ޚަބަރު

މަޖިލިސް ހުއްޓުމަކީ އިންސާނީ ހައްގުތަކުގެ ޤާނޫނީ ނިޒާމް ހިންގުމަށް އެޅޭ ހުރަހެއް: އެޗްއާރުސީއެމް


  • މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ޤާނޫނީ ނިޒާމް ހިންގުމަށް އެޅޭ ހުރަހެއް

  • މަޖިލީހުގެ މަސައްކަތް ހުއްޓުުމުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީކުރުވުމަށް ހުރަސް އެޅޭނެ

  • ރިޔާސީ އިންތިހާބާއި ގުޅުންހުރި މަސައްކަތްތައް އޮތްވާ މަޖިލިސް ޗުއްޓީ ނެގުމަކީ ކަންބޮޑުވުމެއް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ހިނގަމުން ނުދިއުމަކީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ޤާނޫނީ ނިޒާމް އެންމެ ފުރިހަމައަށް ހިނގަމުންދިޔުމަށް އެޅިގެންދާ ހުރަހެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް، މަޖިލިސް ހުއްޓިފައި އޮތުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ވިދާޅުވީ މަޖިލީހަކީ ރައްޔިތުންގެ ހައްގުތަކާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް މަތިކުރެވިފައިވާ މުއައްސަސާއަކަށްވުމުން މަޖިލީހުގެ މަސައްކަތް ހުއްޓުމަކީ އެޗްއާރުސީއެމްގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި މިއީ ޤާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އެޅޭ ހުރަހެއްކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ މަޖިލީހަކީ ދައުލަތުގެ އެހެން މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާއަށްވާއިރު، އެތަނުގެ މަސައްކަތް ހުއްޓުުމުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީކުރުވުމަށް އޮތް ހުރަހެއްކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލިސް ހުއްޓުމަކަށް އައުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅުންހުރި މަސައްކަތްތަކާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރެއް އައްޔަންކުރުމުގެ މަސައްކަތްވެސް ކުރިއަށް ނުގެންގޮސް، މަޖިލިސް ޗުއްޓީޢަށް ދިއުމަކީ އިލެކްޝަންސްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި އެޗްއާރުސީއެމްއިން ފާހަގަކުރެއެވެ.

އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ޤާނޫނީ ނިޒާމް އެންމެ ފުރިހަމައަށް ހިނގަމުންދިއުމަށް އެޅިގެންދިޔަ ހުރަހެއްކަމަށްވެސް އެޗްއާރުސީއެމްއިން ކަންބޮޑުވުން ފާޅުކުރައްވައި ނެރުއްވި ބަޔާނުގައިވެއެވެ.