ޚަބަރު

ދިރާސީ އައު އަހަރު ފެށޭންވާއިރަށް ދަރިވަރުންގެ ފޮތްތައް ހަމަވާނެ: އެޑިއުކޭޝަން


  • ދިރާސީ އައު އަހަރު ފަށަނީ އޯގައްޓް 6 ވަނަ ދުވަހު

  • މިހާރު ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން

  • ޖުލައި 15 އާއި ހަމައަށް ހުރިހާ ސްކޫލަކަށް ފޮތްތައް ފޮނުވައި ނިމޭނެ

ދިރާސީ އައު އަހަރު ފެށޭއިރު ކޮންމެ ދަރިވަރަކަށް ބޭނުންވާ ފޮތްތައް ހަމަވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވައިފިއެވެ. 2022-2023ގެ ދިރާސީ އަހަރު ނިމުނީ ޖޫން 22ގައެވެ. މިއާއެކު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ދިރާސީ އައު އަހަރަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

އަންނަ ދިރާސީ އައު އަހަރަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ވިދާޅުވީ، ދަރިވަރުން ޗުއްޓީއަށް ދިޔައިރު، ކޮންމެ ކުއްޖަކަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ ހަވާލުކޮށްފައިވާނެކަމަށެވެ. މިއާއެކު މިހާރު އެންމެ އިސްކަމެއް ދެއްވައިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން އަންނަ މަސައްކަތަކީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަކުރުމުގެ މަސައްކަތްތައްކަމަށް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ.

އެގޮތުން އަތޮޅުތަކުގެ ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، ފޮތްތައް ސްކޫލްތަކަށް ލިބޭ މިންވަރަކުން ދަރިވަރުންނާއި ހަވާލުކުރަމުން ދާނެކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ. މިފެށޭ ޖުލައި މަހުގެ 15ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް، އެސްކޫލެއްގެ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ފޮނުވައި ނިމޭނެކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ.

"ދިރާސީ އައު އަހަރު ފެށިގެން ދާއިރު ކޮންމެ ކުއްޖެއްގެ އަތުގަވެސް އެކުއްޖަކު އެގްރޭޑަކުން ބޭނުންވާ ފޮތްތައް ހަމަވެފައި ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. މިވަގުތުގެ ސްޓޭޓަސްއަށް ބަލާއިރު ދަރިވަރުންނަށް ބޭނުންވާ ހުރިހާ ޓެކްސްޓް ފޮތްތަކެއް ޗާޕުކުރެވި، ރާއްޖެ ގެނެވި، އަޅުގަނޑުމެންގެ ގުދަންތަކުގައި އެބަހުރި. މިހާރު ކުރެވެމުން މިދަނީ ފޮނުވުމުގެ މަސައްކަތް. އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތަކަކީ ވަރަށް ބޮޑު ލޮޖިސްޓިކެއް. ކޮންމެ ރަށަކަށް ފުރާ ދޯންޏަކަށް ނޫނީ ފެރިއަކަށް ލައިގެން މި ފޮނުވަނީ." އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ.

ސްކޫލް ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ބަހާ އުސޫލަކީ، ގްރޭޑް 1އިން ފެށިގެން ގްރޭޑް 6އާއި ހަމައަށް، ކޮންމެ ދަރިވަރަކަށް 100 އިންސައްތަ އައު ފޮތް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އެހެނިހެން ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދޭ ޓެކްސްޓް ފޮތްތަކުގެ ތެރެއިން 40 އިންސައްތައަކީ ނިމުނު ދިރާސީ އަހަރު ނިންމާ ދަރިވަރުން ސްކޫލްތަކާ ހަވާލުކުރާ ފޮތްތަކެވެ. އަދި 60 އިންސައްތަ ފޮތްތަކަކީ އައު ފޮތްތަކެވެ. މީގެ އިތުރުން ހުރިހާ ވޯރކްބުކަކީ 100 އިންސައްތަ އައު ފޮތްތަކެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އޯގަސްޓް 6 ވަނަ ދުވަހުއެވެ. ދިރާސީ އައު އަހަރަށް ހުރިހާ ސްކޫލަކަށް ބޭނުންވާ މުދައްރިސުން ހަމަކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.