ޚަބަރު

ޙައްޖު ދުވަސް: އެންމެ ގިނަ މީހުން ނަރަކައިން ދިންނަވާ ރަޙުމަތުގެ ދުވަސް


  • މިއަދަކީ މިއަހަރުގެ ޙައްޖުދުވަސް

  • ޢަރަފާތު ބިމުގައި މިއަދުގެ ފިނިހޫނުމިން ހުރީ 45 ޑިގްރީގައި

  • 2.5 މިލިއަން ޙައްޖުވެރިން މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވޭ

ޙައްޖު ދުވަސް ނުވަތަ ޢަރަފާތް ދުވަހަކީ ކޮންމެ އަހަރެއްގެ ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ. މާތްﷲގެ ޙަޟްރަތުގައި ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ، ލައިލަތުން ޤަދުރި ވިލޭރޭކަމުގައި ލެއްވި ފަދައިން، ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ، ޢަރަފާތް ދުވަސް ނުވަތަ ޙައްޖުދުވަހެވެ. މިދުވަހަކީ އެތައް ގޮތަކުން ބަރަކާތްތެރި ދުވަހެކެވެ.

މިއަދަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނާއި މެދު އެންމެ ބޮޑަށް ފަޚުރުވެރިވެވޮޑިގަންނަވާ ދުވަހެވެ. އެކަލާނގެ ހަނދުމަކޮށް ފުއްސެވުމާއި ދިންނެވުން ހޯދުމަށް އެތައް މިލިއަން މުސްލިމުން ޢަރަފާތު ބިމުގައި މުޅި ދުވަސް ހޭދަކުރެއެވެ. މިއަދަކީ، ވެރިއެއް، މުއްސަނޖެއް، ފަޤީރެއް އާދައިގެ މީހެއް ތަފާތުކުރުމެއް ނުވާ ޢަރަފާތު ބިމުގައި މުސްލިމުން މިއަދު ހަމަހަމަކަން ދައްކުވައިދޭ ދުވަހެވެ.

މިއަދަކީ މާތްﷲ އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަސްކަމުގައިވަނީ ލައްވާވާފައެވެ. އަދި މީސްތަކުންގެ މުހުތާދުތައް ފުއްދަވާ، ދުޢާ އިޖާބަކުރައްވާ މަތިވެރި ދުވަހެއްގެ ގޮތުގައި އެކަލާނގެ ޢަރަފާތް ދުވަސް ލެއްވެވިއެވެ. މީގެއިތުރުން ޢަރަފާތް ދުވަހަކީ މާތްﷲގެ ދީން ފުރިހަމަކުރެއްވިކަން ޢިއުލާންކުރެއްވުނު ދުވަހެވެ. މުޅި އިސްލާމީ އުއްމަތަށް ކީރިތި ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމް މަތިވެރި ވަޞީއްޔަތްޕުޅު ދޫކޮށްލެއްވި ދުވަހެވެ.

މިދުވަހުގެ މުހިންމުކަން ބަޔާންކުރައްވަމުން ރަސޫލުﷲގެފާނު ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. "ޙައްޖަކީ ޢަރަފާތެވެ." އެހެންކަމުން މިއަދުގެ އިރުއޮއްސިއުމުގެ ކުރިން ޢަރަފާތު ބިމަށް ނުވަދެވުނު މީހާއަށް ޙައްޖު ނުލިބޭނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ހުރިހާމީހުންވެސް ރޭ ފަތިހުން ފެށިގެން ދަތުރުކުރާނީ ޢަރަފާތު ބިމަށް ދިޔުމަށެވެ.

ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށްފަހު ފުރަތަމަ ފަހަރަށް އެންމެ ގިނަ ބަޔަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ފުރުޞަތު މިފަހަރު ސަޢުދީންވަނީ ދީފައެވެ. 2019 ވަނަ އަހަރަށް ފަހު އެންމެ ގިނަ މީހުން ޙައްޖަށް ގޮސްފައިވަނީ މިއަހަރެވެ. މިގޮތުން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި 2.5 މިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުންވަނީ މައްކާއަށް ދަތުރުކޮށްފައެވެ. މިއީ މުޅި ދުނިޔޭގައިވެސް ދީނީ އަޅުކަމެއް އަދާކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެންމެ ގިނަ މީހުން އެއްތަންވާ ޖަމާޢަތެވެ.

ޙައްޖު ދުވަހު ޢަރަފާތުގައި ޙައްޖާޖީން މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އެދި އަޅުކަމުގައި ވަގުތު ހޭދަކުރަމުންދާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ޙައްޖަށް ނުދެވޭ މުސްލިމުން ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ފާފަފުއްސެވުން އެދި ދުޢާކުރުމާއި، ޒިކުރުކުރުންމަތީ ދެމިތިބެއެވެ.

މާތްﷲގެ ރަޙުމަތަށް އެދިގެން އެދުވަހުގައި ޞަދަޤާތްކުރެއެވެ. އިސްލާމީ އުއްމަތަށް އަންނަ އެންމެ ބަރަކާތްތެރި މިދުވަހުގެ ރަޙުމަތް ލިބިގަނެ އެމީހެއްގެ އީމާންކަން ވަރުގަދަކުރުމަށް ހުރިހާ މުސްލިމުން މިއަދު ގަދައަޅައި މަސައްކަތް ކުރެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބުނު 1000 މީހުންގެ ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަނާއި، އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި މިއަހަރު ދިވެހި ޙައްޖުވެރިން ވަނީ ގޮސްފައެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ މީހުން މިހާރު ތިބީ ޢަރަފާތުގައި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.