ކުޅިވަރު

މެޗުން ބަލިވުމުން ކޯޗު ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފި، އިސްތިއުފާ ދެނީބާ؟


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވުމުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީނުވެ ރާއްޖޭގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހިނގައްޖެއެވެ.

ބަންގްލަދޭޝް މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް މޮރިއޭރޯ ހާޒިރުވިއެވެ. އެކަމަކު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ކުރިން ކޯޗު ވަނީ އަމިއްލައަށް ވާހަކަދައްކަން ފަށާފައެވެ. އެގޮތުން ނޫސްވެރިން ކައިރީ މޮރިއޭރޯ ބުނި ހަމައެކަނި ވާހަކައަކީ މި ނަތީޖާއަކީ ރާއްޖޭގެ ސަޕޯޓަރުން އެދުނު ނަތީޖާއެއް ނޫންކަން އެނގޭ ކަމަށާއި އެހެންކަމުން "ވީއާ ވެރީ ސޮރީ" ކަމަށެވެ.

މޮރިއޭރޯ ޕްރެސް ރޫމް ދޫކޮށް ދިޔުމުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކީ ޤައުމީ ޓީމުގެ މެނޭޖަރ އަބްދުﷲ ޝިބާއުއެވެ. ޝިބާއު ބުނީ މޮރިއޭރޯގެ މި އަމަލު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަލާނެ ކަމަށެވެ.

ޝިބާއު ބުނީ ކޯޗު ހުރީ މިއަދުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިފައި ކަމަށާއި، އެކަމަކު ޕްރެސް ރޫމް ދޫކޮށް ދިޔުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ފުރަތަމަ ކުޅުނު މެޗުން ބޫޓާން އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، މިއަދު ބަންގްލަދޭޝް އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލުބުނާނާ ދެކޮޅަށް ނުކުންނައިރު، ރާއްޖެއަށް މިހާރު ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައެވެ.