ކުޅިވަރު

ކޯޗު ޕްރެސް ދޫކޮށްދިޔަ މައްސަލަ އެފްއޭއެމުން ބަލާނެ: ޝިބާއު


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ބަންގްލަދޭޝް އަތުން ބަލިވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުން ރާއްޖޭގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބޮއިކޮޓް ކުރުމުން، އެ މައްސަލަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަލާނެ ކަމަށް ޤައުމީ ޓީމުގެ މެނޭޖަރ އަބްދުﷲ ޝިބާއު ބުނެފިއެވެ.

ބަންގްލަދޭޝް މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ހަމައެކަނި ބުނީ، މެޗުގެ ފުރަތަމަ 25 މިނެޓު ދިވެހި ޓީމުން ޓެކްޓިސްއާ އެއްގޮތަށް ކުޅުނު ކަމަށެވެ. އަދި މި ބައްޔާއެކު ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށްވެސް މޮރިއޭރޯ ބުންޏެވެ. އެހެން ބުނެފައި ނޫސްވެރިންނަށް ސުވާލު ކުރުމަށް ފުރުސަތު ނުދީ މޮރިއޭރޯ ވަނީ ޕްރެސް ރޫމް ދޫކޮށް ގޮސްފައެވެ.

މޮރިއޭރޯ ދިޔުމުން ނޫސްވެރިންގެ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ޤައުމީ ޓީމުގެ މެނޭޖަރ ޝިބާއުއެވެ. ޝިބާއު ބުނީ މޮރިއޭރޯގެ މި އަމަލު އެފްއޭއެމުން ބަލާނެ ކަމަށެވެ. އަދި މޮރިއޭރޯ ހިތްހަމަ ނުޖެހިފައި ހުރީ ނަތީޖާއާ މެދުގައި ކަމަށްވެސް ބުންޏެވެ.

ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ލުބުނާނާއެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހެވެ.