖީ ޕްރޫގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މިއީ 14 ދުވަސް ތެރޭގައި ޖަލްސާއެއް ބާއްވަން ބުނެފައިވާތީ ބައްވާ ޖަލްސާއެއްކަން އެޖެންޑާއިން ސާފުވާކަމަށެވެ. ނަމަވެސް ޗުއްޓީ ދުވަސް ވަރަކަށް ވުމުން، އެއްދުވަސް ދެއްވުމަށްފަހު ޖަލްސާ ބޭއްވުމުގެ ދައުވަތު ފޮނުވިނަމަ ގިނަ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވޭނޭކަން ޝިފާއު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ޖަލްސާ ބާއްވަން ކުރު ނޯޓިސްއެއް ދެއްވުމުން އެކަމުގެ ކަންބޮޑުވުން މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕުގައިވެސް ފާޅު ކުރައްވާފައެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް އެދުނީ މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތަކެއް ނިންމުމަށްކަމަށެވެ. އަދި މަޖިލީހުގައި ކުރުމަށް ހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޖޭއެސްސީ އިޞްލާހުކުރުމަށް ހުށައެޅުއްވި އިޞްލާހާއި ޤާނޫނު އަސާސީ އިޞްލާހުކުރުމަށް ހުށައެޅުއްވި އިޞްލާހާއި، ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާހަގަކުރައްވައެވެ.