ދުނިޔޭގެ ވިޔަފާރި

ދޯބުރާލި ހަކުރުގެ ބަދަލުގައި ފޮނިރަހަ ލައްވަން ބޭނުންކުރާ ތަކެތިން ކެންސަރަށް މަގުފަހިވޭ!


  • އާޓިފިޝަލް ސްވީޓްނަރގެ ބާވަތެއްކަމަށްވާ އެސްޕަޓެއިމްއަކީ ކެންސަރު ބަލިޖެހުމުގެ ފުރުސަތު އޮތް މާއްދާއެއްކަމަށް ނިންމުމުގެ ފުރުސަތު ބޮޑު

  • ބާޒާރަށް ނެރޭ 6000 އަށްވުރެ ގިނަ ކާބޯތަކެތީގެ ބާވަތެއް އުފައްދަނީ އެސްޕަޓެއިމް ބޭނުންކޮށްގެން

  • އޭގެތެރޭގައި ޑައިޓް ކޯކާއި، ޗުއިންގަމާއި، ޔޯގަޓްގެ އިތުރުން ދަތްއުނގުޅާ ބޭސްވެސް ހިމެނޭ

ކާބޯތަކެތީގައި ފޮނި ރަހަ ލައްވަން ދޯބުރާލި ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ސްވީޓްނަރގެ ބާވަތެއްކަމަށްވާ އެސްޕަޓެއިމްއަކީ ކެންސަރު ބަލިޖެހުމުގެ ފުރުސަތު އޮތް މާއްދާއެއްކަމަށް ކަނޑަޅަން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިޔުއެޗްއޯގެ އެޖެންސީއަކުން ނިންމާފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން ބުނެފިއެވެ.

އިތުބާރުކުރެވޭ ފަރާތްތަކާއި ހަވާލާދީ ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުން ބުނާގޮތުން އެސްޕަޓެއިމްއަކީ ކެންސަރު ބަލިޖެހުމުގެ ފުރުސަތު އޮތް މާއްދާއެއްކަމަށް ކަނޑަޅަން ނިންމާފައިވަނީ ކެންސަރާއި ގުޅޭ ދިރާސާތައްކުރުމަށް ޑަބްލިޔުއެޗްއޯގެ ދަށުން އުފައްދާފައިވާ އިންޓަރނޭޝަނަލް އެޖެންސީ ފޮރ ރިީސާޗު އޮން ކެންސަރ، އައި.އޭ.އާރު.ސީންނެވެ. މިމަހުގެ 14 ވަނަ ދުވަހު ރަސްމީކޮށް މިކަން އިއުލާންކުރުމަށް އައި.އޭ.އާރު.ސީން ތައްޔާރުވީ، އެސްޕަޓެއިމް އާއި ކެންސަރާއި ގުޅޭގޮތުން ހަދާފައިވާ 1300 އެއްހާ އިލްމީ ހޯދުންތަކެއް ދިރާސާކުރުމަށް ފަހުކަމަށްވެސް ހަބަރުތައް ބުނެއެވެ.

ހަކުރު މައްޗަށް ގޮސްގެން ކުރިމަތިވާ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ނުވަތަ ކެލަރީ މަދުކޮށް، ފަލަވުމުން ދުރުހެލިވުމަށް ދޯބުރާލި ހަކުރުގެ ބަދަލުގައި ބައެއް މީހުން ބޭނުންކުރާ އާޓިފިޝަލް ސްވީޓްނަރތަކަކީ ހަކުރަށްވުރެ ފޮނި ރަހަގަދަ އެއްޗެކެވެ. އޭގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އާއްމުކޮށް ބޭނުންކުރާ ދޯބުރާލި ހަކުރަށްވުރެ، އާޓިފިޝަލް ސްވީޓްނަރތަކުގައި ހުންނަ ފޮނިރަހަ 200 ގުނަ އިތުރެވެ.

މިގޮތުން ފޮނިރަހަ ލައްވަން ތައްޔާރީ ބުއިންތަކާއި ކާނާގައި ބޭނުންކުރާ އެންމެ އާއްމު އާޓިފިޝަލް ސްވީޓްނަރއަކީ "އެސްޕަޓެއިމް"އެވެ. ހަކުރު ނުހުންނަ ޑައިޓް ބުއިންތަކާއި ޗުއިންގަމާއި ބައެއް ބްރޭންޑްތަކުގެ ޔޯގަޓްތައް ހިމެނޭގޮތަށް ބާޒާރަށް ނެރޭ 6000 އަށްވުރެ ގިނަ ކާބޯތަކެތީގެ ބާވަތެއް އުފައްދަނީ އެސްޕަޓެއިމް ހިމެނޭ އާޓިފިޝަލް ސްވީޓްނަރތަކެވެ.

ކަމާއިބެހޭ ފަރާތްތަކުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެސްޕަޓެއިމް، ކާބޯތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރާތާ މިހާރު އެތައް އަހަރެއްވެއްޖެއެވެ. ނަމަވެސް މީގެ ރައްކާތެރިކަމާމެދު ސިއްހީ މާހިރުންނާއި ތަޖުރިބާކާރުން ދިޔައީ އަބަދުވެސް ސުވާލު އުފައްދަމުންނެވެ. އެ ސަބަބުތަކާއި ގުޅިގެން އެސްޕަޓެއިމްއާއި އާޓިފިޝަލް ސްވީޓްނަރތައް ވެފައިވަނީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ގިނައިން ދިރާސާތައް ކުރިއަށްގެންދާ ކާބޯތަކެތީގެ ބާވަތަށެވެ.

އިންސާނުން ބޭނުންކުރުމަށް ރައްކާތެރި ބާވަތެއްތޯ ނުވަތަ ވަކި އެއްޗަކުން އިންސާނުން ނުރައްކަލަށް ހުށަހެޅޭތޯ ބެލުމަށް ދިރާސާތައް ހިންގާ އެއް ބަޔަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ދަށުން ހިންގާ އެޖެންސީއެއްކަމަށްވާ އައި.އޭ.އާރު.ސީއެވެ. އިންޓަރނޭޝަނަލް އެޖެންސީ ފޮރ ރިީސާޗު އޮން ކެންސަރ، އައި.އޭ.އާރު.ސީން އެސްޕަޓެއިމް އާއި ކެންސަރާއި ގުޅޭގޮތުން ހަދާފައިވާ 1300 އެއްހާ އިލްމީ ހޯދުންތައް މުރާޖަޢާ ކުރަމުންދާތާ ދުވަސްތަކެއްވެއްޖެއެވެ. ހަބަރުތައް ބުނާގޮތުން އެސްޕަޓެއިމްއާ ގުޅޭގޮތުން އައި.އޭ.އާރު.ސީން ކުރިއަށްގެންދިޔަ މަސައްކަތް މިދިޔަ މަހު ނިންމާލުމަށްފަހު، އެ އެޖެންސީން ވަނީ އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމާފައެވެ. އަދި އެ ނިންމުން މިމަހުގެ 14 ވަނަ ދުވަހު އިއުލާންކުރާނެކަމަށްވެސް ކަމާއި ބެހޭ އޮފިޝަލުންނާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.

އައި.އޭ.އާރު.ސީން ހިންގާ ދިރާސާތަކުގައި ނިންމާނީ، ވަކި އެއްޗަކުން ނުވަތަ ވަކި ކަމަކުން އިންސާނުންނަށް ކެންސަރު ޖެހުމުގެ ނުރައްކާ އޮތްތޯ ނުވަތަ ނޫންތޯއެވެ. އަދި އެއަށްފަހު ކެންސަރަށް މަގުފަހިވާ ބާވަތްތައް ލިސްޓުކުރާ 4 ކެޓަގަރީއެއްގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއްގައި އެ އެއްޗެއް ނުވަތަ ކަމެއްް ކްލެސިފައިކުރާނެއެވެ.

ކްލެސިފައިކުރާ 4 ކެޓަގަރީއަކީ،

  • ގްރޫޕް1 - ކެންސަރުޖެހުމަށް މަގުފަހިވާ ބާވަތްތައް
  • ގްރޫޕް2އޭ - ންސަރުޖެހުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު ބާވަތްތައް
  • ގްރޫޕް2ބީ - ކެންސަރުޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތް ބާވަތްތައް
  • ގްރޫޕް3 - ކެންސަރުޖެހުމަށް މަގުފަހިވޭތޯ ނުވަތަ ނޫންތޯ ކަނޑަނޭޅޭ ބާވަތް

އިތުބާރު ކުރެވޭ މަސްދަރުތަކާއި ހަވާލާދީ ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުން ބުނާގޮތުން އައި.އޭ.އާރު.ސީން ކުރިއަށް ގެންދިޔަ ދިރާސާއަށްފަހު ނިންމާފައިވަނީ އެސްޕަޓެއިމްއަކީ ކެންސަރު ޖެހުމަށް މަގުފަހިވާ "ކަރސިނޮޖެނިކް" އަކަށްވުމުގެ ފުރުސަތު އޮތް ބާވަތެއްކަމަށެވެ. އަދި އެކަން މިމަހުގެ 14 ވަނަ ދުވަހު ރަސްމީކޮށް އިއުލާންކުރާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.

ވަކި އެއްޗެއް ބޭނުންކުރުމުން ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް އައި.އޭ.އާރު.ސީން ނިންމިޔަސް، ކެންސަރަށް މަގުފަހިވަނީ އެ އެއްޗެއް ކިހާވަރަކަށް ބޭނުންކުރުމުންތޯއެއް އެ ފަރާތަކުން ނުނިންމާނެއެވެ. އެ ނިންމުން ނިންމާނީ ޑަބްލިޔުއެޗްއޯއާއި އދ.ގެ ކާބޯތަކެއްޗާއި ބެހޭ އެޖެންސީގެ ތަޖުރިބާކާރުން ހިމެނޭ ޖޮއިންޓް ކޮމިޓީއެއްކަމަށްވާ ޖެފްކާއިންނެވެ.

ޖެފްކާއިންވެސް ދަނީ އެސްޕަޓެއިމްއާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ދިރާސާތައް ކުރަމުންނެވެ. ޑަބްލިއުއެޗްއޯގެ އޮފިޝަލުން ބުނީ ޖެފްކާގެ ނިންމުންވެސް އިއުލާންކުރާނީ އައި.އޭ.އާރު.ސީގެ ނިންމުން އިއުލާންކުރާ ދުވަހުކަމަށެވެ.

އެސްޕަޓެއިމްއަކީ ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު އެއްޗެއްކަމަށް އައި.އޭ.އާރު.ސީން ނިންމާނެކަމަށް ޔަގީންކުރެވުނަސް، ޖެފްކާގެ ނިންމުން އަންނާނެ ގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. 1981 ވަނަ އަހަރުން ފެށިގެން ޖެފްކާއިން ބުނަމުން އައިސްފައިވަނީ އެސްޕަޓެއިމްއަކީ ވަކި ލިމިޓެއްގެ ތެރެއިން ބޭނުންކުރުމަށް ރައްކާތެރި އެއްޗެއްކަމަށެވެ. އަދި ރައްކާތެރި ނޫންކަމަށް ބަލާނީ އެސްޕަޓެއިމް ހުންނަ ބާވަތެއް ކިހާވަރަކަށް ބޭނުންކުރުމުންކަންވެސް ޖެފްކާއިން އޮތީ ކަނޑައަޅާފައެވެ. ގިނަ ގައުމުތަކުގެ ރެގިއުލޭޓަރީ އިދާރާތަކުން ދިޔައީ ޖެފްކާގެ އެ ނިންމުމާއި، އެ ނިންމުމުގެ ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އަމަލުކުރަމުންނެވެ.

އެސްޕަޓެއިމްއާ ގުޅޭގޮތުން އައި.އޭ.އާރު.ސީން ގޮތެއް ނިންމުމަށް ތައްޔާރުވަމުންދާއިރު، މީގެކުރިން އެ އެޖެންސީން ނިންމާފައިވާ ބައެއް ނިންމުންތަކާއިމެދު ސުވާލު އުފެދޭތީ ބައެއް ފަރާތްތަކުން ދަނީ މިފަހަރު ކަންތައް ވާނެ ގޮތަކާއި މެދުވެސް ސުވާލު ކުރަމުންނެވެ.

ސްވީޓްނަރ އުފައްދާ ފަރާތްތައް ތަމްސީލްކުރާ ޖަމުއިއްޔާ، އައި.އެސް.އޭގެ ސެކްރެޓަރީ ޖެނެރަލް ގްރާންސަސް ހަންޓްވުޑް ބުނީ، އައި.އޭ.އާރު.ސީއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މެންޑޭޓް އޮތް އެޖެންސީއެއް ނޫންކަމަށެވެ. އަދި އެ އެޖެންސީގެ ނިންމުމަކީ ސައިންޓިފިކް ހެކިތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނިންމުމެއް ނޫންކަމަށާއި، އެ ނިންމުންތަކަކީ އިތުބާރު ނުހިފޭ ދިރާސާތަކުން ނަގާފައިވާ މައުލޫމާތުތަަކެއްގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއްކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.

އެސްޕެޓައިމްއަކީ ކެންސަރަށް މަގުފަހިވާ އެއްޗެއްކަމަށް އައި.އޭ.އާރު.ސީން ނިންމާނެކަމަށް ބުނާ ހަބަރުތަކާއި ގުޅިގެން އެކި ޒާތުގެ ލުއި ބުއިން އުފައްދާ ވިޔަފާރިތައް ތަމްސީލްކުރާ، އިންޓަނޭޝަނަލް ކައުންސިލް އޮފް ބެވަރޭޖަސް އެސޯސިއޭޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން މީހުންނަށް ވާނުވާ ނޭނގި، ހަކުރު ނެތް ބާވަތްތަކުގެ ބަދަލުގައި ހަކުރު ހުންނަ ބާވަތްތައް ބޭނުންކުރުމުގެ ފުރުސަތުވެސް ބޮޑުވެގެންދާނެކަމަށް އެ ޖަމްއިއްޔާއިން ގަބޫލުކުރެއެވެ.

ފްރާންސްގައި މިދިޔަ އަހަރު އެއް ލައްކަ މީހުންގެ ސާމްޕަލް ނަގައިގެން ހެދި ދިރާސާއަކުން ދައްކާގޮތުގައި އެސްޕަޓެއިމްއާއި އެހެން ބައެއް އާޓިފިޝަލް ސްވީޓްނަރތައް ގިނައިން ބޭނުންކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އެހެން މީހުންނާއި އަޅާ ބަލާއިރު ކުޑަމިންވަރެއް ނަމަވެސް ބޮޑެވެ. ނަމަވެސް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވަނީ އެސްޕަޓެއިމްގެ ސަބަބުންކަމެއް އެ ދިރާސާގައި ސާބިތުކޮށްދެވިފައެއް ނުވެއެވެ. އަދި ދެހާހުގެ ކުރީކޮޅު އިޓަލީގައި ކުރިއަށް ގެންދިޔަ ދިރާސާއެއްގައިވެސް އެސްޕަޓައިމްއާއި ކެންސަރާއި ގުޅުމެއް އޮތްކަމަށް ބުނެފައިވީނަމަވެސް، އެ ދިރާސާ ކުރިއަށްގެންދިޔަ ގޮތާއި ގުޅޭގޮތުން ރަސްމީ އިދާރާތަކާއި ތަޖުރިބާކާރުން ސުވާލު އުފައްދާތީ، އެއީވެސް ބަލައިގެންފައިވާ ދިރާސާއެއް ނޫނެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނާގޮތުން ދޯބުރާލި ހަކުރުގެ ބަދަލުގައި ބޭނުންކުރާ ބައެއް ސްވީޓްނަރތަކުގައި ހުންނަ އެސްޕަޓެއިމްއަކީ ކެންސަރު ޖެހުމުގެ ފުރުޞަތު އޮތް އެއްޗެއްކަމަށް އައި.އޭ.އާރު.ސީން ނިންމުމުގެ އެއް ބޭނުމަކީ މިކަމާއި ގުޅޭގޮތުން އިތުރު ދިރާސާތައް ކުރިއަށްގެންދިއުމަށް ބާރު އެޅުމެވެ. އޭރުން ޔަގިންކަމާއެކު އެކަމުގައި ގޮތްތަކެއް ނިންމަން ވިޔަފާރިތަކާއި ކަސްޓަމަރުންނާއި ގައުމުތަކުގެ ކަމާއިބެހޭ ފަރާތްތަކަށްވެސް ފަސޭހަވާނެކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. އަނެއްކޮޅުން އެސްޕަޓެއިމްއަކީ ކެންސަރު ޖެހުމުގެ ފުރުޞަތު އޮތް އެއްޗެއްކަމަށް ނިންމާ ހިސާބުން އައި.އޭ.އާރު.ސީގެ ދައުރާއި ގުޅޭގޮތުންނާއި އެހެނިހެން އާޓިފިޝަލް ސްވީޓްނަރތަކުގެ ރައްކާތެރިކަމާއި ގުޅޭގޮތުންވެސް ބޮޑު ބަހުސެެއް ފެށޭނެކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.