ޚަބަރު

އިމްރާން ޚާންގެ ކަފާލާތުގެ މުއްދަތު އިތުރުކޮށްފި


ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ މުއްދަތު އެ ޤައުމުގެ ކޯޓަކުން އިތުރުކޮށްދީފައެވެ. ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ކޮރަޕްޝަންގެ ޝަރިއަތްކުރާ ޚާއްޞަ ކޯޓުން ޚާން ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ހުރި މުއްދަތު އިތުރު ކޮށްދީފައި ވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ.

އެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވީ ނަމަވެސް ޚާން ހައްޔަރުކުރަން ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ތުހުމަތު ކުރެއެވެ. އަދި، އޭނާ އަލުން ފުލުހުންގެ ހައްޔަރަށް ގެންގޮސްފި ނަމަ، މަގުތަކަށް ނިކުމެ މުޒާހަރާ ކުރުމަށް އޭނާއަށް ތާޢީދުކުރާ މީހުންނަށް އޭނާ ދަނީ ބާރުއަޅަމުންނެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ހިންގަވާފައިވާ ކޮރަޕްޝަންގެ ތުހުމަތުގައި ޚާން ހައްޔަރުކޮށްފައި ވަނީ ހުސްވި މޭ މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް، އޭނާ ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ކަނޑައެޅުމުން ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރިއެވެ.

ނަމަވެސް، ޚާން ހައްޔަރު ކުރުމާ އެކު އޭނާއަށް ތާޢީދުކުރާ މީހުންނާއި އޭނާގެ ތަހްރީކް އަލް-އިންސާފު (ޕީ.ޓީ.އައި) ޕާޓީގެ މެންބަރުން ވަނީ އިސްލާމްއާބާދުގެ އިތުރުން ބޮޑެތި ރަށްތަކުގެ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފައެވެ. އަދި، އޭނާ މިނިވަން ކުރުމަށް ގޮވައިލާ ހަމަނުޖެހުން ހިންގައި، މުދަލާއި ތަކެއްޗަށް ގެއްލުންދީފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު، ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރު ވެސް ކުރިއެވެ.

"ސަރުކާރުން ހީވޭ އަޅުގަނޑު ހައްޔަރުކޮށް ޖަލަށް ލައިފިނަމަ ރައްޔިތުން އަތް އުރައިލައިގެން ބަލަން ތިބޭނެ ކަމަށް. އެހެނެއް ނުވާނެ. އަޅުދާސްތުވުމަށް ވުރެ ފުރާނަ ގެއްލުން ވެސް މާ ރަނގަޅު. ސަރުކާރުގެ ބިރުދެއްކުންތަކަށް ފަސްޖެހިގެން ނުވާނެ. އެ ކަމާ ދެކޮޅަށް ތެދުވަން ޖެހޭ. ސުލްޙަވެރިކަމާ އެކު މުޒާހަރާ ކުރުމަކީ އެންމެންގެ ހައްޤެއް،" ޚާން ވިދާޅުވިއެވެ.

ޚާންގެ އިތުރުން އޭނާގެ އަނބިކަނބަލުން ބުޝްރާ ބިބީ ވެސް ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ މުއްދަތު ކޮރަޕްޝަނާ ބެހޭ ކޯޓުން ވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ޚާން ދުރުކޮށްފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ. ވެރިކަމުން ދުރުކުރުމުން ޚާން ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އެ ސަބަބާ ގުޅިގެން ކަމަށް އޭނާއަށް ތާޢީދުކުރާ މީހުން ގަބޫލުކުރެއެވެ.

ކަފާލާތުގެ ދަށުން ޚާން މިނިވަންކޮށްފައިވީ ނަމަވެސް، ސަރުކާރުން އޭނާގެ ޕާޓީއާ ދެކޮޅަށް ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ޕާޓީގެ އިސްވެރިންގެ އިތުރުން ޢާންމު މެންބަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ޕާޓީގެ އިސް މެންބަރުންތަކެއް ޕާޓީން ވަކިވެފައިވާ ކަން ވެސް ފާހަގަކުރެވެއެވެ. އަދި، އޭނާއަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ނޫސްވެރިން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ތުހުމަތު ކުރައްވާ ގޮތުގައި ޚާން މަސައްކަތް ކުރައްވަނީ ޕާކިސްތާނުގެ ސުލްޙައާއި ހަމަޖެހުން ނަގައިލައްވާށެވެ. އަދި، ޚާނަށް ތާޢީދުކުރާ މީހުން ހަމަނުޖެހުން ހިންގަމުން ދަނީ އޭނާގެ އެންގެވުމުގެ ދަށުން ކަމަށް ވެސް ޝަރީފް ތުހުމަތު ކުރައްވައެވެ. ނަމަވެސް، ޚާން ގެންދަވަނީ މި ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.