ޚަބަރު

ޗައިނާއާއި ޤަތަރުން ގޭހުގެ އިތުރު އެއްބަސްވުމަކަށް


ގުދުރަތީ ގޭސް ސަޕްލައި ކުރުމުގެ އެއްބަސްވުމެއްގައި ޤަތަރާއި ޗައިނާއިން ސޮއިކޮށްފިއެވެ. މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ގޭސް ސަޕްލައި ކުރުމުގެ ގޮތުން ސޮއިކުރި ދެވަނަ އެއްބަސްވުމެވެ.

ޤަތަރު އެނާރޖީއާއި ޗައިނާގެ ސިނޮފެކްއާ ދެމެދު މިދިޔަ ނޮވެމްބަރު މަހުވެސް ވަނީ ގޭސް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޤަތަރު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ "ޤަތަރު އެނާރޖީ" އާއި ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕޮރޭޝަން، ސީ.އެން.ޕީ.ސީއާ ދެމެދު ވެފައިވާ މި އެއްބަސްވުމުގެ މުއްދަތަކީ 27 އަހަރެވެ. މި އެއްބަސްވުމުގެ ދަށުން ޤަތަރުން އަހަރަކު 4 މިލިއަން މެޓްރިކް ޓަނުގެ ގުދުރަތީ ގޭސް ޗައިނާއިން ގަންނާނެއެވެ.

މި އެއްބަސްވުމުގައި ފައިސާ އެކުލެވޭ މިންވަރާ މެދު ދެ ގައުމުން ކުރެ ގައުމަކުން ވާހަކަދައްކާފައެއް ނުވެއެވެ. މިއީ އޭޝިއާގެ ޤައުމަކާއިއެކު ގޭސް ސަޕްލައިކުރުމަށް ޤަތަރުން ސޮއިކޮށްފައިވާ 3 ވަނަ އެއްބަސްވުމެވެ.

ޤަތަރަކީ ދުނިޔޭގެ އެންމެ ގިނައިން ގުދުރަތީ ގޭސް އެކްސްޕޯޓުކުރާ ޤައުމެވެ. ރަޝިޔާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ގުދުރަތީ ގޭހުގެ ބޭނުން ހުޅަނގުގެ ޤައުމުތަކަށް ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. ސަބަބަކީ ހަނގުރާމައިގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރަޝިޔާއިން ގޭހާއި ތެޔޮ އެތެރެކުރުން ހުއްޓާލާފައިވުމެވެ.

ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ދިމާވެފައިވާ ހަކަތައިގެ ދަތިކަން ޗައިނާއަށް ފޯރާވަރު ކުޑަކުރުމަށްޓަކައި ޗައިނާ އިން އަންނަނީ ކުރިއަށް އޮތް އަހަރުތަކަކަށް އެ ޤައުމަށް ބޭނުންވާ ގުދުރަތީ ގޭހާއި ތެޔޮ ސްޓޮކްކޮށްފައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޗައިނާއަކީ އަމިއްލަ ޤައުމުގައި ކާބޯ ތަކެތި އުފައްދާ ޤައުމެކެވެ. އެހެން ނަމަވެސް، ޤައުމުން ބޭރުގައި އުފައްދާ ކާބޯ ތަކެތި ވަރަށް ގިނަ ޢަދަަދަކަށް ޗައިނާއަށް އެތެރެ ކުރެއެވެ.

މިފަދަ އެއްވެސް ބާވަތަކުން އާންމުންގެ ދިރިއުޅުމަށް ދަތިވިޔަ ނުދިނުމަށް ޗައިނާއިން ވަނީ ދަނޑުވެރިންނަށް ޚާއްސަ އިނާޔަތްތަކެއް ހަމަޖައްސާފައެވެ. ޗައިނާގެ ވިސްނުމަކީ އެ ޤައުމުގައި އުފެއްދޭ ބާވަތްތައް އިތުރުކޮށް ބޭރުން އެތެރެކުރަން ޖެހޭ ބާވަތްތަކަށް ބަރޯސާވުން ކުޑަކުރުމެވެ.