ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ. މޮސްކޯއާއި ނިއު ދިއްލީން ބުނީ ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ރަޝިޔާގެ ކުލީ ސިފައިންގެ ގުރޫޕު – ވާގްނަރ ގުރޫޕުން ފެށި އަސްކަރީ ބަޣާވާތާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ.
ކްރެމްލިނުން ބުނީ، ވާގްނަރގެ ބަޣާވާތް ހުއްޓުވަން ޕުޓިން އަޅުއްވާފައިވާ ފިޔަވަޅުތަކަށް މޯދީ ތަޢުރީފު ކުރައްވާފައިވާ ކަމުގައެވެ. އަދި، ބަޣާވާތް ހުއްޓުމަކަށް ގެނެސް ވާގްނަރގެ ކުލީ ސިފައިން ކޮންޓްރޯލް ކުރެވިފައި ވަނީ ޕުޓިންގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މޯދީ ވިދާޅުވި ކަމުގައެވެ.
ފޯން ކޯލްގައި މޯދީއާއި ޕުޓިން ވަނީ ޔޫކްރެއިނަށް އަރައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި، މޯދީ ވަނީ މަޝްވަރާ އިސްކުރުމަށް ޕުޓިންއަށް އިރުޝާދު ދެއްވާފައެވެ. ރަޝިޔާގެ ހަނގުރާމަ މިހާތަނަށް ކުށްވެރިކޮށްފައި ނުވާ މަދު ޤައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ.
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އޮތް ނުތަނަވަސް ކަން ހައްލު ކުރަން މަޝްވަރާ އިސްކުރުމަށް މޯދީ ގޮވައިލައްވާފައި މި ވަނީ އޭނާ އެމެރިކާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކަށް ފަހުއެވެ. އެ ދަތުރުފުޅުގައި މޯދީއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، އިންޑިޔާއާއި އެމެރިކާއަކީ އެންމެ ގާތް ދެ އެކުވެރިންގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރަން ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް އެ ޤައުމުގެ ފައުޖުތަކުން ކުރަމުންދާ ހަނގުރާމައިގައި ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވަނީ ބައިޑަންއެވެ. އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމާއި ހަތިޔާރު އަގު އެތަކެއް ބިލިޔަނަކަށް އަރައެވެ.
މޯދީއާއި ޕުޓިންގެ މަޝްވަރާތަކާ ދިމާކޮށް އިންޑިޔާގެ ޤައުމީ ދިފާޢާބެހޭ މުޝީރު އަޖިތް ދޯވާލާއި ރަޝިޔާގެ ދިފާޢީ މުޝީރު ނިކޮލައި ޕަޓްރުޝެފް ވެސް ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ. އެ ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ވެސް އެންމެ ބޮޑަށް އަލިއަޅުއްވައިލައްވާފައި ވަނީ ވާގްނަރ ގުރޫޕުން ފެށި ބަޣާވާތަށެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އިންޑިޔާއިން އަދިވެސް އިސް ކުރަނީ މެދުމިނުގެ ސިޔާސަތެކެވެ. ނަމަވެސް، އެ ޤައުމުން ދަނީ ރަޝިޔާއާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ކުރިއަރުވަމުންނެވެ.