ޚަބަރު

މާލެ ސަރަހައްދުން ގްރޭޑް 1އަށް 2800 ކުދިން ވައްދައިފި


  • މާލޭގެ ސްކޫލްތަކަށް އަލަށް 1400 ކުދިން

  • ހުޅުމާލޭ ސްކޫލްތަކުގެ ގްރޭޑް1އަށް 790 ކުދިން

  • ވިލިމާލޭގެ ސްކޫލަށް 86 ކުދިން

މާލެ ސަރަހައްދުން ގްރޭޑް އެކަކަށް 2800އެއްހާ ކުދިން އަލަށް ސްކޫލަށް ވައްދާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރަށް، މާލެ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުލުވާލީ އޭޕްރީމް މަހުގެ ތެރޭގައެވެ. އަދި މިހާރު ވަނީ އެފުރުޞަތުގެ މުއްދަތު ހަމަވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ، ގްރޭޑް 1އަށް ކުދިން ވެއްދުމަށް ހުޅުވާލި ފުރުޞަތު ހަމަވީއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކަށް 2800އެއްހާ ކުދިން ވައްދާފައިވާކަމަށެވެ. އެއީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކެވެ. މީގެތެރެއިން އެންމެ ގިނަ ކުދިން ވައްދާފައިވަނީ މާލޭގެ ސްކޫލްތަކަށެވެ. އެގޮތުން މާލޭގެ ސްކޫލްތަކަށް އަލަށް 1400 ކުދިން ގްރޭޑް1އަށް ވައްދާފައިވާކަމަށާއި، ހުޅުމާލޭ ސްކޫލްތަކުގެ ގްރޭޑް1އަށް 790 ކުދިން އަދި ވިލިމާލޭގެ ސްކޫލަށް 86 ކުދިން ވައްދާފައިވާކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ ދިރާސީ އައު އަހަރު އަލަށް ކިޔަވައިދޭން ފަށާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ޞަލާހުއްދީން ސްކޫލަށްވެސް 500 ކުދިން ވައްދާފައިވާކަމަށްވެސް އިޙްސާން ވިދާޅުވިއެވެ. ޑެޕިއުޓީ މިނިސްޓަރ އިޙްސާން ވިދާޅުވީ، އަތޮޅުތަކުގެ ސްކޫލްތަކަށްވެސް ގްރޭޑް 1އަށް ކުދިން ވައްދާނިމި އެކުދިން މިހާރު އެ ސްކޫލްތަކުގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ.

"އިރާދަކުރެއްވިއްޖާ އެހެނިހެން ގްރޭޑްތަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ސްކޫލްތަކަށް އެ ފުރުޞަތު މިނިސްޓްރީގެ ޕޯޓަލުންންވަނީ ހުޅުވާލާފައި. އަތޮޅުތަކުގައި ގްރޭޑް 1 ވައްދަންޖެހޭ ކުދިންގެ ކަންކަން މިހާރު ވާނީ ނިމިފައި، ގްރޭޑް 1އަށް ވައްދައި ރަޖިސްޓްރީވީކަމުގެ މަޢޫލޫމާތު އެކުދިންނަށް ފޯރުކޮށްދވިފައިވާނީ." ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވިއެވެ.

ސަރުކާރު ސްކޫލްތަކަށް މިހާރު ޖާޖަ ދެމުން އަންނަނީ، އެ ކުއްޖަކު ދިރިއުޅޭ ގެ ހުންނަ ސަރަޙައްދާ އެންމެ ކައިރި ސްކޫލްތަކަށް އިސްކަން ދީގެންނެވެ. މިއީ ސްކޫލަށް ކުދިން ގެންދިއުމަށް ފަސޭހަކުރުމަށް ކަނޑައަޅާފައިވާ އުޞޫލެކެވެ.

ޑެޕިއުޓީ މިނިސްޓަރ އިޙްސާން ވިދާޅުވީ، ދިރާސީ އައު އަހަރު ފެށެންވާއިރަށް ސްކޫލްތަކަށް މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބިދޭސީ ޓިޗަރުންގެ ބަދަލުގައި ދޭސީ ޓީޗަރުންނަށްކަމަށާއި، އެގޮތުން ބައެއް ސްކޫލްތަކުގައި މަޤާމުތައް އުފައްދައި އެ މަޤާމުތަަކށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާކަން އިޙްސާން ފާހަގަކުރެއްވިއެވެ. އިޙްސާން ވިދާޅުވީ މިހާރު މިނިސްޓްރީގެ ޕޮލިސީއަކީ ދިވެހި މުދައްރިސުން ހޯދުމަށް އިއުލާންކުރުމަށްފަހު ނުލިބިއްޖެނަމަ، ބިދޭސީ ޓީޗަރުން ހޯދުންކަމަށެވެ. އިހްސާން ވިދާޅުވީ، އަހަރުން އަހަރަށް ބަލާއިރު، ބިދޭސީ ޑޓީޗަރުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވަމުން އަންނަކަމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމުނީ ޖޫން މަހުގެ 22ގައެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ.