ޚަބަރު

ގަދަ 5 ގެ ހުށަހެޅުންތަކަށްފަހު، ބެސްޓް ރޭޑިއޯ ޕްރެޒެންޓަރގެ ފިނާލޭ މިރޭ


  • ފައިނަލުގައި 5 ބައިވެރިން ވާދަކުރޭ

  • މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް ޓްރޮފީއާއެކު 20،000 ރުފިޔާގެ ފައިސާގެ އިނާމެއް

  • ކޮންޓްރެކްޓް އުޞޫލުން އެއް އަހަރު ދުވަހު ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު

ޕީ.އެެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2023ގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ފިނާލޭ ޝޯވ މިރޭ އޮންނާނެއެވެ. މިފަހަރުގެ މުބާރާތަށްވެސް ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ފައިނަލަށް ދަތުރުކުރި ބައިވެރިން އިޢުލާންކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އެލިމިނޭޝަން ޝޯވގައެވެ. ފައިނަލަށް 5 ބައިވެރިން ދަތުރުކޮށްފައިވަނީ ލައިވް ފޯން އިން ޕްރޮގްރާމް ހުށަހެޅުމުގެ ބުރުގައި ވާދަކުރި 6 ބައިވެރިންގެ ތެރެއިންނެވެ.

ފައިނަލްގައި ވާދަކުރާ ބައިވެރިން:

• ގދ. ވާދޫ ކެނެރީގޭ އައިޝަތު ޢަބްދުލް ކަރީމް
• ހެންވޭރު ހަމަރޯޅި އަރީޝާ ފަރުޙަތު
• ގދ. ގައްދޫ ކަފިދޫގޭ އާމިނަތު ޝަހުބާ ޝަހީދު
• ހުޅުމޭލެ ފުލެޓް 4-04-170 އާމިނަތު ޒައީމާ
• މާފަންނު ޕްލެޓިނަމް ކޮޓޭޖް މުޙައްމަދު ލިސާން

ލައިވް ފޯން އިން ޕްރޮގްރާމް ހުށަހެޅުމުގެ ބުރުގައި ވާދަކުރި 6 ބައިވެރިންގެ ތެރެއިން ފައިނަލަށް ދަތުރު ކުރުމުގެ ފުރުޞަތު ނުލިބި މުބާރާތާ ވަކިވާން ޖެހުނު ބައިވެރިއަކީ، ހދ. ނޮޅިވަރަންފަރު ކަނީރު އަޙުމަދު މީރާޘްއެވެ.

މި މުބާރާތުގައި ފައިނަލްގައި ވާދަ ކުރާ 5 ބައިވެރިން ފައިނަލްގައި ހުށަހަޅާ ހުށަހެޅުންތައް މިމަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުން ވަނީ ގެނެސްދީފައެވެ. މުބާރާތުގެ ޓައިޓަލް ކާމިޔާބު ކުރާ ބައިވެރިއެއް ހޮވޭނީ މި ހުށަހެޅުންތަކަށް ލިބޭ މާކްސްއަށް ބެލުމަށްފަހުއެވެ. މުބާރާތުގެ ނަތީޖާ ކަނޑައަޅަނީ ފަނޑިޔާރުންގެ %65 އަދި އެހުންތެރިންގެ %35 އެސްއެމްއެސް ވޯޓުންނެވެ. ފައިނަލް ހުށަހެޅުންތަކަށް ވޯޓް ދިނުމުގެ ފުރުޞަތު މިމަހުގެ 17 އިން 20 އަށް ވަނީ ހުޅުވާލާފައެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ 5 ވަނަ ސީޒަން ކާމިޔާބުކުރާ ފަރާތެއް އިޢުލާންކުރުމަށް ބާއްވާ ފިނާލޭ ޝޯވ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި އަޑުގެ ސެނެކޯ މާލަމުން ވަގުތުންނެވެ.

މުބާރާތް ކާމިޔާބު ކުރާ ބައިވެރިއަކަށް މުބާރާތުގެ ޓްރޮފީއާއެކު 20،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި ކޮންޓްރެކްޓް އުޞޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ދެވަނަ ހޯދާ ބައިވެރިއަކަށް 15،000 ރުފިޔާ އަދި ތިންވަނަ ހޯދާ ބައިވެރިއަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

"ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން" އަކީ ރޭޑިއޯ ޕްރެޒެންޓިންގގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އަދި އެންމެ ބޮޑު މުބާރާތެވެ.

ޕްރެޒެންޓިންގ އާއި ގުޅޭ ތަފާތު މަސައްކަތްތައް ބުރުތަކަށް ބަހާލައިގެން މުބާރާތެއްގޮތަށް ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަނަކީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމަށް ޝައުގުވެރިވާ ޒުވާނުން މި ފަންނުގައި ކުރިއަށް ދިއުމަށް ފުރުޞަތު ހޯދައިދިނުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ މި މުބާރާތުގެ 5 ވަނަ ސީޒަނެވެ.