ޚަބަރު

އާރުޓީއެލްގައި ލޯފަން ޒުވާނުންތަކެއް ކުރި ދަތުރުގެ ތަޖުރިބާ، މިއީ ސަތޭކައިގެ ނިޒާމެއް!


  • އާރުޓީއެލް އެންމެ ފުރަތަމަ ފެށީ ބޮޑުތިލަދުންމަތީގައި

  • މިނިޒާމަށް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވޭ

  • މިއީ އިތުބާރުކުރެވޭ ދަތުރުފަތުރުގެ ނިޒާމެއް

ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގެ ގޮތުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރުޓީއެލް އިފްތިތާހުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ދަތުރުފަތުރުގެ މި ނިޒާމު އެމް.ޓީ.ސީ.ސީއާއި ސަރުކާރުން ހަވާލުކުރުމުން އެންމެ ފުރަތަމަ ފެރީ ދަތުރުތައް ފަށާފައިވަނީ ޒޯން އެކެއްގައެވެ. އެއީ ހއ އަތޮޅާއި ހދ އަތޮޅާއި ށ އަތޮޅު ފެރީ ނިޒާމުން ގުޅުވާލުމެވެ.

ސަރުކާރުން އާރު.ޓީ.އެލް ނިޒާމު ތަޢާރަފްކޮށްފައިވަނީ ޒަމާނުއްސުރެ ރައްޔިތުން ދަތުރުފަތުރުކުރުމުގައި އުފުލަމުންދިޔަ ތަކްލީފްތަކަށް ލުޔެއް ހޯދައިދިނުމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ އަވަސް ނިޒާމެއް ހޯދައިދިނުމާއި، ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ދަތުރުކުރެވޭ، ރައްޔިތުންގެ އިތުބާރު ލިބޭ ފެރީ ނިޒާމެއް ޤާއިމުކުރުމެވެ.

ޤައުމީ ފެރީ ނިޒާމުކަމަށްވާ އާރު.ޓީ.އެލް ފެށިތާ އަހަރެއް ފާއިތުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ރައްޔިތުންގެ ފުރިހަމަ އިތުބާރު މި ނިޒާމަށް މިވަނީ ލިބިފައެވެ. ރައްޔިތުން ބަރޯސާވާ ނިޒާމަކަށް މި ނިޒާމް ބަދަލުކޮށްލައިފިއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ފެރީ ނިޒާމުގެ ޚިދުމަތުގެ ފެންވަރު ދަށަށް ނުދާކަން ރައްޔިތުން ފާހަގަކުރަނީ އުފަލާއެކުގައެވެ.

އިއްޔެ މީސްމީޑިޔާގައި ދައުރުވާން ފެށި ވީޑިއޯއަކާއެކު މިކަން އިތުރަށް ސާބިތުވިއެވެ. ކުޅުދުއްފުށީގެ ބަނދަރުގައި އަޅާފައި އޮތް އާރު.ޓީ.އެލްގެ ފެރީއެއްގެ ކައިރީގައި މަޑުކޮށްލައިގެން ތިބި، ލޮލުގެ ފެނުމުން މަޙްރޫމުވެފައިވާ ދެ ޒުވާނަކު ދައްކަމުން ދިޔަ ވާހަކަތަކަށް އެތައްބައެއްގެ ސަމާލުކަން ހުއްޓުނެވެ.

"އަޅުގަނޑުމެން މިހާތަނަށް އާރު.ޓީ.އެލް މެދުވެރިކޮށް އެތައް ދަތުރެއް ކޮށްފިން. އާރު.ޓީ.އެލް އަކީ ހަމަގައިމުވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފަސޭހަތަކެއް، އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ޚިދުމަތެއްކަމާ ދޭތެރޭގައި ޝައްކެއްވެސްނެތް. ވަރަށް ފުރިހަމަ ޚިދުމަތެއްކަން ފާހަގަކޮށްލަންޖެހޭނީ" ބަނދަރުމަތީގައި މަޑުކޮށްލައިގެން ތިބި ދެ ޒުވާނުންގެ ތެރެއިން ޢަބްދުﷲ ޒިޔާއު ފާހަގަކުރިއެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މިވަގުތު ބޮޑު ތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގައި ބޭނުންކުރަނީ އާރު.ޓީ.އެލް ފެރީތަކެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މި މީހުންގެ ދަތުރުތަކުގައި އެހީތެރިން ގެންދިޔަ ނަމަވެސް ކޮންމެ މީހަކަށް އެހީތެރިއެއް ނުހުރެއެވެ.

"އަޅުގަނޑުމެންނަށް މިކުރެވުނު ތަޖުރިބާއަށް ބަލާއިރު އާރު.ޓީ.އެލްއަށް 100 އަކުން 100 ދޭވަރުވޭ." ޢަބްދުﷲ ޒިޔާއު ފާހަގަކުރިއެވެ.

މި ޒުވާނުން ފާހަގަކުރިގޮތުގައި އާރުޓީއެލްއަށް އޮތް އެންމެ ބޮޑު އެއް އިތުބާރަކީ ގަޑިއަށް ހުރިހަކަމެއްވެސް އިންތިޒާމްވެފައި ހުރުމެވެ. ފުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ފެރީ ފުރުމާއި، ދާން ކަނޑައަޅާފައިވާ މަންޒިލަށް ވަގުތަށް ގެންގޮސް ދިނުމުގެ ޔަޤީންކަމެވެ.

"މިދަތުރުތަކުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ބައެއް ކަންތައްތަކަށް ބަލާއިރު އެންމެ ޔަގީންވާ އެއްކަމަކީ އެ އޮންނަ ވަގުތަކަށް އެ ރަށަކަށް ދެވޭނެކަމުގެ ޔަގީންކަން މިއަދު އަޅުގަނޑުމެންނަށް ކަށަވަރު." ޢަބަދުﷲ ޒިޔާއުގެ ވާހަކަތަކަށް ބާރު ދެމުން އެ ޓީމުގެ ދެވަނަ މެންބަރު މުހައްމަދު މާޒިން ފާހަގަކުރިއެވެ.

"އަދި އަޅުގަނޑުމެން އިތުރު އެހީތެރިއަކާ ނުލާ އެކަނި އާރު.ޓީ.އެލް ފެރީ ކައިރިއަށް ގޮސް އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ތަނަށް ފެރީއަށް އަރައިގެން ދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް. އާރު.ޓީ.އެލްގެ ކްރޫ އަޅުގަނޑުމެންނަށް އެހީތެރިވާނެކަމުގެ 100 ޕަސެންޓް ޔަގީންކަން މިދަތުރުތަކުގެ ތެރެއިން ވަނީ ލިބިގެން ގޮސްފައި." މާޒިން ފާހަގަކުރިއެވެ.


ޒޯން 1ގެ ޚިދުމަތަށް 17 ލޯންޗް ބޭނުންކުރާއިރު، މިއިން ކޮންމެ ލޯންޗެއްގައި މަދުވެގެން 5 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެއީ 2 ކެޕްޓަނުންނާއި 3 ފަޅުވެރިންނެވެ. އަދި އާރު.ޓީ.އެލް ފެރީގެ ދަތުރުތަކަކީ ކަނޑައަޅާފައިވާ ގަޑިއަށް ފަށާ ދަތުރުތަކެކެވެ. ސަލާމަތީ ވަސީލަތްތައް ވަނީ ޤާއިމުކުރެވިފައެވެ.

ލޯންޗުފަހަރުގެ އެތެރޭގެ އިންތިޒާމުތައްވަނީ އެންމެ ޒަމާނީ ގޮތްގޮތަށް ބައްޓަންކުރެވިފައެވެ.

"އުޅެލަންވެސް ވަރަށް ފަސޭހަ ލޯންޗެއް. ޚާއްސަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ވަކި ޖާގަތަކެއް ހުސްކުރެވިގެން، އެންސްޕާގެ ކާޑު އޮވެއްޖެއްޔާ ހިލޭ ދަތުރުކުރެވޭ ޚިދުމަތެއްގެ ގޮތުގައި ފާހަގަކުރެވުނީ." ޒިޔާއު ފާހަގަކުރިއެވެ.


މިފަދަ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެން އަންނާނެ ބައެއް ކަންކަންވެސް މި ޒުވާނުން ފާހަގަކުރެއްވިއެވެ. އެގޮތުން ފެރީގެ ޚިދުމަތް ލިބިގަންނަ މީހުންނަށް އެ ފެރީ ދަތުރުކުރާ މަންޒިލާ ގުޅޭ މަޢުލުމާތު ލިބޭގޮތަށް ހަމަޖެހުމުގެ މުހިންމުކަން އެމީހުން ފާހަގަކުރިއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ މި ވީޑިއޯ ޝެއަރކުރެއްވުމަށްފަހު އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްވަނީ އެޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮންމެއަކަސް މިއަދު ސާބިތުވީ އަދުގެ ސަރުކާރުން ފެއްޓެވި ދަތުރުފަތުރުގެ ނިޒާމަކީ ކާމިޔާބު ނިޒާމެއްކަމެވެ. އަދި މިއީ ކޮންމެ ޢުމުރެއްގެ ކޮންމެ މީހަކަށްވެސް ފައްކާވެފައި އޮތް ނިޒާމެއްކަމެވެ.