ޚަބަރު

ދިވެހި ދެ ޙާޖީއަކު އައިސީޔޫގައި


  • ބަލި ޙާލަތު ހުރި ގޮތުން ރާއްޖޭގެ ދެ ޙައްޖުވެރިއަކު އައި.ސީ.ޔޫގައި

  • ޢާންމުކޮށް ރާއްޖޭގެ ހުރިހާ ޙައްޖުވެރީންގެ ޙާލު ރަނގަޅު

  • ހޫނުގަދަކަމުން ކުޑަ ބޭނުންކުރުމަށާއި، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ބާރުއަޅާ

ޙައްޖަށްގޮސް ތިބި ދެ ދިވެހިންގެ ޙާލު ސީރިއަސްވެ އައިސީޔޫގައި މިހާރު ފަރުވާދެމުންދާކަމަށް ސަޢުދީ ޢަރަބިއްޔާގާއި ހުންނެވި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ އަނިލް މިހެން ވިދާޅުވީ ޙައްޖު ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ދިވެހިންގެ ޙައްޖުގެ ކަންކަން ކުރިއަށްދާގޮތް ހިއްސާކުރައްވަމުންނެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އައި.ސީ.ޔޫގައި ތިބި ދެ މީހުން، ޢަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޮކްސިޖަން ގުޅައިގެން އެންބިޔުލާންސްގައި، ސަޢުދީ ސަރުކާރުން ޙައްޖުވެރިން ޢަރަފާތު ބިމަށް ގެނެސްދޭ ކަމަށާއި، އެގޮތަށް ޢަރަފާތު ބިމަށް ގެންދަން ޖެހުނުމަވެސް އެމީހުން ގެންދިޔުމުގެ މަސައްކަތް ކުރައްވާކަމަށެވެ.

"ޢުމުރުން ދުވަސްވީ ދެ ބޭފުޅަކު، ބަލި ޙާލަތުގެ ގޮތުން، އައި.ސީ.ޔޫއަށް ވައްދަން ޖެހިގެން، އެ ދެ ބޭފުޅުންނަށް، އަދި އައުމުގެ ކަންތައްތައް މުޅިއަކުން ހަމައެއް ނުޖެހޭ" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އަނިލް ވިދާޅުވީ ޢާންމުކޮށް ހުރިހާ ދިވެހީންގެވެސް ޙާލު ރަނގަޅުކަމަށާއި، ޙައްޖު ކޯރޕަރޭޝަނާއި، އަމިއްލަ 3 ގްރޫޕުގެ ޙަވާލުގައިވެސް ޙައްޖަށްދިޔަ ހުރިހާ ޙައްޖުވެރިންނަށް ޢަރަފާތު ބިމަށް އާދެވިފައިވާ ކަމަށެވެ.

މީގެ އިތުރަށް، ޢަރަފާތު ބިމުގައި ވަރަށް ހޫނު ގަދަ ކަމަށާއި، ހުރިހާ ޙައްޖުވެރީންވެސް ކުޑަ އަޅާއިގެން އުޅުމާއިއެކު، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ސަޢުދީ ސަރުކާރުން އިލްތިމާސް ކުރައްވާފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ އަނިލް ވިދާޅުވިއެވެ.

ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ތެރެއިން ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި އެކަނިވެސް 881 މީހުން ޙައްޖުގެ އަޅުކަމަށް ގޮސްފައިވެއެވެ. ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށްޓަކާ 70 މީހުންގެ ޓީމެއް އެހީތެރިންގެ ގޮތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި ޞިއްޙީ ފަރުވާގެ ކަންކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރަކާއި، 4 ނަރުހުންނާއި، ކައްކާއިންނާއި، ދީނީ ޢިލްމުވެރިންނާއި، އެހީތެރިން ހިމެނެއެވެ.