ޚަބަރު

އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމްގެ ހަނދާނަށް ޕީއެސްއެމްއިން ޝަރަފުގެ ހަނދާނީ ފިލައެއް


  • އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކު ނިޔާވީ 20 ނޮވެމްބަރު 2022 ގައި

  • ނިޔާވިއިރު އުމުރުފުޅުން 72 އަހަރު

  • ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި

  • ސްކޫލް ކުދިންގެ ލަވަ މުބާރާތް ތަޢާރަފުކުރައްވާ ފުޅާކުރެއްވުމުގެ މޭސްތިރިޔާ

ދިވެހި ދަޢުލަތުގެ މީޑިއާގެ ޓެލެވިޜަން މޯލްޑިވްސްއަށް ކޮށްދެއްދި ޚިދުމަތްތައް ފާހަގަކޮށް އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާނަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން އަރުވާ ޝަރަފުގެ ހަނދާނީ ފިލާ، ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޢާއިލާއާއި ޙަވާލުކުރައްވައިފިއެވެ.

ޕީ.އެސް.އެމްގެ ފަރާތުން މި ޝަރަފުގެ ހަނދާނީ ފިލާ އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޢާއިލާއާއި ޙަވާލުކޮށްދެއްވީ، އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ޚާއްސަ ޙަފްލާގެ ތެރެއިން ޕީ.އެސް.އެމްގެ ޗެއަރމަން އިބްރާހީމް ހިލްމީއެވެ. މި ޙަފްލާގެ ތެރެއިން އަލްމަރުހޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޚިދުމަތްތަކަށް އަލިއަޅުވާލާ "ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހަނދާން" މި ނަމުގައި ޚާއްސަ ފޮތެއްވެސް ނެރެފައިވެއެވެ. މި ފޮތް ނެރެދެއްވީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޙާލިދެވެ.

ދިވެހި ސަރުކާރަށާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް، އަގުހުރި ޚިދުމަތްކޮށްދެއްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު 30 ނޮވެމްބަރު 2022 ގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ. ސަމަރުބްލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައެވެ.

އިބްރާހިމް މަނިކު ބްރޯޑްކާސްޓިން ޚިދުމަތާއި ގުޅިވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1974 ވަނަ އަހަރުއެވެ. އެމަނިކުފާނުގެ މަޤުބޫލުކަން ލިބިގެންދިޔަ ޕްރޮގުރާމުތަކުގެ ތެރޭގައި "ބާއްޖަވެރި ހެނދުނެއް" ޕްރޮގުރާމާއި، ކުޑަކުދިންނަށް ޚާއްސަކޮސްގެން ރޯދަމަހު ގެނެސްދިން ރޯދަ ކުރުރުން ޕްރޮގުރާމާއި، "ނެގި ގާގަނޑެއް" ޑްރާމާ ހިމެނެއެވެ. މި ޕްރޮގުރާމުތައް އުފައްދައި ހުށަހަޅުއްވަމުން ގެންދެވިއިރު ސީދާ އިބްރާހިމް މަނިކުގެ ބެއްލެވުމުގެ ދަށުންވެސް އަޑުގެ ހިންގުމަށާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

އިބްރާހިމް މަނިކަކީ ރޭޑިއޯގެ ޚިދުމަތުގައި އުޅުއްވަމުން ޤައުމީ އެކި ކަންކަމުގައިވެސް ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެވެ. އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ޤައުމީ ލަވަ ހެއްދެވުމާއި، ޤައުމީ އެކި މުނާސަބަތާއި ގުޅޭ ޕްރޮގުރާމު އުފެއްދުމަކީވެސް އިބްރާހިމް މަނިކު ޚާއްސަ އިސްކަމެއް ދެއްވި މަސައްކަތްތަކެކެވެ. އެމަނިކުފާނުގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ސްކޫލް ކުދިންގެ ލަވަ މުބާރާތް ފާހަގަކޮށްލެވެއެވެ.

1989 އިން ފެށިގެން 2004 އަކަށް ގާތްގަނޑަކަށް 15 އަހަރު އިބްރާހީމް މަނިކުގެ ބެއްލެވުމުގެ ދަށުން ސްކޫލް ކުދިންގެ ލަވަ މުބާރާތް ކުރިއަށްގެންދެވިއެވެ. ޓީވީ މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުންނާއި ދިވެހިންގެ ތެރޭގައި ތިއްބެވި ފަންނުވެރިންނާއި ތަޖުރިބާކާރުންގެ އެތައް ބަޔެއްގެ ފުރިހަމަ އެއްބާރުލުމާއެކު މި މުބާރާތް ބޭއްވެވީ ވަރަށް މަތީ ފެންވަރެއްގައެވެ. އަހަރަކު އެއްފަހަރު ބާއްވަވާ މި މުބާރާތް އޮލިމްޕަހަށް ބަދަލުކުރައްވާ އެތައް މަހެއް ކުރިން މުބާރާތަށް ތައްޔާރުވާން ފަށްޓަވައެވެ. އަދި މި މުބާރާތަށް ސްކޫލުތަކުގެ މެދުގައި އޮންނަ ޖޯޝާއި ފޯރި އިތުރުކުރައްވާ، ވާދަވެރިކަން އިތުރުކުރެއްވިއެވެ.

އިބްރާހިމް މަނިކަކީ މިޔުޒިކާއި ލަވަކިޔުން ކުރިއެރުމުގެ ރޮނގުން 1996 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ލިބަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކުޑަކުދިން ކިޔާ ހިތްވާކަހަލަ ފޮތެއް ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހި ބަހުން އެކުލަވާލައްވައިގެން ސަރުކާރުންދޭ އިނާމު 1999، 2000 އަދި 2001 ވަނަ އަހަރު އިބްރާހިމް މަނިކަށް ވަނީ ލިބިވަޑައިގެންފައެވެ. އެމަނިކުފާނުގެ ޚިދުމަތްތައް ފާހަގަކުރައްވާ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ދިން ބްރޯޑްކާސްޓިންގ އެވޯޑުގައި މި ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑުވެސް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަންކަމުގެ މަގާމުވެސް ފުރުއްވިއެވެ. 6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ.