ޚަބަރު

އައްޑޫސިޓީގައި ޔޮޓް މެރީނާއަކާއެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަނީ


  • ޔޮޓް މެރިނާ ތަރައްޤީކުރުމަށް ބޭރުގެ ބައެއް އިންވެސްޓަރުން ވަނީ ޝަޢުޤުވެރިކަން ފާޅުކޮށްފައި

  • މިއީ 300 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

  • މިއީ އައްޑޫގެ އިޤްތިޞާދު ބަދަލުކޮށްލާނެ މަޝްރޫޢުއެއް

  • ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ

އައްޑޫ ސިޓީ ގަމާއި ފޭދޫ ގުޅޭ ސަރަހައްދުގައި ޔޮޓް މެރީނާއެއް، 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލަކާއެކު ތަރައްޤީކުރުމަށް ބޭރުގެ އިންވެސްޓަރުން ޝަޢުޤުވެރިކަން ފާޅުކުރަމުން ގެންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައިވާގޮތުން ޔޮޓް މެރީނާ ތަރައްޤީކުރުމަށް ނިންމާފައިވަނީ އައްޑޫސިޓީ ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ ސަރަހައްދުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، އައްޑޫ ސިޓިގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރާ ކައުންސިލް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން އައްޑޫގައި 8000 އެނދު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާއެކު ބޭރުގެ ގިނަ އިންވެސްޓަރުންގެ ޝަޢުޤުވެރިކަން އައްޑޫއަށް އެބައޮތްކަަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އައްޑޫ ޔޮޓް މެރީނާ ތަރައޤީކުރުމަށް ބޭރުގެ އިންވެސްޓަރުންގެ ޝަޢުޤުވެރިކަން އިތުރުވެ، ބައެއް އިންވެސްޓަރުން އައްޑޫއަށް ގޮސް ކައުންސިލާ ބައްދަލުކޮށްފައިވާކަމަށެވެ. އެގޮތުން އެތަނުގެ ކޮންސެޕްޓް ތަރައްޤީކޮށް، އެތަނަށް ފަންޑުކުރާނެ ގޮތްވެސް ކައުންސިލަށް ހުށައަޅާފައިވާކަަމަށް މޭޔަރު ވިދާޅުވިއެވެ. އެ ޕްރޮޖެކްޓަކީ 300 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.

"އެއީ ގަމުގެ މިހާރު ކޯޒްވޭ އިން ސަރަހައްދާ ފޭދޫގެ މިހާރު އެ ކުޅޭ ދަނޑާ އަދި ދަނޑުގެ އިރުމައްޗަށް އޮތް ބިމާ. އަޅުގަނޑުމެން ލޭންޑް ޔޫސް ޕްލޭންގަ ހިމަނާފައިވާނެ ކްރޫޒް ޓާމިނަލް އަންނަގޮތަށް އިރުމަތީ ފަޅިއަށް. އަދި 150 ކޮޓަރީގެ ހޯޓަލެއް ދަނޑު ހުރި ތާނގަ ހުންނާނީ. އަދި އެތާ ކުރިމަތީ ލޮކޭޝަނަކީ މިހާރު ވެސް ވަރަށް ގިނަ ޔޮޓްތައް އަޅާތަނެއް" މޭޔަރ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، ފެށޭ ހަފްތާގައި އެ ޕްރޮޖެކްޓް އިޢުލާންކުރައްވާނެކަމަށާއި، މިވަގުތު ކުރިއަށްދަނީ އެކަމަށް ވާންޖެހޭ އިދާރީ މަސައްކަތްތައްކަމަށެވެ. މޭޔަރު ސިފަކުރެއްވީ މި ޕްރޮޖެކްޓަރީ އައްޑޫގެ އިޤްތިޞާދު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

"ކޮންސެޕްޓެއްވެސް އެބައޮތް އޭގަ. އިންޓްރެސްޓެޑް މީހުން އެބައުޅޭ. ފަންޑުކޮށް ޕްރޮޖެކްޓް ޑެވެލޮޕްކުރާނެ މީހުން އެބައުޅޭ. އަޅުގަނޑުމެން ޕްރޮޖެކްޓް މިއަންނަ ހަފްތާގައި އިއުލާންކުރެވޭތޯ މިބަލަނީ. އިދާރީ ގޮތުން ތައްޔާރީތައް ވަމުން މިއަންނަނީ. އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އެއީ އައްޑޫގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް އަންނާނެ ޕްރޮޖެކްޓެއް. ޔުނީކް ވިސްނުމެއްގަ އަންނަ ތަރައްޤީގެ ބޮޑު ޕްރޮޖެކްޓެއް ެގޮތުގައި މިއަންނަނީ" މޭޔަރ ވިދާޅުވިއެވެ.

މި މަޝްރޫޢުއަކީ އެއަރޕޯޓް ތަަރައްޤީވެގެން އަންނައިރު އައްޑޫގެ އިޤްތިޞާދު މުޅިން ބަދަލުކޯށްލާނެ މަޝްރޫޢުއެކެވެ. އަދި މޭޔަރު ވިދާޅުވީ މި ޕްރޮޖެކްޓާއެކު އައްޑޫގައި ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށެވެ. އެތައް ޒަމާނެއް ވަންދެން ޓޫރިޒަމް ކުރިނާރައި އޮތް އައްޑޫގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަސައްވުރެކެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު، 10 އަހަރުން ދެގުނަ ކުރުމަށްޓަކައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢު ތަކަކީ އިންގިލާބީ މަސައްކަތްތަކެއް ކަމަށެވެ. މިގޮތުން، 8000 ޓޫރިސްޓް އެނދު، އައްޑޫ ސިޓީއަށް އަންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވެފައިވަނީ ސަރަޙައްދީ، އިޤްތިޞާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމަކީ، މުޅި ރާއްޖޭގެ ތަރައްޤީ ބޭނުންނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިމަސައްކަތުގެ މަޤްޞަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ލިސްޓުގެ ނަންބަރު 1 ގައި ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށާއި، މިކަން ހަގީގަތަކަށް ހައްދަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.