ޚަބަރު

ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންފި، ވިދާޅުވީ ރައީސަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދެއްވާނެކަމަށް


  • ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޞާލިޙް

  • މިއާއެކު މަޖިލީހުގައި އެމްޑީޕީގެ މެންބަރުގެ ޢަދަދު ވަނީ 54އަށް ވެފައި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ. ސޯލްޓް ކެފޭގައި ބޭއްވި ހަފްލާއެއްގައި ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ފޯމާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޖާބިރު އެޕާޓީއާއި ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގައި ޖާބިރުގެ ހިއްސާ ވަރަށް ބޮޑަށް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައިވެސް އެޅުގަނޑުމެން ދެ މީހުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުންނާނެ. އޭގެ ތަޖުރިބާގައި އަޅުގަނޑަށްކެރޭ ދަންނަވަން މިއަދުވެސް ޖާބިރުގެ އެ ފޯރީގައި، އެ ޖޯޝާ އެކުގައި ނުކުމެ ވަޑައިގަތީމާ ވަރަށް ގިނަ ބައެއްގެ ސަޕޯޓު ލިބިގެންދާނެކަމަށް." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އެމްޑީޕީއާއި ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރު ރިޔާސީ ދައުރަކަށް އިންތިޚާބުކުރެއްވުމަށް ބޭނުންފުޅުވާތީކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް ޞާލިޙަށް އިތުރު ދައުރެއް ކަށަވަރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއްކުރައްވާނެކަމަށާއި، އެ މަސައްކަތް ކާމިޔާބުވާނެކަމަށެވެ.

"އަޅުގަނޑު ހޮވަން ބޭނުންވަނީ ރާއްޖޭގެ ރައީސަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް ވާތީ އެ ޕްލެޓްފޯމުގައި މަސައްކަތްކުރަން އަނބުރާ މިއައީ. އަޅުގަނޑަށް 100 ޕަސަންޓް ޔަގީންރައީސް ޞާލިޙަށް މި އިންތިޚާބު ކާމިޔާބު ވާނެކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިިޓީގައި މަސައްކަތް ކުރާނަން އެމަނިކުފާނު އިންތިޚާބުކުރަން." ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ސޯލްޓްކެފޭއަށް ޖާބިރު ހިންގަވާފައި ވަޑައިގަތީ ބޮޑުބެރުގެ ހަރަކާތްތަކާއެކުއެވެ.


ޖާބިރު އެމްޑީޕީއާއި ގުޅުވަޑައިމިގަތީ، މެންބަރުންގެ ޢަދަދު ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީ އުވާލެއްވުމުން، ގްރީން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވުމަށްފަހުއެވެ. އިލެކްޝަންސް ކޮމިޗަނުން އައު ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޖާބިރަށް ދެއްވިނަމަވެސް، ޕާޓީ އުފެއްދުމަށް ހުށައަޅުއްވާފައެއް ނުވެއެވެ.

ޖާބިރު މީގެ ކުރިންވެސް ވަނީ އެމްޑީޕީގައި މަސައްކަތްކުރައްވާފައެވެ. ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގައި އެޕާޓީގެ މެންބަރުންގެ ޢަދަދަކީ 54އެކެވެ.