ޚަބަރު

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރޭނީ މައްސަލަތައް ހައްލުކުރުމަށްފަހު: ސަރުކާރު


  • ގޯތި ލިބޭ މީހުންގެ ލިސްޓު ޢާއްމުކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހު

  • ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް

  • ލިސްޓް އާއްމު

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓާއި ގުޅިގެން ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާ މައްސަލަތައް ބަލައި، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި އެމައްސަލަތައް ޙައްލުކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދިޔަ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު ޢާއްމުކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ލިސްޓު ހާމަކުރުމާއެކު ލިސްޓުގައި ހުރި ބައެއް މައްސަލަތައް ޢާއްމުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ދިވެހިންނާއި ކައިވެނިކޮށްގެން، ދިވެހި ރައްޔިތުކަން ލިބޭ ބިދޭސީންވެސް ގޯތި ލިބޭ މީހުންގެ ލިސްޓުގައި ހުރުމާއި، އެއްގޯއްޗަށްވުރެ ގިނަ ގޯތި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެމީހެއްގެ ނަމުގައި ހުރި ފަރާތްތަކަށް ގޯތި ލިބިފައިވާ މައްސަލަވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވަގުތީ ލިސްޓުގައި ފާހަގަވެފައިވަނީ 3 ބިދޭސީއެއްގެ ނަންކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އަދި ވަގުތީ ލިސްޓު ޢާއްމުކުރުމުގެ މައިގަނޑު ބޭނުމަކީވެސް، މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުންކަމަށާއި ދާއިމީ ލިސްޓު ޢާއްމުކުރާއިރު ޢާއްމުންގެ ފަރާތުން ލިބިފައިވާ ޝަކުވާތައް ބަލައި އެމައްސަލަތައްވެސް ޙައްލުކުރައްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ 19857 އެބަ ތިއްބެވެ. އޭގެތެރެއިން 10314 މީހަކަށް ގޯތިލިބޭކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ އެހެން މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި، ގިރާވަރު ފަޅު ހިއްކައިގެންނެވެ.