ޚަބަރު

ހައިވޭއާއި ހުޅުމާލޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން އޮގަސްޓްމަހު ކަރަންޓް އުފައްދަން ފަށަނީ


  • ރާއްޖޭގައި މިވަގުތު ހިންގާ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢު

  • 17.5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ ނިޒާމު ޤާއިމްކުރާނެ

  • މިމަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައި

ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްގެންދާ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އަންނަމަހު ނިންމާލުމަށްފަހު، އޮގަސްޓްމަހު އެ ނިޒާމުން ކަރަންޓް އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީ 10 އިންސައްތަ ނުވަތަ 8 ވަރަކަށް ބިލިއަން ރުފިޔާއަކީ ހަކަތަ ނުވަތަ ތެލުގެ އެކި ބާވަތްތައް އިމްޕޯޓްކުރުމަށް ހޭދަކުރާ މިންވަރެވެ. އަދި މިދިޔަ އަހަރުތަކުގައި މިއަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށްވެސް ގޮސްފައެވެ. ތެލުގެ އަގު ބޮޑުވުމުގެ އަސަރު ރައްޔިތުންނަށް ނުކުރާނެކަން ޔަގީންކުރުމަށް ސަރުކާރުން ސަބްސިޑީ ދިންނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. އެހެންކަމުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓްމަންޓްތައް ޤާއިމްކޮށް، އެކަމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި 2030 ވަނަ އަހަރަށްދާއިރު ޖައްވަށް ވިހަ ގޭސް ދޫކުރުން އެއްކޮށް ނިމުމަކަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒެއް ކަނޑައަޅާފައެވެ.

އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ވޯލްޑް ބެންކުގެ އެހީގައި ކުރިއަށްގެންދާ އެސްޕަޔަ މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްރަށުގެ ކަރަންޓް ވިއުގަތަކަށް ޒަމާނީ ފެންވަރަށް ތަރައްްޤީކުރުމަށް ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 17.5 މެގަ ވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ މަސައްކަތަކީ އެސްޕަޔަރ މަޝްރޫޢުގެ ދަށުން އުފެއްދުމަށް އަމާޒު ކަނޑައަޅާފައިވާ 17.5 މެގަ ވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ ތެރެއިން 5.6 މެގަވޮޓްގެ ޙަކަތަ އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ކުރިއަށްދާ މަސައްކަތްތަކެވެ. މިއީ މިހާތަނަށް އެއް ސަރަހައްދެއްގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މި މަސައްކަތް ތައިލެންޑުގެ އެންސިސް ކުންފުންޏާއި ހަވާލުކޮށްގެން ފެށީ މިދިޔަ އަހަރު ޑިސެމްބަރުމަހުއެވެެ. އެ މަސައްކަތުގެ ދަށުން ހައިވޭއާއި ހުޅުމާލޭގައި ސޯލާޕީވީ މޮޑިއުލްސް ހަރުކުރުމަށް ސްޓްރަކްޗަރތައް ހަރުކުރުމާއި ސޯލާޕީވީ މޮޑިއުލްސް ދަނީ ހަރުކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ވިދާޅުވީ، މިމަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ސްޓްރަކްޗަރއާއި ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ކުރިއަށް އޮތް ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ސޯލާ ޕީވީ މޮޑިއުލްތައް ހަރުކުރުމަށްފަހު، ސްޓެލްކޯގެ ގްރިޑާއި މި ނިޒާމު ގުޅާލައިގެން އަންނަ އޮގަސްޓްމަހު ޙަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށްވެސް ސަރުކާރުން ވަނީ އަމާޒު ކަނޑައަޅާފައެވެ. 5.6 މެގަވޮޓްގެ ހަކަތަ އުފެއްދުމަށް ހިންގާ މި މަޝްރޫޢުގެ އިތުރުން، ހުޅުމާލޭގައި މީގެކުރިން ވަނީ 1.5 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމުގެ މަޝްރޫޢެއްވެސް ހިންގާފައެވެ. އަދި ހުޅުމާލެއަށް ބޭނުންވާ ކަރަންޓް އުފެއްދުމުގައި އެ ނިޒާމުގެ ބޭނުން އަންނަނީ ހިފަމުންނެވެ.

ހައިވޭ އަދި ހުޅުމާލޭ ގައި މިވަގުތު ކުރިއަށްދާ ޙަކަތައިގެ މަޝްރޫޢުއާއެކު ކަރަންޓް އުފެއްދުމަށް ދައުލަތުން ހޭދަކުރާ ފައިސާގެ ތެރެއިން 15 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

އެސްޕަޔަރ މަޝްރޫޢުގެ އިތުރުން، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބެންކުގެ އެހީގައި ރާއްޖޭގައި އެރައިސްގެ ނަމުގައިވެސް ދަނީ މަޝްރޫޢެއް ހިންގަމުންނެވެ. އެސްޕަޔަރ އަދި އެރައިސް މަޝްރޫޢުގެ ދަށުން 53.5 މެގަވޮޓްގެ ސޯލާ ޕެނަލް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކޮށް، 40 މެގަވޮޓްގެ ބެޓަރީ ސްޓޯރޭޖް ޤާއިމްކުރާނެއެވެ. އަދި މިހާރު ބޭނުންކުރާ ކަރަންޓް ގްރިޑްތައް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭ ގްރިޑްތަކަކަށް އަޕްގްރޭޑްކުރުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ވޯލްޑް ބެންކުން ލަފާކުރާ ގޮތުގައި މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމާއެކު ކުރިއަށް އޮތް 25 އަހަރު ތެރޭގައި ރާއްޖެއިން ތެލަށް ކުރާ ހޭދަ 750 މިލިއަން ޑޮލަރުން، 30 މިލިއަން ޑޮލަރަށް ކުޑަވެގެންދާނެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އަހަރަކަށް އެ ސަލާމަތްކުރެވެނީ 11 ބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެކެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަލާމަތްކުރެވޭނެ ފައިސާއެކެވެ.