ޚަބަރު

ވާގްނަރގެ ނުރައްކަލުން ނޭޓޯ ދިފާޢުކުރަން ތައްޔާރު: ސްޓޮލްޓެންބަރގް


ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުނި – ވާގްނަރ ގުރޫޕުގެ ނުރައްކަލުން ނޭޓޯގެ މެންބަރު ޤައުމުތައް ދިފާޢުކުރަން ތައްޔާރަށް އޮތް ކަމުގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ ވާގްނަރ ގުރޫޕުގެ ކުލީ ސިފައިން ބެލަރޫސްއަށް ފޮނުވުމާ ގުޅިގެންނެވެ. ވާގްނަރގެ ކުލީ ސިފައިން ބެލަރޫސްއަށް ބަދަލުކޮށްފައި ވަނީ، ރަޝިޔާގެ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް އެ ގުރޫޕުން ފެށި ބަޣާވާތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

ވާގްނަރ ގުރޫޕުގެ ބާނީ އަދި އިސްވެރިޔާ ޔެވްގެނީ ޕްރިގޮޜިން ވެސް މިހާރު ހުރީ ބެލަރޫސްގައި ކަމަށް ބެލެވެއެވެ. ބަޣާވާތްކޮށް ރަޝިޔާގެ ދެކުނުގައިވާ ދެ ރަށެއް ހިފުމަށް ފަހު ވާގްނަރގެ ސިފައިން ރަޝިޔާއިން ފައިބަން އެއްބަސްވެފައި ވަނީ ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. ވާގްނަރގެ ސިފައިން ބެލަރޫސަށް ފޮނުވުމާ ގުޅިގެން އެ ގުރޫޕުގެ ނުރައްކާތެރިކަން ނޭޓޯގެ ޤައުމުތައް ފޯރާނެ ކަމަށް ބުނެ، ބައެއް ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވާގްނަރއިން ބެލަރޫސްގައި ގާއިމުވުމުގެ ސަބަބުން ނޭޓޯގެ މެންބަރު ޤައުމުތަކަށް ނުރައްކަލެއް އޮތް ކަމަށް ދަންނަވަން އަދި މާ އަވަސް ކަމުގައި ސްޓޮލްޓެންބަރގް ވިދާޅުވިއެވެ. ނަމަވެސް، ރަޝިޔާއާއި ބެލަރޫސުން އަތުވެދާނެ ކޮންމެ ނުރައްކަލަކުން ނޭޓޯގެ ޤައުމުތައް ދިފާޢުކުރަން އެ ގުޅުމުން ތައްޔާރަށް އޮތް ކަމުގައި ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

"އިރުމަތީ ފަރާތުގައިވާ ނޭޓޯގެ ޤައުމުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ މިހާރު ވެސް ވާނީ ވަރުގަދަކޮށްފައި. އެ ޤައުމުތަކަށް ނޭޓޯގެ އިތުރު ސިފައިން ވާނީ ފޮނުވާފައި. އެ ޤައުމުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނަން. އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވާނަން،" ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ވާގްނަރގެ ސިފައިން ބެލަރޫސްގައި ގާއިމުވެފައި ތިބޭނެ ކަމުގެ މަޢުލޫމާތު އެނގުމާ އެކު ޖަރުމަނުވިލާތުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. މި ގޮތުން އިރުމަތީގައިވާ ލިތުއޭނިޔާއަށް އިތުރު 4,000 ސިފައިން ފޮނުވައި ތައްޔާރީ ހާލަތަކަށް ގެންނަން ޖަރުމަނުވިލާތުން ވަނީ ނިންމާފައެވެ. ޖަރުމަނުވިލާތުގެ ދިފާޢީ ވަޒީރު ބޮރިސް ޕިސްޓޯރިޔަސް ވިދާޅުވީ އެއީ ނޭޓޯގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

ލިތުއޭނިޔާއަކީ ރަޝިޔާއާއި ބެލަރޫސްއާ އެކު ސަރަޙައްދީ ރޮނގު ހިއްސާކުރާ ޤައުމެކެވެ. އެ ޤައުމުގައި މިހާރު ވެސް ޖަރުމަނުވިލާތުގެ 800 ސިފައިން ތިބެއެވެ. އަދި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ ގުޅިގެން ޖަރުމަނުވިލާތުން ވަނީ އެ ޤައުމުގެ އިތުރު 650 ސިފައިން ވަގުތީ ގޮތުން ލިތުއޭނިޔާއަށް ފޮނުވާފައެވެ.