ސޫދާންގެ ދާޚިލީ މަސްރަޙުގެ ހާލަތު އޮތް ގޮތުން އެ ޤައުމުގެ ރައްޔިތުންނަށް މަރާއި ހަލާކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެ، އެ ޤައުމުގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ގޮވައިލައްވައިފިއެވެ. ސޫދާންގެ ރައްޔިތުން އިންސާނީ މުސީބަތަކާ ކުރިމަތިލާން ޖެހިފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)އާ ދެމެދު ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.
"ސޫދާންގެ ރައްޔިތުން ދަނީ ހަލުވިކަމާ އެކު ހަލާކުގެ ތެރެއަށް ވެއްޓެމުން. އެ މީހުންގެ ކުރިމަތީގައި އޮތީ މަރު. ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އަވަސް އެހީއާ ނުލައި އެ މީހުން މަރާއި ހަލާކުން ސަލާމަތެއް ނުކުރެވޭނެ. އެ ޤައުމުގައި ޤާނޫނެއް ނުހިންގޭނެ. އަދި، ސަރަޙައްދީ ހަމަޖެހުމަށް އެ ކަމުގެ ނޭދެވޭ އަސަރު ކުރާނެ،" ސޫދާނަށް އިންސާނީ އެހީތެރިކަން ހޯދުމަށް ބޭއްވި އެހީދޭ ޤައުމުތަކުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވިއެވެ.
ސޫދާންގައި ހާލުގައި ޖެހި އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މި އަހަރުގެ ތެރޭގައި 3 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް އ.ދއިން އަންދާޒާ ކުރެއެވެ. އަދި، މަސައްކަތް ކުރަމުން ދަނީ އެ މިންވަރަށް އެހީދޭ ޤައުމުތަކާއި ޖަމާޢަތްތަކުން ފައިސާ ހޯދާށެވެ.
ނަމަވެސް، މިހާތަނަށް ލިބިފައި ވަނީ އޭގެ ތެރެއިން އެންމެ 17 އިންސައްތައެވެ. ސޫދާންގެ އެތެރޭގައި ހާލުގައި ޖެހިފައިވާ މީހުންގެ އިތުރުން، ހަނގުރާމައިގެ ސަބަބުން އެހެން ޤައުމުތަކަށް ހިޖުރަކޮށްފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ވެސް އ.ދއިން ދަނީ ފައިސާ ހޯދަން މަސައްކަތް ކުރަމުންނެވެ.
ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ދެ ކޮޅުގައި ތިބީ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އަލް-ބުރުހާނާއި އާރް.އެސް.އެފްގެ އިސްވެރިޔާ ޖެނެރަލް މުޙައްމަދު ހަމްދާން ދަގަލޯއެވެ. ވެރިކަން ހިންގުމާ ގުޅޭ ގޮތުން އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައި އާރް.އެސް.އެފްގެ ފައުޖުތަކުން ވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ވެރިރަށް ޚަރްތޫމަށް އަރައި އެ ރަށް ހިފަން މަސައްކަތް ކޮށްފައެވެ.
ޚަރްތޫމްގެ އިތުރުން ސޫދާންގެ އެހެން ބޮޑެތި ރަށްތަކުގެ ބައެއް ސަރަޙައްދުތަކަށް ދަގަލޯގެ ފައުޖުތަކުން އަތްގަދަކޮށްފައިވާއިރު، އަސްކަރިއްޔާއިން ދަނީ އެ ޖަމާޢަތުގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. މި ހަނގުރާމައާ ގުޅިގެން އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ މީހުންގެ ޢަދަދު ދެ މިލިޔަނަށް އަރާ ކަމަށް އަންދާޒާ ކުރެވެއެވެ. އޭގެ ތެރެއިން 528,000 އެއްހާ ރެފިއުޖީން ވަނީ އަވައްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ.
މި ހަނގުރާމައިގައި މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، އެތަކެއް ހާސް ބަޔަކު ވަނީ ޒަޚަމުވެފައެވެ. ނަމަވެސް، ދެ ފަރާތުގެ ފައުޖުތަކުން ހޮސްޕިޓަލްތަކަށް އަމާޒުކޮށް ޙަމަލާދެމުން ދިޔުމުގެ ސަބަބުން ޒަޚަމުވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ވަނީ ހުރަސް އެޅިފައެވެ.
"ޚަރްތޫމްގެ އިތުރުން ދާރްފޫރުގެ ހާލަތު އޮތީ ވަރަށް ނުރައްކާ ފައްތަރެއްގައި. ދެ ފަރާތުގެ ފައުޖުތަކުން ދަނީ ޢާންމުންގެ ގެދޮރަށް ވެސް ވަދެ، އެ މީހުންނަށް ޙަމަލާދެމުން. މަގުތަކަށް ނިކުންނަ މީހުންނަށް ވެސް ޙަމަލާދެމުން. ހަނގުރާމަ ފެށުމުގެ ކުރިން ވެސް ސޫދާންގެ ރައްޔިތުންނަކީ ދަތި ހާލުގައި ދިރިއުޅެމުން ދިޔަ ބަޔެއް،" ގުތެރޭޝް ވިދާޅުވިއެވެ. މި ކަމަށް ހައްލެއް ހޯދެން އޮތީ އެންމެ މަގެއް ކަމަށާއި، އެއީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުން ކަމުގައި ވެސް ގުތެރޭޝް ވިދާޅުވިއެވެ.
ސޫދާންގައި އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީ ހޯދަން ބޭއްވި ބައްދަލުވުން އިންތިޒާމު ކޮށްފައި ވަނީ އ.ދގެ އިންސާނީ އެހީއާ ބެހޭ އިދާރާއާއި ރެފިއުޖީންނާ ބެހޭ އިދާރާގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާއި، މިޞްރާއި، ޤަޠަރާއި، ޖަރުމަނު ވިލާތް އަދި އެފްރިކާގެ އިއްތިހާދު (އޭ.ޔޫ)އާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ) ގުޅިގެންނެވެ.