ޚަބަރު

އިސްލާމީ އުއްމަތް އެކަތިގަނޑަކަށްވުމަށް ޙައްޖު ޚުޠުބާގައި ގޮވާލައްވައިފި


  • މުސްމިލުންގެ މެދުގައި ބައިބައިވުން އުފެދޭ ކޮންމެކަމެއް މާތްﷲގެ ޝަރީޢަތުގައިވަނީ ޙަރާމްކުރައްވާފައި

  • މުސްލިމުން ބައިބައިވެއްޖެނަމަ މުސްލިމުންގެ ވަސްވެސް ނެތިގެން ހިނގައިދާނެކަމަށް ﷲވަނީ އަންގަވާފައި

  • ވަކި ޙަސަބަކުން އަދި ނަސަބަކުން އައުމަކީ އަނެކާ ދަށްކޮށްލާ ނިކަމެތިކޮށްލަންޖެހޭކަމެއް ނޫން

  • މީސްތަކުންގެ މެދުގައިވާ ތަފާތަކީ، ﷲގެ ކުޅަދުންވަންތަކުން ލައްވާފައިވާކަމެއް

ބައިބައިވުންތަކާއި ދެކޮޅަށް މަސައްކަތްކުރުމަށާއި، އެކަތިގަނޑަކަށްވުމަށް ޙައްޖުގެ ޚުޠުބާގައި ގޮވާލައްވައިފިއެވެ. ޙައްޖުގެ ޚުޠުބާގައިވަނީ އެއްބައިވަންތަކަމަށް އިސްލާމްދީން ބާރުއަޅާ މިންވަރު މުޅި އިސްލާމީ އުއްމަތަށް ހަނދާންކޮށްދެއްވާފައެވެ.

މިއަހަރުގެ ޙައްޖު ދުވަހުގެ ޚުޠުބާ އިއްވަވަމުން ޚަޠީބުވަނީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުވުމަށް ކޮންމެ މުސްލިމަކުމެ ގަދައަޅައި މަސައްކަތްކުރަންޖެހޭކަން ހަނދާންކޮށްދެއްވާފައެވެ. އަދި ދެ ދުނިޔޭގެ ބައްޖަވެރިކަން ހޯދުމަށް އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަށް ދެމެހެއްޓުމުގެ މުހިއްމުކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މީސްތަކުންގެ މެދުގައި ބައިބައިވުން އުފެދޭ ހުރިހާކަމެއް މާތްﷲގެ ޝަރީޢަތުގައި ޙަރާމްކުރެއްވިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މީސްތަކުންގެ މުދަލާއި ޢަބުރާއި ލެޔަށް ރައްކާތެރިވުމަށް އަމުރުކުރައްވާފައިވާކަން ޚުޠުބާގައިވަނީ ވިދާޅުވެފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުން މި މޫސުމުގައި ދައްކުވައިދެނީވެސް މުސްލިމުންގެ ބަދަހި ގުޅުންކަމަށާއި، ހަމަހަމަކަންކަމަށް، ޚަޠީބު ފާހަގަކުރެއްވިއެވެ. މީސްތަކުން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް މާތްވެގެން ނުވާކަމަށާއި، މީސްތަކުން ﷲގެ ހަޟްރަތުގައި ޚާއްސަވަނީ އީމާންކަމާއި ތަޤުވާވެރިކަމުންކަން ޙައްޖަތުލް ވަދާޢުގައި، ކީރިތި ރަސޫލުﷲގެފާނު ބަޔާންކޮށްދެއްވާފައިވާކަން ޙައްޖު ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

"މާތްﷲ ވަނީ ތިޔަބައި މީހުންގެ މައްޗަށް މީސްތަކުންގެ ލެޔައި މުދަލާއި ޢަބުރު ޙަރާމްކުރައްވާފައި. މީހެއްގެ ޙަސަބާ ނަސަބަކީ އެމީހާ އަނެކުން ދަށްކޮށްލާ ސަބަބެއް ނޫން. އެކަކު އަނެކެއްގެ މެދުގައިވާ ތަފާތަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ތެރެއިން ލައްވާފައިވާ ތަފާތެއް." ޚަޠީބު ވިދާޅުވިއެވެ.

ޚަޠީބު ވިދާޅުވީ ޢަދާވާތްތެރިކަމަކީ މާތްﷲ ނުރުއްސަވާ ސިފައެއްކަން ފާހަގަކުރައްވާ، އުއްމަތުގެ މެދުގައި ބައިބައިވުން އުފެއްދިއްޖެނަމަ މުސްލިމުންގެ ވަސްވެސް ނެތިގެން ހިނގައިދާނެކަން ﷲ ބަޔާންކުރައްވާފައިވާކަން ހަނދާންކޮށްދެއްވާފައެވެ. އަދި މީށްތަކުންނަށް ދަތިނުކުރުމަށާއި، އެކަކު އަނެކަކަށް ކަންކަން ފަސޭހަކޮށްދީ އެހީވުމަށް ޚުޠުބާގައި ވަނީ ބާރު އަޅުއްވާފައެވެ.

މިއަހަރުގެ ޙައްޖުގެ ޚުޠުބާ އިއްވަވާފައިވަނީ މަސްޖިދުއް ނަމިރާއިން، ޝެއިޚް ޑރ. ޔޫސުފް ބިން މުޙައްމަދު ބިން ސަޢީދެވެ. މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް 2.5 މިލިއަން ޙައްޖުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ ޢަރަފާތް ބިމަށް ޖަމާވެފައެވެ. ޢާރަފާތުގައި މަޑުކުރުމަށްފަހު އިރުއޮއްސުމުން ޙައްޖުވެރިން ދެންދާނީ މުޛްދަލިފާއަށް ރޭކުރުމަށެވެ.