ކުޅިވަރު

ޕާކިސްތާން އަތުން މޮޅުވިޔަސް ކުވެއިތު ކޯޗުގެ އޮތީ ޝަކުވާއެއް


ޕާކިސްތާން އަތުން ހޯދި ތިން ޕޮއިންޓާއެކު ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލާ ގާތަށް ކުވެއިތު ޖެހެލި ނަމަވެސް، އިންޑިއާގެ މޫސުން ކަމުނުދާ ކަމަށް އެ ޓީމުގެ ކޯޗު އުވީ ބެންޓޯ ބުނެފިއެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުގައި ޕާކިސްތާން އަތުން ކުވެއިތު މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުވެއިތުން ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ޕާކިސްތާން މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެންޓޯ ބުނީ އިންޑިއާގެ ބެންގަލޫރުގެ މޫސުން ހުރި ގޮތުން ކުޅުންތެރިންނަށް އުނދަގޫވާކަން ފާހަގަވާ ކަމަށެވެ. އަދި މި މޫސުމުގައި ކުޅުންޖެހުން އެއީ ގޮންޖެހުމެއް ކަމަށްވެސް ބެންޓޯ ބުންޏެވެ.

ބެންޓޯ ބުނީ ޕާކިސްތާން މެޗުން ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް އަދިވެސް ކުވެއިތު ޓީމުން ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕާކިސްތާން ޓީމުގެ އެސިސްޓަންޓް ކޯޗު ޓޯބެން ފިލިޕް ބުނީ އެ ޓީމުން ބަހަނާ ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި މި މެޗުގައި އަސްލު ފެނިގެންދިޔައީ ޕާކިސްތާން ޓީމުގައި މުޅިން އައު ކުޅުންތެރިން ތިބުމުން، މި ފެންވަރުގެ މެޗަކަށް އެ ކުޅުންތެރިން ފިޓް ނޫންކަން ކަމަށެވެ.

ފިލިޕް ބުނީ ޕާކިސްތާނަށް މިދިޔަ އަހަރުތަކުގައި މާ ގިނަ މެޗުތަކެއް ލިބިފައި ނުވުންވެސް އެއީ ގޮންޖެހުމެއް ކަމަށެވެ. އަދި ޕާކިސްތާންގެ ކުޅުން ރަނގަޅުވާނީ ގިނަ މެޗުތަކެއް ލިބި، އެ ކުޅުންތެރިން އެއްކޮށް ކުޅެގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ފުޓުބޯޅަ ކުރިއަރުވަން އޮތީ ދުރު ރާސްތާ ޕްލޭނެއް ކަމަށާއި، އެ ޕްލޭނަށް ވާސިލުވުމަށް ގިނަ މެޗުތަކެއް ކުރިއަށް އޮތް ތަނުގައި ކުޅޭނެ ކަމަށް ފިލިޕް ބުންޏެވެ.

ގްރޫޕް އޭގެ ފަހު މެޗުގައި ކުވެއިތުން ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު އިންޑިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕާކިސްތާން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.