ޚަބަރު

މެލޭޝިއާގެ ބަޓިކް އެއަރގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި


  • ފުރަތަމަ ފްލައިޓުންވެސް 120 ފަސިންޖަރުން

  • ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވާނެ

  • ދަތުރުތަކުގައި ބޭނުންކުރާނީ 180 މީހުންގެ ޖާގައިގެ ފްލައިޓެއް

މެލޭޝިއާގެ އެއަރލައިނެއް ކަމަށްވާ ބަޓިކް އެއަރއިން ކުއާލަލަމްޕޫރުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުކުރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަޓިކް އެއަރގެ ސީދާ ދަތުރުތައް ފެށުމުގެގޮތުން 120 ފަސިންޖަރުންނާއެކު ރާއްޖެއައި އެއަރލައިންގެ ފުރަތަމަ ފްލައިޓަށް ވޯޓަރ ސެލިއުޓަކާއެކު ހޫނު މަރުޚަބާއެއް ވަނީ ކިޔާފައެވެ.

ބަޓިކް އެއަރގެ މި ދަތުރުތަކާއެކު ދެކުނު އިރުމަތީ އޭޝިއާއިން ރާއްޖެ އަންނަން ބޭނުންވާ ފަސިންޖަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެއަރލައިނުން ބުނެއެވެ. ބަޓިކް އެއަރގެ ދަތުރުތައް ރާއްޖެއަށް ހަފްތާއަކު 3 ދުވަހު ބާއްވާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 180 ފަސިންޖަރުންގެ ޖާގައިގެ ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓެކެވެ.

މެލޭޝިއާގެ ބަޓިކް އެއަރއިން މިވަގުތުވެސް އަންނަނީ ދުނިޔޭގެ 50 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ. ރާއްޖެއަށް މި ފެށި ސީދާ ދަތުރުތަކާއެކު މެލޭޝިއާގެ އިތުރުން ތައިލެންޑާއި އޮސްޓްރޭލިއާއިންވެސް ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.

މީގެ ކުރިން މަލިންޑޯ އެއަރގެ ނަމުގައި އޮޕަރޭޓްކުރަމުން އައި މި އަރލައިންގެ ނަން ބަޓިކް އެއަރއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެއަރލައިން ވަނީ ޚާއްޞާ ޕްރޮމޯޝަންތަކާއެކު ގިނަ މަސައްކަތްތަކެއް ފަށައިފައެވެ.