އިލެކްޝަންސް ކޮމިޝަނުން އަމަލުކުރައްވާގޮތުން މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވިދާނެކަމާމެދު ސުވާލު އުފެދޭކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު ޕާޓީތަކުން މިހެން ބުނީ އިދިކޮޅު 5 ޕާޓީއަކުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް، އެމްއާރުއެމް، އެމްއެންޕީ، ޖުމްހޫރީ ޕާޓީ އަދި އަލަށް އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްއިން ބައިވެރިވިއެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އެ ބޭފުޅުން ފާހަގަކުރެއްވީ އިލެކްޝަންސް ކޮމިޝަނާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކެކެވެ. ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަދި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން މިހާރު ފެންނަމުންދާ އަމަލުތަކަށް ބަލާއިރު، އެ ކޮމިޝަނާއި ދޭތެރޭ އިތުބާރެއް ނެތްކަމަށެވެ. އެގޮތުން ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ކުރާ މަސައްކަތަށްވެސް އިލެކްޝަންސްއިން ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ހަސަން ލަތީފް ތުހުމަތުކުރެއްވިއެވެ.
"3 މަސް ދުވަސް އޮންނަނީ 3000 ފޯމް ހުށަހެޅީމަ ޤާނޫނުގައި ބުނާ ކަންކަން ފުރިހަމަވޭތޯ ބެލުމަށް ކަނޑައަޅާފައިވާ 3 މަސް. އެހެންވީމަ އެ މަސައްކަތްކޮށް ނިމުނީމަ ހުއްދަ ހިފަހައްޓައިގެން ތިބެންޖެހޭ ހާލަތެއް ނާންނާނެ" ހަސަން ލަތީފް ވިދާޅުވިއެވެ.
ޕްރެެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރައްވަނީ ޒިންމާދާރުކަމެއް ނެތިކަމަށް ތުހުމަތުކުރައްވާފައެެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިކަމާއި މިނިވަންކަމާއެކު ބޭއްވިދާނެކަމާމެދު މިހާރު ސުވާލު އުފެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަންޖެހޭ ގޮތް ޤާނޫނުގައި އެބައޮތް ބަޔާންކޮށްފައި. އުސޫލުތަކާއި ޤާނޫނުތަކާއި ހިލާފަށް އެ ބޭފުޅުން އަމަލުކުރައްވާ ކުރެއްވުން މިއީ ހަގީޤަތުގައި އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް" ޝިޔާމް ވިދާޅުވިއެވެ.
ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާއި މެދު އޮތް ކަންބޮޑުވުންތައް ހައްލުތައް ހޯއްދަވަން މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ޕާޓީތަކުން ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި އެހެން މުއައްސަސާތައްވެސް ޒިންމާދާރުކުރުވަން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީ ފިޔަވައި ބޮޑެތި ހުރިހާ ޕާޓީތަކަކުން ބައިވެރިވިނަމަވެސް އެ ބޭފުޅުން މަސައްކަތްކުރައްވަނީ ކޯލިޝަނެއް ހަދައިގެން ނޫންކަމަށްެވެސް ފާހަގަކުރިއެވެ.
ރިޔާސީ އިންތިހާބުގެ މިނިވަންކަމާމެދު އިދިކޮޅު ޕާޓީތަކުން ސުވާލު އުފެއްދިނަމަވެސް މިފަހަރުގެ އިންތިހަބާކީވެސް މީގެކުރިން ބޭއްވި އިންތިހާބުތައް ފަދައިން މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނޭކަމުގެ ޔަގީންކަންދެއްވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ކަންކަން ގާތުން ބަލަމުންދާ ބައެއް ޖަމުއިއްޔާތަކުން ބުނާގޮތުން ރާއްޖޭގައި ބާއްވާ އިންތިހާބެއްގައި އޮޅުވާލުން ނުވަތަ މަކަރު ހެދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ.
އައު ޤާނޫނުއަސާސީގެ ދަށުން ގިނަ ޕާޓީތައް ވާދަކުރާ އިންތިހާބުތައް ރާއްޖޭގައި ބާއްވަން ފެށިފަހުން އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނަ ޕާޓީން ނުވަތަ ޕާޓީތަކުން އަބަދުވެސް އިންތިހާބުގެ މިނިވަންކަމާއިމެދު ސުވާލު އުފައްދައެެވެ.