ޚަބަރު

ޝަކުވާގެ މުއްދަތު މިއަދު ހަމަވާނެ، މިހާތަނަށް 204 ޝަކުވާ


  • ވޯޓަރސް ލިސްޓަށް މިހާތަނަށް 204 ޝަކުވާއެއް

  • މަރުވެފައިވާ މީހުންގެ ނަން ވޯޓަރސް ލިސްޓުގައި އޮތުމުގެ 160 ޝަކުވާ

  • އެޑްރެސް ބަދަލުވެގެން 29 ޝަކުވާ

  • ނަން ބަދަލުވެގެން 2 ޝަކުވާ

  • ލިސްޓުގައި ނަން ނެތިގެން 12 ޝަކުވާ

  • އައިޑީ ކާޑު ނަންބަރު ބަދަލުވެގެން 1 ޝަކުވާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ތިނެއް ޖަހާއިރު ހަމަވާނެއެވެ.

ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފާ ވަނީ މި ހިނގާ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާތަނަށް 204 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަން ވޯޓަރސް ލިސްޓުގައި އޮތުމުގެ ޝަކުވާއެވެ. އެގޮތުން މިފަދަ 160 ޝަކުވާއެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އެޑްރެސް ބަދަލުވެގެން ހުށަހަޅާފައިވާ 29 ޝަކުވާއާއި ނަން ބަދަލުވެގެން ހުށަހަޅާފައިވާ 2 ޝަކުވާގެ އިތުރުން ލިސްޓުގައި ނަން ނެތިގެން 12 ޝަކުވާއެއް އަދި އައިޑީ ކާޑު ނަންބަރު ބަދަލުވެގެން 1 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޝަކުވާ ހުށަހެޅޭނެ ތަނެއް ކަނޑައަޅުއްވާފައެވެ އެގޮތުން މާލޭގައި ނަމަ އިންތިޚާބާއި ބެހޭ މަރުކަޒު ދަރުބާރުގެއަށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރޭގައި ނަމަ ކޮންމެ ރަށެއްގެވެސް ރަށު ކައުންސިލުގައި އެކޮމިޝަނުން ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓަކަށް ޝަކުވާ ހުށަހެޅޭނެކަމަށް ވެސް އެކޮމިޝަނުން ވިދާޅުވެއެވެ

އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ބަލާއިރު 128 ފޮށީގެ އިތުރުވުމެކެވެ

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވާ ގޮތުގައި އިންތިޚާބުގެ ވޯޓުފޮށިތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުވެސް މިއަދު މެންދުރު އެކެއް ޖަހާއިރު ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.