ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް


  • 2022-2023ގެ ދިރާސީ އަހަރު ފެށީ މިދިޔަ އަހަރުގެ އޯގަސްޓް7 ވަނަ ދުވަހު

  • ދެން ސިރާސީ އަހަރު ފެށޭނީ އަންނަ އޯގަސްޓްމަހުގެ 6 ވަނަ ދުވަހު

  • އައު ދިރާސީ އަހަރު 3 ސްކޫލެއްގައި އަލަށް ކިޔަވައިދޭން ފަށާނެ

2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ، ދަރިވަރުން ޗުއްޓީއަށް ގޮސްފިއެވެ. ދިރާސީ އަހަރު ކިޔެވުން ނިންމާ މާލެ އާއި އަތޮޅު ތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް މިއަދު ވަނީ ރިޕޯޓު ފޯމް ދީފައެވެ.

2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު، ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 8 ވަނަ ދުވަހުއެވެ. އަދި މި ދިރާސީ އަހަރުގެ ކިޔެވުން މިއަދަށް ވަނީ ނިންމާލާފައެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ، ކުރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން، މަސައްކަތްކުރައްވަމުންނެވެ.

އެގޮތުން، ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ދަރިވަރުންގެ ޓެކްސްޓު ފޮތްތައް ދޫކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރައްވަމުން އަންނަަކަމށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރަށް، ފޮތް ލިސްޓު ވައުޗަރ ހުރިހާ ދަރިވަރުންނަށް ދީފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ނިމުނު ދިރާސީ އަހަރާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ގުރޭޑު 1 އިން 6ގެ ހުރިހާ ދަރިވަރުންނަށްވެސް ފޮތްތައް ދޫކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް، ކީ ސްޓޭޖް 1ގައި ކިޔަވާ ދަރިވަރުންނަށް ކްރިއޭޓިވް އަރޓްސް މާއްދާގެ ފޮތްތައް ދޫކުރެވޭނީ، ކޮންމެ ފަސް ދަރިވަރަކަށް އެއް ފޮތުގެ އުސޫލުންކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ. ހަމައެހެންމެ، ގުރޭޑު 9 އަކާއި ގުރޭޑު 10ގެ ދަރިވަރުންނަށް ދިވެހި، އިސްލާމް، އަދި ޤުރުއާން މާއްދާ ތަކުގެ އިތުރުން، ކޮންޕިއުޓަރ ސައިންސް، ޓްރެވެލް އެންޑް ޓޫރިޒަމް، އަދި މެރިން ސައިންސްގެ ޓެކްސްޓު ފޮތްތައްވެސް ދަރިވަރުންނަށް ދޫކުރުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އެހެން މައްދާތަކުގެ ޓެކްސްޓް ފޮތް ކުދިން ބޭނުންކުރާނީ ޑިޖިޓަލްކޮށެވެ.

މި ފެށުނު ސްކޫލް ބަންދަށްފަހު، އައު ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޯގަސްޓްމަހުގެ 6 ވަނަ ދުވަހުއެވެ. އަދި ދިރާސީ އައު އަހަރާއެކު އައު 3 ސްކޫލެއްގައި ކިޔަވައިދޭން ފަށްޓަވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އެއީ ދަރުމަވަންތަ ސްކޫލާއި، ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ހުޅުވުމަށް ހަމަޖެހިފައިވާ ޞަލާޙުއްދީން ސްކޫލާއި، ހުޅުމާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ސީ.އެޗް.އެސް.ސީގެ އައު ޢިމާރާތެވެ.

އެޑުކޭޝަން މިނިސްޓްރީން ވަނީ، ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި ހުޅުވަން ހަމަޖެހިފައިވާ ޞަލާޙުއްދީން ސްކޫލަށް، ގުރޭޑު 2އިން ފެށިގެން މަތީގެ ސްރޭޑްތަކަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލައްވާފައެވެ.