ޚަބަރު

އިތުރު 50 ކުދިންނާއެކު ސްޓޫޑެންޓް ލޯނުގެ ދާއިމީ ލިސްޓު ޢާއްމުކުރައްވައިފި


  • []

އިތުރު 50 ކުދިންނާއެކު ސްޓޫޑެންޓް ލޯނުގެ ދާއިމީ ލިސްޓު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޢާއްމުކުރައްވައިފިއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވައިލެއްވީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ހުޅުވާލެއްވި 720 ލޯން ފުރުޞަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވަނީ ނިންމަވާފައެވެ.

ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް މިމަހުގެ އެއްވަނަ ދުވަހު އިޢުލާން ކުރެއްވިއިރު އެލިސްޓްގައި 1225 ދަރިވަރުން ހިމެނުނު ނަމަވެސް މިއަދު ދާއިމީ ލިސްޓް އިޢުލާން ކުރެއްވިއިރު 1275 ދަރިވަރަކަށް ލޯނު ލިބޭކަން މިވަނީ ހާމަކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުގައި ދަރިވަރުންގެ ފަރާތުން ހުށައަޅާފައިވާ ކަންކަމަށް ބެލުމުން އިތުރު 50 ދަރިވަރަކަށް ފުރުސަތު ލިބޭކަމަށެވެ. އެހެންކަމުން މިއަހަރު ސަރުކާރުގެ ޚަރަދުގައި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު 1275 ދަރިވަރަކަށްވަނީ ފަހިވެގެން ގޮސްފައެވެ.

މިއަހަރު ލޯނު ލިބޭ ކުދިންގެ ދާއިމީ ލިސްޓު މިހާރުވަނީ މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައެވެ. އަދި މިލިސްޓް ދަރިވަރުންގެ 'މައި އެޑިއު ޕޯޓަލް'އަށްވެސް އަޕްޑޭޓްކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފާއިތުވި 4 އަހަރާއި ބައިގެ ތެރޭގައި ސަރުކާރުންވަނީ، މަތީ ތަޢުލީމު ހޯދުމަށް 3261 ދަރިވަރަކަށް ލޯނު ދޫކޮށްފައެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތުވަނީ ހުޅުވާލައްވައިފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވަމުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުއްވައިލައްވައި، އެ ދަރިވަރުންގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައި ނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުޞަތުވެސް މިފަހަރުވަނީ ހުޅުއްވައިލައްވައިފައެވެ.

މިފަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއިރު، ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު، ޑިމާންޑް ބޮޑު ދާއިރާތަކުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިންވަނީ ޖާގަ އިތުރުކުރައްވާފައެވެ.